ޚަބަރު

މި މަހުގެ ނިޔަލަށް މަޖިލީހުގެ ދައުރު ކުރުކޮށްލުމަށް އިޞްލާހެއް


  • މިއަހަރުގެ ފުރަތަމަ ދައުރު ނިމޭނީ މި މަހުގެ ނިޔަލަށްކަމަށް އިޞްލާހުގައިވޭ

  • ތިން ދައުރުގެ މުއްދަތަށްވެސް ވަނީ އިސްލާހު ހުށަހަޅުއްވާފައި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލައި، މިއަހަރުގެ ފުރަތަމަ ދައުރު މި މަހުގެ ނިޔަލަށް ކުރުކޮށްލުމަށް އިސްލާހެއް ހުށަހަޅުއްވައިފިއެވެ. މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ޢަބްދުﷲ ރިފާޢުއެވެ. އެ އިސްލާހުގައި މެންބަރު ވަނީ އަހަރުގެ ތެރޭގައި މަޖިލީހުގެ ތިން ދައުރު ބެހިގެންވާގޮތް ހާމަކުރައްވާފައެވެ.

އިސްލާހުގައިވާގޮތުން މަޖިލީހުގެ ފުރަތަމަ ދައުރު ކުރިއަށްދާނީ ޖެނުއަރީމަހުގެ އެއްވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށެވެ. އަދި ދެވަނަ ދައުރު އޭޕްރިލް މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ކުރިއަށްދާއިރު ތިންވަނަ ދައުރު ކުރިއަށްދާނީ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށްކަމަށް އިޞްލާހުގައިވެއެވެ.

އެ އިސްލާހުގައި މެންބަރު ރިފާޢު ފާހަގަކުރައްވާފައިވާ ގޮތުގައި ފުރަތަމަ ދައުރު ޖެނުއަރީގެ ނިޔަލަށް ހިނގާނެކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް މިއަހަރުގެ މިހާރު ހިނގަމުންދާ ފުރަތަމަ ދައުރު ހިނގާނީ ފެބްރުއަރީ މަހުގެ ނިޔަލަށް ކަމަށެވެ. މިއަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ފެށީ މި މަހުގެ 6ވަނަ ދުވަހުއެވެ.

މަޖިލީހުގެ ގަވާއިދު މިހާރު އޮންނަ ގޮތުން އަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ކުރިއަށްދާނީ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މެއި 15ގެ ނިޔަލަށެވެ. އަދި ދެވަނަ ދައުރް ޖޫން އެކަކުން އޮގަސްޓު 15ގެ ނިޔަލަށް ކުރިއަށްދާއިރު ތިންވަނަ ދައުރު ކުރިއަށްދާނީ އޮކްޓޯބަރު އެކަކުން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.

މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު މި މަހުގެ ނިޔަލަށް ނިންމާލަން އިސްލާހެއް ހުށަހަޅުއްވާފައިވާއިރު އަންނަ މާޗު މަސް ދިމާވަނީ ރަމަޟާން މަހާއެވެ.