ކުޅިވަރު

ގޯލްޑަން ފުޓްސަލް ޗެލެންޖް: ތިމަރަފުށި، ވިލިމާލެ، އޭދަފުށި އަދި ކުޑަހުވަދޫން ޒޯން ތަށި އުފުލާލައިފި


ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ޒޯން ބުރުގެ ފައިނަލްތައް ރޭ ކުޅެވުނުއިރު އެންމެ ފަހުގެ ޗެމްޕިއަނުން ބ.އޭދަފުށި ޒޯން 3 ގެ ތަށި އުފުލާލައިފިއެވެ. މީގެއިތުރުން މުބާރާތުގެ އެންމެ ކާމިޔާބު ޓީމް ތ. ތިމަރަފުށި ވަނީ ޒޯން 6 ގެ ތަށި މި ޒޯންގެ އެންމެ ފަހުގެ ޗެމްޕިއަނުން ބަލިކޮށް އުފުލާލާފައެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިހާރު ކުރިއަށްދަނީ މުބާރާތުގެ ޒޯންބުރުގެ ފައިނަލް މެޗުތަކެވެ. މިގޮތުން ރޭ 4 ޒޯނެއްގެ ކުޅުން ނިމިގެންދިޔައިރު ބާކީ އޮތް 4 ޒޯންގެ ކުޅުން މިރޭ ނިމިގެންދާނެއެވެ.

ޒޯން 6ގެ ފައިނަލްގައި މިއަހަރުވެސް ވާދަކުރީ ތިމަރަފުއްޓާއި އެންމެ ފަހުގެ މިޒޯންގެ ޗެމްޕިއަނުން ލ.ގަމެވެ. ފައިނަލް މެޗުގެ ކުރިން މިދެޓީމުގެ މެދުގައި ކުޅެވުނު 4 މެޗުވެސް ކާމިޔާބުކޮށްފައިވަނީ ގަމުންނެވެ. އެހެންނަމަވެސް ފައިނަލް މެޗުގައި ފެނުނީ މުޅިންތަފާތު މަންޒަރެކެވެ. ގޯލްޑަންގެ އެންމެ ކާމިޔާބު ޓީމު ވަނީ ޒޯން ފައިނަލުގައި އެޓީމަކީ އަދިވެސް މުބާރާތުގައި އެހެންޓީމުތައް ޖެހިލުންވާން ޖެހޭ ވަރުގެ ޓީމެއްކަން ސާބިތުކޮށްދީފައެވެ.

ތިމަރަފުށި ފައިނަލް މެޗު ކާމިޔާބުކުރީ 4 -0 ނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ ތިމަރަފުށީގެ އަހުމަދު އަފްލާޒްއެވެ. މި ޒޯންގެ އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިއާގެ މަގާމް ހޯދީ އިސްދޫގެ ހުސެއިން އަފްޙާންއެވެ. އަދި ޒޯން6ގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ ތިމަރަފުށީގެ އާދަމް ނާސިހު(އާދަންނާ) އެވެ.

ޒޯން 8ގެ ފައިނަލްގައި ބައްދަލުކުރީ ވިލިމާލެ އާއި މައްޗަންގޯޅިއެވެ. މާބޮޑު ޗެލެންޖެއް ފެނިފައި ނުވާ ޒޯން8 ގެ ތަށި ވިލިމާލެއިން އުފުލާލީ ފައިނަލްގައި މައްޗަންގޯޅި 4-1 ބަލިކުރުމަށްފަހުއެވެ. މިއީ ވިލިމާލެ ޒޯން8 (މާލޭ ޒޯން)ގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ. އަދި މިއާއެކު މިދިޔައަހަރުގެ ގަދަ ހަތަރު ޓީމުގެ ތެރެއިން ޖާގަ ހޯދި ވިލިމާލެ ޓީމުން އަމާޒު ހިފާފައިވަނީ މުބާރާތުގެ ތަށި އުފުލާލުމަށެވެ.

ޒޯން8ގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއާގެ އިތުރުން އެންމެ މޮޅު ކުޅުންތެރިއާގެ މަގާމްވެސް ހޯދީ ވިލިމާލެ ޓީމާއި މިއަހަރު ގުޅުނު އަހުމަދު ބައްސާމް (ބައްކު)އެވެ.

ޒޯން5ގެ ފައިނަލްގައި ކުޑަހުވަދޫ ނިކުތީ މުޅިން އަލަށް ޒޯންބުރަށް ކޮލިފައިވި ފ.ދަރަނބޫދޫ އާއި ދެކޮޅަށެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗު ނިމެން 2 މިނެޓަށް ވީރުވެސް ލީޑު ކުރަމުންދިޔައީ ދަރަނބޫދޫއިންނެވެ. އެހެންނަމަވެސް ފަހު 2 މިނެޓުގެ ތެރޭގައި 3 ލަނޑު ޖަހާ މެޗުގެ ނަތީޖާ އަނބުރާލީ ކުޑަހުވަދޫ ކުޅުންތެރިންގެ ތަޖްރިބާގެ ބޭނުން ހިފައިގެންނެވެ.

ކުޑަހުވަދޫ ފައިނަލް މެޗު ކާމިޔާބުކުރީ 5-3 ނެވެ. ޒޯން 5ގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއާގެ މަގާމް ކުޑަހުވަދޫގެ ހާރޫން(ހާންޑޯ) ހޯދިއިރު މިޒޯންގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ ކުޑަހުވަދޫ ޓީމުގެ ކެޕްޓަން ޖުމައިލް ޖަމީލްއެވެ.

ރޭކުޅެވުނު ޒޯން 3ގެ ފައިނަލްގައި އޭދަފުށި ނިކުތީ ކާށިދޫއާއި ދެކޮޅަށެވެ. ގިނަ އެންޖެރީތަކަކާ ކުރިމަތިލާން ޖެހިފައިވާ ވަރުގަދަ އޭދަފުށި ޒޯން ތަށި އުފުލާލީ ވަރަށް މަސައްކަތުންނެވެ. މެޗުގައި ގޯލެއް ފެނިގެންގޮސްފައި ނުވާއިރު ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ގޯލް ކީޕަރު އިންޖަރީވެ ރިޒާވް ކީޕަރަށްވެސް ނުކުޅެވޭ ހާލަތައް ދިއުމުން ޓީމު މޮޅު ކޮށްދިނީ އަންގި އަޅައިގެން ކީޕަރަށް އެރި ޑިފެންޑަރު އަޖުފާންއެވެ.

އަޖުފާން ވަނީ ޕެނަލްޓީ ޝޫޓް އައުޓްގައި 3 ޕެނަލްޓީ މަތަކޮށް އޭދަފުއްޓަށް ތަށި ހޯދައިދީ ފައިނަލް މެޗުގެ މޮޅުކުޅުންތެރިއާގެ މަގާމްވެސް ހޯދާފައެވެ. ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އެންމެ ފަހުގެ ޗެމްޕިއަނުން އޭދަފުށި ޒޯން 3 ކާމިޔާބުކުރި އިރު މިޒޯންގެ މޮޅު ކުޅުންތެރިއާ އަދި އެންމެ ގިނަ ގޯލް ޖެހި ކުޅުންތިއާގެ މަގާމްވެސް ހޯދީ އޭދަފުށީގެ ތަޖްރިބާކާރު ކުޅުންތެރިއާ މުހައްމަދު ފާސިރު(ފާއްޓޭ) އެވެ.

މިމުބާރާތުގައި ބާކީއޮތް ހަތަރު ޒޯންގެ ކުޅުން މިރޭ ނިމޭނެއެވެ. އަދި ދެން މުބާރާތުގައި ކުރިއަށް އޮންނާނީ ގަދަ ސޯޅަ ޓީމާއެކު ފައިނަލް ބުރުގެ ކުޅުމެވެ.