"ސިވިލް ސޮސައިޓީ އެންގޭންޖްމެންޓް ކެޕޭސިޓީ ބިލްޑިންގް" ގެ ނަމުގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރްސީއެމުން މިދިޔަ އަހަރު ތައާރަފްކުރި ސްޓްރެޓެޖީގައި ހިމަނާފައިވާ ކަންތައްތައް ކުރިއަށްގެންދެވޭނެ ގޮތްތަކާމެދު މަޝްވަރާކުރުމަށް ފޯރަމެއް ފަށައިފިއެވެ.
މަންހަޓަން ފިޝްމާކެޓް ހޯލުގައި ބާއްވާ މިފޯރަމްގައި އަތޮޅުތެރޭގެ 12 ޖަމްޢިއްޔާއާއެކު ޖުމްލަ 40 ޖަމްޢިއްޔާއަކުން 65 އަށްވުރެ ގިނަ މީހުން ބައިވެރިވެއެވެ.
މިފޯރަމަކީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރްސީއެމުން އިންތިޒާމްކޮށްގެން ބާއްވާ އެޗްއާރްސީއެމް-ސީއެސްއޯ ޕާޓްނަރޝިޕްގެ ދަށުން ބާއްވާ ފޯރަމެކެވެ.
އެޗްއާރްސީއެމް-ސީއެސްއޯ ޕާޓްނަރޝިޕް ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޗްއާރްސީއެމްގެ ސެކްރެޓަރީ ޖެނެރަލް އާމިނަތު ނައުޝާން އަބްދުލް މުހައިމިން ވިދާޅުވީ، ހިއުމަން ރައިޓްސް ކޮމިޝަނުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މަދަނީ ޖަމްޢިއްޔާ ޖަމާޢަތްތަކާއި އޮންނަ ގުޅުން ވަރުގަދަ ކުރުމަށާއި ޖަމާޢަތްތައް ބާރުވެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރިއަށްގެންދަވާކަމަށެވެ.
" ޖަމްޢިއްޔާތަކާއެކު ކުރެވޭ މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި 2024 ވަނަ އަހަރު ސިވިލް ސޮސައިޓީ އެންގޭންޖްމެންޓް ކެޕޭސިޓީ ބިލްޑިންގްގެ ނަމުގައި ޔޫއެންޑީޕީގެ އެހީތެރިކަމާއެކު ސްޓްރެޓެޖީއެއް ތައްޔާރުކުރެވި މިއަހަރު އަމަލުކުރަން ވަނީ ހަމަޖެހިފައި. މި ސްޓްރެޓެޖީގެ މަސައްކަތްކުރެވުމުން ދިޔައިރު އެކި ފަހަރުމަތިން ޖަމްޢިއްޔާތަކާއެއްކޮށް ބައްދަލުވުންތައް ބޭއްވި އެ ފަރާތުން ހުށަހަޅާފައިވާ ޚިޔާލުތަކާ ކަންބޮޑުވުންތަކާއި އެއްކޮށް އެ ކަންކަން ވަނީ ހިމެނިފައި." ނައުޝާން އަބްދުލް މުހައިމިން ވިދާޅުވިއެވެ.
ނައުޝާން ވިދާޅުވީ މިސްޓްރެޓެޖީއަކީ ސިވިލް ސޮސައިޓީއާއި ޖަމްޢިއްޔާތަކާއެކު ގުޅުން ބަދަހިކުރުމަށް އެކުލަވާލެވުނު މުހިންމު ސްޓްރެޓެޖީއެއްކަމަށެވެ. މިސްޓްރެޓެޖީގެ މައިގަނޑު އަމާޒަކީ ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތަކުގެ ނެޓްވަރކް ހަރުދަނާކުރުމާއި، އިންސާނީ ޙައްޤުތައް ހިމާޔަތްކޮށް ކުރިއެރުވުމަށް މަގުފަހިކުރާ މާހައުލެއް ޤާއިމުކުރުންކަމަށް އޭނާ ވިދާޅުވިއެވެ.
އެއް ދުވަހުގެ މިފޯރަމްގައި، މިސްޓްރެޓެޖީގެ ދަށުން ތަންފީޒުކުރެވިދާނެ ހަރަކާތްތަކާމެދު މަޝްވަރާކުރެވޭނެއެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި މަދަނީ ޖަމްޢިއްޔާތަކުގެ ބައިވެރިވުން އިތުރުކުރުމާއި، މުއައްސަސާތަކުގެ ޤާބިލުކަން އިތުރުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރެވޭނެއެވެ.
އެޗްއާރްސީއެމް-ސީއެސްއޯ ޕާޓްނަރޝިޕް ފޯރަމަކީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ކޮންމެ ތިން މަހަކުން އެއްފަހަރު ބާއްވާ ފޯރަމެކެވެ. މި ފޯރަމްގެ މައިގަނޑު މަޤްޞަދަކީ އިންސާނީ ޙައްޤުތަކާ ގުޅޭ މުހިންމު މައްސަލަތަކަށް ރިޢާޔަތްކުރުމާއި، އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ފަރާތްތަކަށް އެހީތެރިވުމާއެކު، މަދަނީ ބައިވެރިވުން އިތުރުކުރުމެވެ.