ޔުއެފާ ޗެމްޕިއަންސް ލީގުގައި ޖަރުމަނުގެ ބަޔާން މިއުނިކާ ދެކޮޅަށް އަމިއްލަ ދަނޑުގައި ނަތީޖާ ރަނގަޅުކުރުން ވަރަށް މުހިންމު ކަމަށް ސްކޮޓްލަންޑުގެ ސެލްޓިކްގެ ކޯޗު ބްރެންޑަން ރޮޖާސް ބުނެފިއެވެ.
އޭނާ މިހެން ބުނީ ގަދަ 16 އަށް ދިއުމަށް ކުޅެން ޖެހޭ ޕްލޭއޯފް މެޗުގެ ކުރިން ވާހަކަ ދައްކަމުންނެވެ.
"ބަޔާން މިއުނިކަކީ ޔޫރަޕުގެ އެންމެ ވަރުގަދަ އެއް ޓީމު. އެމީހުން ހޯދާފައިވާ ކާމިޔާބީތަކަށް ބަލާއިރު ވެސް ހުރިހާ ގޮތަކުން ވެސް އެއީ ވަރުގަދަ ވަރުގަދަ އަދި ތަޖުރިބާކާރު ޓީމެއް. ކޮންމެ ސީޒަނެއްގައި ވެސް އެމީހުންނަކީ މި މުބާރާތުގައި އަބަދުވެސް ރަނގަޅު ހިސާބެއްގައި ވާދަކުރާ ބައެއް،" ރޮޖާސް ބުންޏެވެ.
ކުރިން އިނގިރޭސި ވިލާތުގެ ލިވަޕޫލަށް ކޯޗުކޮށްދިން ރޮޖާސް ބުނީ ބަޔާންގެ ދަނޑުގައި ކުޅެން ޖަރުމަނަށް ދާން ވާނީ އަމިއްލަ ދަނޑުގައި ކާމިޔާބު ހޯދައިގެން ކަމަށެވެ.
"އެހެންނޫނީ މޮޅުވުން ވާނީ ވަރަށް ދަތި ކަމަކަށް. އެމީހުންނާ ދެކޮޅަށް އަހަރުމެން މި ދަނޑުގައި މޮޅަށް ކުޅެން ޖެހޭނެ. އަހަރުމެން ވަރަށް ދުވަން ޖެހޭނެ. ޖިސްމާނީ ގޮތުން ފިޓްވާން ޖެހޭނެ. މިކަންކަމަކީ އަހަރުމެން މިދިޔަ ދުވަސްތަކުގައި ކުރިއެރުން ހޯދާފައިވާ ކަންކަން. އެހެންވީމާ ކޮންމެ ކަމެއް ވެސް ވެދާނެ ކަމަށް ތައްޔާރުވާން ޖެހޭނެ. އަހަރުމެން ވަރަށް ފަރުވާތެރިވާންޖެހޭނެ،" ކޯޗު ބުންޏެވެ.
އޭނާ އަދި ބުނީ ބަޔާން އަކީ މި ސީޒަނަށް ބަލާއިރު ޖަރުމަނުގައި ވެސް އެންމެ ނަތީޖާ ރަނގަޅު ޓީމު ކަމަށެވެ. މިހެންވެ 90 މިނިޓް ތެރެއިން އެންމެ ސިކުންތަކު ވެސް ފަރުވާކުޑަކޮށްފިނަމަ މެޗުން އަތުން ދޫވެދާނެ ކަމަށެވެ.
"އަހަރުމެން އެމީހުންނާ ކުޅެގެން ބަލިވެދާނެތީވެ ބިރެއް ނުގަނޭ. އެކަމަކު އަހަރުމެން އަބަދުވެސް ތިބެންޖެހޭނީ ހޭލައި. އެއީ މޮޅު ކުޅުންތެރިން ވަރަށް ގިނަ ވަރަށް ވަރުގަދަ ޓީމެއް،" ރޮޖާސް ބުންޏެވެ.
ބަޔާން އަކީ ހަ ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ މުބާރާތުގެ އެންމެ ކާމިޔާބު އެއް ޓީމެވެ. މިއާ ހިލާފަށް ސެ؛ލްޓިކަކީ މި މުބާރާތުގައި އަދި ޔޫރަޕުގައި ވެސް މާބޮޑަށް ފާހަގަކޮށްލެވޭ ޓީމެއްނޫނެވެ.