ޚަބަރު

ފެނަކައިގެ ދަށުގައިހުރި ހުރިހައި އައިސްޕްލާންޓުތައް މިފްކޯއާ ހަވާލުކޮށް އޮޕަރޭޝަނަށް ގެންނަނީ


  • ފެނަކައިގެ ދަށުގައި 14 އައިސްޕްލާންޓު އެބަހުރި

  • ހުރިހާ އައިސްޕްލާންޓުތައް މިމަހު 15ގެ ކުރިން މިފްކޯއާ ހަވާލުކުރާނެ

ފެނަކައާއި ހަވާލުކޮށްފައި ހުރި ހުރިހައި އައިސްޕްލާންޓްތައް މިމަހުގެ 15 ގެ ކުރިން މިފްކޯއާއި ހަވާލުކުރާނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުން ދެންނެވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

މިފްކޯގެ ދަށުން ހިންގަމުން އައި 14 އައިސްޕްލާންޓެއް މިދިޔަ ސަރުކާރުގައި ވަނީ ފެނަކައާއި ހަވާލުކޮށްފައެވެ. މިއާއެކު އައިސްޕްލާންޓް އެންމެ ރަނގަޅަށް ފެނަކައަށް ނުބެލެހެއްޓި ބައެއް އައިސްޕްލާންޓްތަކުގެ އޮޕަރޭޝަން ހުއްޓި އެކަމުގެ ޝަކުވާއާއި ކަންބޮޑުވުންތައް މަސްވެރިން ދިޔައީ ކުރަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވަނީ މަސްވެރިންނަށް އައިސް ލިބުމުގައ ހުރި ދަތިތައް ހައްލުކުރުމަށް ކުރާ މަސައްކަތްތަކާއި ގުޅޭގޮތުން ސުވާލުކުރައްވާފައެވެ. އެ ސުވާލަށް ޖަވާބުދެއްވަމުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، މަސްވެރިންނަށް އައިސް ލިބުމުގައި އޮތް އެންމެ ބޮޑު ދައްޗަކަށްވީ މިދިޔަ ސަރުކާރުގައި އައިސްޕްލާންޓްތައް ހިންގުން ފެނަކަ ކުންފުންޏާ ހަަވާލުކުރުންކަމަށެވެ. ފެނަކައާއި އައިސްޕްލާންޓްތައް ހަވާލުކުރުމުން އައިސްޕްލާންޓްތައް ހިންގުން ހުއްޓުނުކަމަށާއި، އެކުންފުނީގައި އައިސްޕްލާންޓް އޮޕަރޭޓްކުރަން ދަންނަ މީހަކު ނެތްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. މިއީ މިދިޔަ ސަރުކާރުން މަސްވެރިންނަށް ވެފައިވާ އިހުމާލެއްގެގޮތުގައި ވަޒީރު ވަނީ ސިފަކުރައްވާފައެވެ. އަދި އެ އައިސްޕްލާންޓުތައް ފެނަކަ ކުންފުނީގެ ދަށުން ނަގައި، ހިންގުން މިފްކޯއާ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި، މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހުރިހައި އައިސްޕްލާންޓުތަކެއް މިފްކޯއާ ހަވާލުކުރެވޭނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"ފެނަކަ ކިޔާ ކަރަންޓް ކުންފުންޏަކަށް އައިސްޕްލާންޓްތައް ދީފައި ހުރީ. އައިސްޕްލާންޓަކާއި ކުޅެން އިނގޭ މީހަކުވެސް އެތަނަކު ނެތް. ދެން އިއްޒަތްތެރި މެންބަރު ވިސްނަވާ އެ އައިސްޕްލާންޓްތަކަށް ވާނެގޮތް. މިފްކޯއަށް އިރާދަކުރެއްވިއްޔާ ފެނަކައާއި ހަވާލުކުރެވިފައި ހުރި ހުރިހައި އައިސްޕްލާންޓްތަކެއް މިމަހުގެ 15 އެއީ އެންމެ ފަހު ތާރީހު. 15 ގައި ހުންނާނީ މިފްކޯގެ ބެލުމުގެ ދަށުގައި. އިރާދަކުރެއްވިއްޔާ އައިސްޕްލާންޓްތަކަށް މިހާރު މިޖެހޭ މައްސަލަ އަޅުގަނޑުމެން ހައްލުކުރާނަން". ވަޒީރު ވިދާޅުވިއެވެ.

މަސްވެރިން އައިސްޕްލާންޓްތަކަށް ބަރޯސާވާ ބަރޯސާވުން ހުއްޓުވުމަކަށް ގެނައުމަށް ސަރުކާރުން ވަރަށް ލުއި ފެސިލިޓީއެއް ތައާރަފްކޮށްފައިވާކަންވެސް ވަޒީރު ޝިޔާމް ފާހަގަކުރެއްވިއެވެ. މި ލޯނު ސްކީމްގެ ދަށުން 50 ފޫޓުން ބޮޑު ކޮންމެ ދޯންޏެއްގައި ލޮނުފެނުން މަސް ފިނިކުރެވޭ ނިޒާމް ގާއިމްކުރުމަށް ހަމަޖެހިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. މި މަޝްރޫޢު ނިމުމުން މަސްވެރިން އައިސްހޯދުމަށް ތެޔޮ އަންދައިގެން އެ ކުރާ ދިގު ދަތުރުތަކަށް ނިމުމެއް އަންނަނާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ ދިވެހިރާއްޖޭގެ ދެކުނުގައި މިހާރު %60 އަށްވުރެ ގިނަ ދޯނިފަހަރުގައި އާރުއެސްޑަބްލިއު އަޅައިފި. އިރާދަކުރެއްވިއްޔާ މުޅި ފްލީޓްގައި ގާތްގަނޑަކަށް 470 ވަރަކަށް ދޯނި މިއުޅެނީ. މުޅި ފްލީޓްގައި އެޅުނީމައި އެއްގަމުގައި މިހިރަ އައިސްޕްލާންޓްތަކަށް ބަރޯސާވާ ބަރޯސާވުން އަޅުގަނޑުމެންނަށް އެއްކޮށް ނިންމާލެވޭނެ". މަސްވެރިކަމާބެހޭ ވަޒީރުވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ މިއީ ދިވެހިރާއްޖޭގެ މަސްވެރިންނަށް ސަރުކާރަކުން ހިންގާ އެންމެ މުހިންމު އެއް މަޝްރޫޢުކަމަށެވެ. މަސްވެރިކަމަށް ބަންނަ ދޯނިތަކަށްވެސް އާރުއެސްޑަބްލިއު ސިސްޓަމް ނުވަތަ ލޮނުފެނުން މަސް ފިނިކުރެވޭ ނިޒާމު ހަރުކުރުމަށް ލޯނަށް އެދި ހުށައެޅޭނެ އިންތިޒާމް މިހާރު ހަމަޖެހިފައިވާކަމަށްވެސް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވިއެވެ.