ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ އަހަރުގެ ފުރަތަމަ މުބާރާތް ކަމަށްވާ 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕުގެ ފުރަތަމަ މެޗުގައި ކުލަބު އީގަލްސް އާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބައްދަލުކުރަން ޖެހިއްޖެ އެވެ.
ޖުމްލަ 8 ޓީމާއެކު ބާއްވާ މިއަހަރުގެ ޔޫތު ޗެމްޕިއަންޝިޕުގެ ކުޅުން ކުރިޔަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭގައި ހިމެނެނީ ކުލަބު އީގަލްސް އާއި މާޒިޔާގެ އިތުރުން ކުލަބު ވެލެންސިޔާ އާއި ބުރު ސްޕޯޓްސް ކުލަބެވެ.
ގްރޫޕް ބީގައި ހިމެނެނީ އޮޑި ސްޕޯޓްސް ކުލަބާއި ވިކްޓްރީ ސްޕޯޓްސް ކުލަބުގެ އިތުރުން ޓީސީ ސްޕޯޓްސް ކުލަބާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ.
މުބާރާތުގެ ގުރުނެގުން އިއްޔެ ބާއްވާފައިވާއިރު، މި މުބާރާތުގެ ކުޅުން ކުރިޔަށްދާނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން މިމަހުގެ 27 ވަނަ ދުވަހަށެވެ. ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމަށް ސެމީ ފައިނަލުން ފުރުސަތު ލިބޭއިރު، ފައިނަލް މެޗު ތާވަލުކޮށްފައިވަނީ 27 ވަނަ ދުވަހުގެ ރޭގަނޑު އެވެ.
އެފްއޭއެމުގެ އަހަރީ ކަލަންޑަރަށް ބޮޑެތި ބަދަލުތަކެއް އަންނައިރު، މިއަހަރުގެ ލީގު ހުޅުވާ މެޗާއި ޕްރިމިއާ ލީގު ވަނީ ލަސްކޮށްފައެވެ. އެގޮތުން ލީގު ހުޅުވާ މެޗު ކުޅުމަށް މަސައްކަތްކުރަނީ މިމަހުގެ ފަހުކޮޅުގައެވެ. އަދި ދިވެހި ޕްރިމިއާ ލީގު ފެށުމަށް މިހާރު ތާވަލުކުރަނީ ރޯދައިގެ ފަހުންނެވެ.