އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ސަރުކާރުން ހުށަހެޅުއްވި އިސްލާހަކީ ސިޔާސީ ދާއިރާގައި އަންހެނުން ބާރުވެރިކުރުވަން އެޅުނު މުހިންމު ފިޔަވަޅެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވިދާޅުވެއްޖެއެވެ. މެންބަރުން މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަޒރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ސަރުކާރުން ހުށަހެޅުއްވި އިސްލާހުތަކާ ގުޅިގެން ބަހުސްކުރައްވަމުންނެވެ.
ސަރުކާާރުން ވަނީ ރަށްތަކާއި ސިޓީތަކުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ދައުރު އިތުރަށް ސާފުކޮށް، އެ ކޮމިޓީތައް ބާރުވެރިކުރުމަށް ޤާނޫނަށް އިޞްލާހު ހުށަހަޅުއްވާފައެވެ. އަދި ކޮމިޓީގެ މެންބަރުންނަށް އެކަށީގެންވާ އުޖޫރައަކާއެކު ރަމަޟާން މަހުގެ އެލަވެންސްވެސް ދޭންޖެހޭގޮތަށްވެސް އިސްލާހު ވަނީ ހިމަނާފައެވެ.
މި އިސްލާހަށް ވާހަކަދައްކަވަމުން މިލަންދޫ ދާއިރާގެ މެންބަރު ޙަސަން މުފީދު ޢަބްދުލްޤާދިރު ވިދާޅުވީ މި ސަރުކާރުން ރާއްޖެއަށް ހެޔޮ ބަދަލުތަކެއް ގެންނާނެކަމަށާއި، މި ބިލުގެ ސަބަބުން އަންހެނުންގެ ކޮމިޓީތަކަށް އުފާވެރިކަމާއި ހިތްހަމަޖެހުން ލިބޭނެ ކަމަށެވެ. މިއީ ކޮމިޓީތައް އުފެދުނީއްސުރެ މެންބަރުން އެދެމުން އައި ކަމެއްކަންވެސް މެންބަރު ފާހަގަކުރެއްވިއެވެ.
"މި ބިލު ޤާނޫނަކަށްވެ ނިމިގެންދާއިރު މީގެން ލިއްބައިދޭ އިނާޔަތްތަކާއި ހިމާޔަތްތަކާއި ހުރިހާކަމެއްވެސް މިދަނީ ފުރާ ފުރިހަމަވެގެން. އެހެންވީމާ އަޅުގަނޑު ދަންނަވާލާނީ، އަޅުގަނޑުމެން އަނގައިން ދައްކާ ވާހަކައާ ކުރާ ކަންތައްތަކާއި ތަރުތީބުކުރެވިގެންދާނީ ދިވެހިރާއްޖޭގެ ރައްޔިތުންގެ އިހުސާސާއި ވިންދާއި އެކުލެވިގެންވާގޮތަށް. އެބޭފުޅުންގެ ހިތްކަށް އުފާވެރިކަން ގެނުވައިދޭނެގޮތަކަށް،" މެންބަރު ޙަސަން މުފީދު ވިދާޅުވިއެވެ.
ނިލަންދޫ ދާއިރާގެ މެންބަރު ފާތުމަތު ސަޢުދާ ވިދާޅުވީ މީގެ ކުރިން ބައެއް ކައުންސިލްތަކުން އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންނަކީ މަސައްކަތުގެ މީހުންގެ ދަރަޖައިގެ ބައެއްކަމަށް ގަބޫލުކުރަމުން އައި ކަމަށެވެ. ނަމަވެސް މިހާރު ޤާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހުގެ ސަބަބުން އެ ކޮމިޓީގެ މެންބަރުންގެ ދައުރާއި މަސްއޫލިއްޔަތު ހާމަވެގެންދާކަމަށް މެންބަރު ސަޢުދާ ވިދާޅުވިއެވެ.
"މިދިޔަ ސަރުކާރުން ޑަބްލިއުޑީސީގެ ހަގީގީ ބޭނުން ނުކޮށް، ހަމައެކަނި ސިޔާސީ މަސައްކަތްކުރުމަށް ނުވަތަ ރަށުތެރޭގައި ފޮޅާ ސާފުކުރާ ބައެއްގެ ގޮތުގައި ގެންގުޅުމަށް ޑަބްލިއުޑީސީގެ މެންބަރުން ހަދާފައިވާކަން ހިތާމައާއެކު ފާހަގަކުރަން. މިކަމަށް ނިމުމެއް ގެނެސް ޑަބްލިއުޑީސީގެ މެންބަރުކަމުގެ ފުރިހަމަ ބާރުކަން ލިބިދޭގޮތަށް މިއަދު މިހުށަހެޅިގެންދާ އިސްލާހަށް އަޅުގަނޑު ފުރިހަމައަށް ތާޢީދު ކުރަން،" މެންބަރު ފާޠިމަތު ސަޢުދާ ވިދާޅުވިއެވެ.
މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާޢު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ރައްޔިތުންގެ އަޑުއައްސަވައި، ސިޔާސީ ބޭފުޅުންގެ ޚިޔާލު ހޯއްދަވާއި، އެ ފަރާތްތަކުގެ ހުރި ކަންބޮޑުވުންތަކަށް ޙައްލު ހޯއްދަވައިދެއްވާ ރައީސެއްކަން މި އިސްލާހުންވެސް އެނގިގެންދާ ކަމަށެވެ.
"އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރައްވާނެ ބަޔަކު މި ޤާނޫނުގެ ތެރެއިން އެކަށައަޅާފައި 15 އަހަރުވެފައި އޮތްއިިރުވެސް ކުރާނެ ކަމެއް ޤާނޫނުގެ ތެރޭގައި ލިޔެވިފައިނެތް. އެކަންކަން ފުރިހަމަކޮށްދޭން އަޅުގަނޑުމެންގެ ރައީސުލްޖުމްހުރިއްޔާ މަސައްކަތް މިކުރައްވަނީ. އަންހެނުންނަށް ހަގީގީ މާނާގައި އަންހެނުން ބާރުވެރިކުުރުވުމުގެ މަސައްކަތް، ހަގީގީ މާނައިގައި އަންހެނުންގެ ކަންކަން ތަރައްގީކޮށް އެކަންކަމުގައި މަސްއޫލުވެ އުޅުމުގެ ފުރުސަތު ރައީސް ތަންމިނަށް މި ހުޅުވާލަނީ،" މެންބަރު ޢަބްދުﷲ ރިފާޢު ވިދާޅުވިއެވެ.
ސަރުކާރުގެ ފަރާތުން ޤާނޫނަށް ހުށަހެޅުއްވި އިސްލާހުތަކަށް އިދިކޮޅު އެމްޑީޕީގެ މެންބަރުންވެސް ވަނީ ތާޢީދު ކުރައްވާފައެވެ. މިއީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ފައިދާކުރާނެ އިސްލާހުތަކެއް ކަމަށް އެމްޑީޕީގެ މެންބަރުންވެސް ވިދާޅުވިއެވެ.
ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިޞަލް ވިދާޅުވީ ކައުންސިލްތަކުގެ ގޮނޑިތަކެއް އަންހެނުންނަށް ޚާއްސަކުރުމާއި އަންހެނުންގެ ކޮމިޓީތަކާ ގުޅޭގޮތުން ކައުންސިލަތަކާއި ރައްޔިތުންގެ ޚިޔާލު ތަފާތުކަމަށާއި އެކަމުގެ ދިރާސާއެއް ހެދުމަށްފަހު ޤާނޫނަށް ފުރިހަމަ އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށެވެ.
"އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ހަގީގަތަކީ އަންހެން ކަނބަލުންގެ ވިސްނުމާއި ބައިވެރިވުމާއެކީގައި ނޫނީ ރަށެއް ވިޔަސް މުޖުތަމަޢެއް ވިޔަސް އަވަށެއް ވިޔަސް ގެއެއްވިޔަސް ތަރައްގީވެ ނުދާނެ. އެއަކާ ދެބަސްވާނެ އެއްވެސް ސިޔާސީ ޕާޓީއެއް ނެތް. އެހެންނަމަވެސް ލާމަރުކަޒީ ނިޒާމު އުފެދިފައި އޮތް ގޮތުން، މިހާރުވެސް ކައުންސިލްތަކުގެ މެންބަރުންނާ މަޝްވަރާކުރީމަ ޑަބްލިއުޑީސީގެ މެންބަރުންނާވެސް މަޝްވަރާ ކުރީމަ އެ ބޭފުޅުންގެވެސް އެބަހުރި ޚިޔާލުތަފާތުވުންތަކެއް،" ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ވިދާޅުވިއެވެ.
ސަރުކާރުން ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާބެހޭ ޤާނޫނަށް އިޞްލާހު ހުށައެޅުއްވީ، ރައީސުލްޖުމްހޫރިއްޔާގެ ވަޢުދާ އެއްގޮތަށް އަންހެނުންގެ ކޮމެޓީތަކުގެ މެންބަރުންނަކީ، މުސާރަ ލިބޭ، ރަމަޟާން މަހުގެ އިނާޔަތް ލިބޭ، އަދި މާލީ އިދާރާތަކުގެ އެކި ސްކީމްތަކަށް ޝަރުޠު ހަމަވާ ބައެއްކަމުގައި ހެދުމަށްޓަކައެވެ.
ރައްުޔިތުންގެ މަޖިލީހުން ވަނީ މި ބިލަށް ބަހުސްކުރުމަށްފަހު ދިރާސާކުރުމަށްޓަކާ ކޮމެޓީއަށް ފޮނުވާފައެވެ.