ޚަބަރު

މިދިޔަ އަހަރު މާލޭ ސަރަޙައްދަށް ރަޖިސްޓްރީކުރި ކާރާއި ސައިކަލުގެ އަދަދު ދަށަށް


  • މިދިޔަ އަހަރު ސައިކަލު ރަޖިސްޓްރީކުރި މިންވަރު %9.18 ވަނީ ދަށްވެފައި

  • ކާރު ރަޖިސްޓްރީކުރި މިންވަރު %73.78 ވަނީ ދަށްވެފައި

  • މާލޭ ސަރަޙައްދަށް ރަޖިސްޓްރީކޮށްފައިވާ ސައިކަލުގެ ޖުމްލަ ޢަދަދަކީ 106،792

މިދިޔަ އަހަރު މާލޭ ސަރަޙައްދަށް ރަޖިސްޓްރީކުރި ސައިކަލާއި ކާރުގެ ޢަދަދު ވަރަށް ބޮޑަށް ދަށްވެއްޖެއެވެ. މާލޭ ސަރަޙައްދަށް އޮތް ވެހިކަލް ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން އެންމެފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، މިހާތަނަށް މާލޭ ސަރަހައްދަށް ރަޖިސްޓްރީކުރެވިފައިވާ 2 ފުރޮޅުލީ އުޅަނދުގެ ޖުމްލަ ޢަދަދަކީ 106،792 އެވެ. 2023 ވަނަ އަހަރު 9،249 އުޅަނދު ރަޖިސްޓްރީ ކުރެވުނުއިރު، 2024 ވަނަ އަހަރު 8،400 އުޅަނދު ވަނީ ރަޖިސްޓްރީކޮށްފައެވެ. މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު %9.18 ގެ ދަށްވުމެއްކަމަށް ދަތުރުފަތުރާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ކާރުތަކުގެ ރަޖިސްޓްރޭޝަނަށް ބަލާއިރު، މިހާތަނަށް މާލެ ސަރަހައްދަށް ރަޖިސްޓްރީކުރެވިފައިވާ ކާރުގެ ޖުމްލަ ޢަދަދަކީ 7،553 އެވެ. 2023 ވަނަ އަހަރުގައި 1،148 ކާރު ރަޖިސްޓްރީކޮށްފައިވާއިރު، 2024 ވަނަ އަހަރު ވަނީ 301 ކާރު ރަޖިސްޓްރީކޮށްފައެވެ. ދަތުރުފަތުރާބެހޭ ވުޒާރާއިން ވިދާޅުވީ، މިއީ %73.78 ގެ ދަށްވުމެއްކަމަށެވެ.

ޤާނޫނާއި ޤަވާއިދުގެ ތެރެއިން ނޫން ގޮތަކަށް އެއްގަމު އުޅަނދު ރަޖިސްޓްރީކުރުން ނިމުމަކަށް ގެނެސް، ގަރާޖުގެ ސައްހަކަން ކަށަވަރުކުރުމުގެ މުހިންމު މަސައްކަތްތަކެއް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވަނީ ފަށްޓަވާފައެވެ.

މި މަސައްކަތުގެ މަޤުޞަދަކީ ހަތަރު ފުރޮޅުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގައި ޤާނޫނާއި ޤަވާއިދުގެ ތެރެއިން އެ ވުޒާރާގެ ޒިންމާ އަދާކުރުމަށާއި އަދި އުސޫލުން ބޭރުން ރަޖިސްޓްރީވަމުންދިޔަ ދިޔުން ނިމުމަކަށް ގެނައުންކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.

ވެހިކަލް ރަޖިސްޓްރޭޝަންގެ ކަންކަން ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ އިތުރުން، ބާވެ ހަލާކުވުމުގެ ސަބަބުން މަގުމައްޗަށް ދޫކޮށްލާފައި ހުރި އުޅަނދުތައް ނަގާ، މަގުތަކުގައި ޕާކުކުރުމަށް ހުރި ޖާގަތައް އިތުރުކުރުމުގެ މަސައްކަތްވެސް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން އަންނަނީ ކުރައްވަމުންނެވެ.

އެގޮތުން ގްރޭޓަރ މާލެ ސަރަހައްދުގައި އެއްގަމު އުޅަނދުފަހަރު ގިނަވެ، މަގުތަކަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލަ ޙައްލުކުރުމަށްޓަކައި "ޑީކޮންޖެޝަން ޕްރޮގްރާމް"ގެ ނަމުގައި ޚާއްސަ ޕްރޮގްރާމެއް ވަނީ ފަށާފައެވެ. މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް ޖުމްލަ 446 އުޅަނދު ނައްތާލާފައިވާކަމަށް ދަތުރުފަތުރާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

މިހާތަނަށް ނައްތާލި އުޅަނދުތަކުގެ އަދަދުތައް:

• ސައިކަލު - 378
• ހަތަރު ފުރޮޅުލީ އުޅަނދު - 40
• ބައިސްކަލު - 28

މި ޕްރޮގްރާމުގެ ދަށުން އުޅަނދުތައް ނައްތާލުމުގެ މަސައްކަތް ކުރަމުންދަނީ ކަނޑައެޅިފައިވާ އުޞޫލުގެ ތެރެއިން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށްފަހުގައިކަމަށް ދަތުރުފަތުރާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މި ޕްރޮގްރާމް ފަށާފައިވަނީ މާލޭގެ މަގުތަކުގައި އުޅަނދުފަހަރު ގިނަވެ، ޓްރެފިކް މައްސަލަ ޙައްލުކުރުމަށެވެ. މި ޕްރޮގްރާމްގެ ދަށުން ބޭނުންނުކުރާ އުޅަނދުފަހަރު ނައްތާލުމާއި، ޓޯވ ކުރުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކާ ގުޅިގެން އަންނަނީ ކުރަމުންނެވެ.