ބައިނަލްއަގުވާމީ ތިން ޖަމުޢިއްޔާއަކަށް ދިވެހިރާއްޖޭން ދާއިމީ މަންދޫބުން ކަނޑައެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސަކުރުމަށް ކޮމިޓީއަށް ފޮނުއްވައިފިއެވެ. ދާއިމީ މަންދޫބުން ކަނޑައެޅުއްވުމަށް ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވަނީ އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން، އައިއެމްއޯއާއި، އިންޓަރނޭޝަނަލް ރިނިއުބަލް އެނަރޖީ އޭޖެންސީ، އައިރީނާ، އަދި ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން، ޑަބްލިއުޓީއޯއަށެވެ.
ދިވެހިރާއްޖޭގެ ފޮރިން ސަރވިސް ޤާނޫނުގައި ބަޔާންކުރަނީ ބޭރުގެ ޤައުމުތަކަށް ކަނޑައަޅާ ސަފީރުންނާއި ބައިނަލްއަގުވާމީ ޖަމްޢިއްޔާތަކަށް ކަނޑައަޅާ މަންދޫބުން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށްފަހު މަޖިލީހުން ރުހުން ލިބިވަޑައިގަތުމުންކަމަށެވެ.
ދިވެހިރާއްޖޭން އައިއެމްއޯއަށް ކަނޑައަޅާ ދާއިމީ މަންދޫބެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވަނީ އިނގިރޭސިވިލާތަށް ދިވެހިރާއްޖޭން ކަނޑައަޅުއްވާފައިހުންނަވާ ސަފީރު ޑރ. އިރުތިޝާމް އާދަމްގެ ނަންފުޅެވެ. އައިރީނާއަށް ކަނޑައަޅާ ދާއިމީ މަންދޫބަކަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވަނީ އެކުވެރި ޢަރަބި އިމާރާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ހުސައިން ޝަރީފު ނަންފުޅެވެ. އަދި ޑަބްލިއުޓީއޯއަށް ކަނޑައަޅާ މަންދޫބަކަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވަނީ ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދުގެ ނަންފުޅެވެ.
އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން، އައިއެމްއޯއަކީ ކަނޑު ދަތުރުފަތުރާބެހޭ އދ.ގެ ޖަމުޢިއްޔާއެކެވެ. އެ ޖަމުޢިއްޔާގެ ޒިންމާއަކީ ބައިނަލްއަގުވާމީ ޝިޕިން ދާއިރާގައި ބޭނުންކުރާ ކަނޑުއުޅަނދުތަކުން ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމާއި ކަނޑުއުޅަނދުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމެވެ. މި ޖަމުޢިއްޔާގައި ދުނިޔޭގެ 176 ޤައުމެއް ވަނީ ބައިވެރިވެފައެވެ.
ޔޫރަޕިއަން ޔޫނިއަން ހިމެނޭހެން ދުނިޔޭގެ 169 ޤައުމެއްގެ މައްޗަށް އެކުލެވިގެންވާ އިންޓަރނޭޝަނަލް ރިނިއުބަލް އެނަރޖީ އޭޖެންސީ، އައިރީނާއަކީ އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ގުޅިގެން މަސައްކަތް ކުރުމަށް އެކުލަވާލާފައިވާ ޖަމުޢިއްޔާއެކެވެ.
ވޯލްޑް ޓްރޭޑް އޯގަނަޒައިޒޭޝަން، ޑަބްލިއުޓީއޯއަކީ ޤައުމުތަކުގެ މެދުގައި ހިނގާ ވިޔަފާރީގެ ކަންކަމާ ގުޅޭގޮތުން އެކުލަވާލާފައިވާ ބައިނަލްއަގުވާމީ ޖަމުޢިއްޔާއެކެވެ. މި ޖަމުޢިއްޔާގައި ދުނިޔޭގެ 166 ޤައުމަކުން ބައިވެރިވެފައިވެއެވެ.