ފަތުރުވެރިކަމުގެ ދާާއިރާގައި މަސައްކަތްކުރާ ފިރިހެން މުވައްޒަފުންނަށް ތުނބުޅި މަތިމަސް ބެހެއްޓޭނެ ފުރުސަތާއި، އަންހެން މުވައްޒަފުންނަށް ބުރުގާ އަޅައިގެން މަސައްކަތް ކުރެވޭނެ ފުރުޞަތު އޮންނަންޖެހޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވިދާޅުވެއްޖެއެވެ. މެންބަރުން މިހެން ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ ހެދުން އެޅުމާގުޅޭގޮތުން ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހުށަހެޅުއްވި ގަރާރަށް ބަހުސްކުރައްވަމުންނެވެ.
ގަރާރު ހުށަހަޅުއްވައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ ފަރާތުން މަޖުބޫރުކަމެއްގެ ގޮތުގައި ތުނބުޅި ބާލަން ޖެހޭކަމުގެ ކަންބޮޑުވުން އަބަދުވެސް އޮންނަކަމަށެވެ. އެގޮތުން، ޓޫރިޒަމް އެމްޕްލޮއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް، ޓީމްގެ ފަރާތުން ހިންގި ސާވޭއެއްގައި 11،000 މުވައްޒަފުން ބައިވެރިވިއިރު %93 މުވައްޒަފުން ތުނބުޅި ބަހައްޓަން ބޭނުންވާކަން ހާމަވެފައިވާކަމަށް މެންބަރު ވިދާޅުވިއެވެ.
ބައެއް ރިސޯޓުތަކުގައި އެ ފުރުޞަތު ފަހިކޮށްދޭ ކަމަށާއި ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފުން ބުރުގާ އެޅުމަކުން ނުވަތަ ތުނބުޅި މަތިމަސް ބެހެއްޓުމުން ޚިދުމަތަށް އަސަރު ނުކުރާ ކަމަށްވެސް މައުރޫފް ވިދާޅުވިއެވެ.
"ޖުމްލަ ގޮތެއްގައި ހުރިހާ ރިސޯޓެއްގައި މަސައްކަތް ކުރާ މުވައްޒަފުންވެސް ބޭނުންވޭ ކޮންމެވެސް ވަރެއްގެ ޑީސެންޓްކޮށް އަދި މިއަދު މި ތަހުޒީބީ ޒަމާނުގައި މަޖުބޫރުން އޮބަހައްޓައިގެން މުވައްޒަފުން ލައްވައި ތުނބުޅި ބާލާއިގެން ރިސޯޓުތަކުގައި މަސައްކަތް ކުރުމަކީ އަޅުގަނޑަށް ގަބޫލުކުރެވޭ ކަމަކަށްނުވޭ،" ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވިއެވެ.
ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ހުސައިން ވިދާޅުވީ ތަފާތު ކުރުމެއްނެތި ރާއްޖޭގެ ކޮންމެ ރައްޔިތަކަށްވެސް ވަޒީފާ އަދާކުރުމުގެ ފުރުޞަތު ލިބެންޖެހޭ ކަމަށެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއަކީ ރާއްޖޭގެ އެންމެ ބޮޑު ދާއިރާއަށްވާއިރު ތުނބުޅި މަތިމަސް ބެހެއްޓޭނެ ފުރުޞަތު ލިބިދޭން ޖެހޭނެ ކަމަށްވެސް މެންބަރު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ވިޔަފާރިވެރިން، އަޅުގަނޑުމެން ރިސޯޓުތަކުގެ އޯނަރުންވެސް އެބަޖެހޭ މިކަމާ ވަރަށް ބޮޑަށް ވިސްނަން. އަޅުގަނޑުމެން ތުނބުޅި ބަހައްޓައިގެން ވަޒީފާ އަދާކުރެވޭނެ ގަވާއިދެއް އެބޭފުޅުން އެކުލަވައިލުމަކީ އެއީ މިއަދު މި އިންޑަސްޓްރީގައި މަސައްކަތް ކުރާ ބޭބޭފުޅުންނަށް އެ ބޭފުޅުންނަށް ކޮށްދެވޭނެ ވަރަށްވެސް މުހިންމު މަސައްކަތްތަކެއް." ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ޙުސައިން ވިދާޅުވިއެވެ.
ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢައްބާސް ވިދާޅުވީ ރިސޯޓުތަކުން ފިރިހެން މުވައްޒަފުން ތުނބުޅި މަތިމަސް ބަހައްޓާނެ އުސޫލެއް ކަނޑައަޅައި އެ ފުރުޞަތު ދޭން ޖެހޭނެކަމަށާއި އަންހެން މުވައްޒަފުންނަށްވެސް ބުރުގާ އަޅައިގެން މަސައްކަތް ކުރެވޭނެ ފުރުޞަތު ރިސޯޓުތަކުން ފަހިކޮށްދޭންޖެހޭނެ ކަމަށެވެ. އަދި އެކަމާ ދެކޮޅު ހަދާނަމަ އެއީ ޤާނޫނާ ޚިލާފުވުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އެހެންނަމަވެސް ޓޫރިސްޓު ރިސޯޓްތަކަކީ އަންނަ ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނަށްވުމުން ފުޑް އެންޑް ބެވަރެޖް ނުވަތަ ފްރަންޓް އޮފީސްގައި މަސައްކަތް ކުރައްވާ ބޭފުޅުން، އެ ބޭފުޅުން ހެދުން އެޅުމުގައާއި ތުނބުޅި މަތިމަސް ބެހެއްޓުމުގައި ތަންކޮޅެއް ސާފުގޮތްތަކެއް ހުންނަންވާނެ. އެ އުސޫލުތަކެއް ކަނޑައަޅާނީ އެ ރިސޯޓެއްގެ މެނޭޖްމަންޓުން." ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހަށް މި ގަރާރު ހުށަހެޅުއްވީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރެކެވެ. ޕީއެންސީގެ ސުޕަރ މެޖޯރިޓީ އޮތް މަޖިލީހުން ވަނީ ގަރާރު ބަލައިގެން އެއަށް ބަހުސްކޮށްފައެވެ. އަދި ގިނަ މެންބަރުން ވަނީ ގަރާރަށް ތާޢީދުކޮށް އެއީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ ޙައްގުގައި ކުރުން މުހިންމު ކަމެއްކަން ފާހަގަކުރައްވާފައެވެ. އަދި ރައްޔިތުންނާ ގުޅުންހުރި މިފަދަ ކަންކަމުގައި އިދިކޮޅުން ހުށަހަޅާ ކަންކަންވެސް މަޖިލީހުން އަދި ސަރުކާރުންވެސް ބަލައިގަންނާނެ ކަމަށް މެންބަރުން ވިދާޅުވިއެވެ.
މީގެ ކުރިން އެމްޑީޕީގެ މެޖޯރިޓީއޮތް 19ވަނަ މަޖިލީހުގައި އޭރު އޮތް އިދިކޮޅު ޕާޓީތަކުން، ރައްޔިތުންގެ ހައްގުގައި ހުށައެޅި ޤަރާރުތަކަށް ފުރުސަތު ނުދޭ ކަމުގެ ކަންބޮޑުވުން އޮތްނަމަވެސް، 20 މަޖިލީހަކީ އެ ފުރުޞަތު ފަހިކޮށްދޭ މަޖިލީހެއްގެ ގޮތުގައި ގިނަ މެންބަރުން ފާހަގަކުރައްވައެވެ.