ޚަބަރު

ރިސޯޓުތަކުން ހިންގާ ތިމާވެށްޓާ ގުޅުންހުރި މަޝްރޫޢުތަކަށް ޚާއްސަކޮށްގެން ބީއެމްއެލްއިން ލޯނެއް


  • 50 މިލިޔަން ރުފިޔާއާއި ހަމައަށް ލޯނު ލިބޭނެ

  • ލޯން ދޫކުރުމަށް ހަމަޖެހިފައިވަނީ 6.5 އިންސައްތަ އިންޓްރެސްޓް ރޭޓުގައި

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން "ގްރީން ރިސޯޓް ފައިނޭންސިންގ" ތައާރަފްކޮށްފިއެވެ. މިއީ ރިސޯޓުތަކުން ހިންގާ ދެމެހެއްޓެނިވި ތަރައްގީއަށާއި ތިމާވެށްޓާ ގުޅުންހުރި މަޝްރޫޢުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބީއެމްއެލްއިން ތައާރަފްކޮށްފައިވާ ފައިނޭންސިންގ ފެސިލިޓީއެކެވެ.

ބީއެމްއެލްގެ "ގްރީން ރިސޯޓް ފައިނޭންސިންގ" ތައާރަފްކޮށްދެއްވީ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަރީފްއާއި ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ޗެއާމަން ހުސެއިން އަފީފެވެ.

ގްރީން ރިސޯޓް ފައިނޭންސިން ފެސިލިޓީގެ ދަށުން ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމާއި އެނަރޖީ އެފިޝެންޓް އިކުއިޕްމެންޓު ހޯދުމާއި ރީފޮރެސްޓްރޭޝަން އަދި ކުނި މެނޭޖްކުރުން ފަދަ ދެމެހެއްޓެނިވި މަޝްރޫޢުތައް ހިންގުމަށް ރިސޯޓުތަކުން ބޭނުންވާ ފައިނޭންސް ފޯރުކޮށްދެވޭނެކަމަށް ބީއެމްއެލްއިން ވަނީ ވިދާޅުވެފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަރީފް ވިދާޅުވީ، ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ކުރިއަރާފައިވާ ބޭންކުގެ ހައިސިއްޔަތުން، ބީއެމްއެލްއިން ތިބޭނީ ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާފަދަ ބޭންކިންގ ހިދުމަތްތަކާއި އަދި ފައިސާ ބަލައިގަތުމުގެ އެންމެ ޒަމާނީ ހައްލުތަކެއް ހޯދައިދިނުމަށް ތައްޔާރަށްކަމަށެވެ.

"ގްރީން ރިސޯޓު ފައިނޭންސް ފެސިލިޓީ ހާއްސަކޮށް ފަރުމާކޮށްފައި ވަނީ ރިސޯޓުތަކަށް ބޭނުންވާ ދެމެހެއްޓެނިވި ހައްލުތަކެއް ގާއިމުކުރުމާއެކު ހިންގުމުގެ ހަރަދުތައް ފަސޭހައިން މެނޭޖްކުރެވޭނެ ފައިނޭންސިންގ އެއް ހޯދައިދިނުމަށް". ޝަރީފް ވިދާޅުވިއެވެ.

ގްރީން ރިސޯޓު ފައިނޭންސިންއަކީ 50 މިލިއަން ރުފިޔާއާ ހަމައަށް އޯވަރޑްރާފްޓް ފެސިލިޓީއެކެވެ. މިއީ %6.5 އިންޓްރެސްޓް ރޭޓުގައި ދޫކުރާ ލޯނެކެވެ. ކާޑު މެޝިނުން ރިސޯޓަށް ލިބޭ ފައިސާ އިން ފައިނޭންސް އަނބުރާ ދެއްކުމުގެ ފަސޭހަ ގޮތްތަކެއް ހަމަޖެހިފައިވާކަމަށް ބީއެމްއެލްއިން ވަނީ ވިދާޅުވެފައެވެ.