އިލެކްޝަންސް ކޮމިޝަނުގެ ރައީސަކަށް މުޙައްމަދު ޒާހިދު އަދި ނައިބު ރައީސަކަށް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު އައްޔަން ކުރެއްވުމަށް ރުހުން ހޯދުމުގެ މައްސަލަ ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުއްވައިފިއެވެ. އިލެކްޝަންސް ކޮމިޝަނުގެ ރައީސާއި ނައިބު ރައީސް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނަށް މިދިޔަ އަހަރު ގެންނެވި އިޞްލާހުގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސާއި ނައިބު ރައީސް އައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ. އެ ދެ މަގާމަށް ބޭފުޅުން އައްޔަން ކުރެއްވޭނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެންނެވެ. މީގެ ކުރިން ކޮމިޝަނުގެ ރައީސާއި ނައިބު ހޮވަނީ އެކޮމިޝަނުގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.
އައު އިޞްލާހުގެ ދަށުން އިލެކްޝަންސް ކޮމިޝަނުގެ ރައީސަކަށް މުޙައްމަދު ޒާހިދު އަދި ނައިބު ރައީސަކަށް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މައްސަލަ، ދިރާސާކުރެއްވުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަނީ ފޮނުއްވާފައެވެ.
މުޙައްމަދު ޒާހިދާއި ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންނަށް އައްޔަން ކުރެއްވީ މިދިޔަ ޖެނުއަރީ މަހުގެ 26ވަނަ ދުވަހުއެވެ.
އިލެކްޝަންސް ކޮމިޝަނަކީ 7 އޮގަސްޓް 2008ން ފެށިގެން އަމަލުކުރަން ފެށި ޤާނޫނުއަސާސީގެ ދަށުން އުފައްދަވާފައިވާ މިނިވަން މުއައްސަސާއެކެވެ. މިއީ އިންތިޚާބުތަކާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމަށާއި ސިޔާސީ ޕާޓީތައް ރަޖިސްޓަރީކޮށް، ޤާނޫނުގެ ދަށުން ސިޔާސީ ޕާޓީތަކާ ގުޅޭގޮތުން މަތިކޮށްފައިވާ ޒިންމާތައް އަދާކުރެއްވުމަށް އުފައްދަވާފައިވާ މުއައްސަސާއެކެވެ.
އިލެކްޝަންސް ކޮމިޝަން އެކުލެވިގެންވަނީ ފަސް މެންބަރުންގެ މައްޗަށެވެ. މިވަގުތު އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންގެ ގޮތުގައި ތިއްބެވީ ޑރ. މުޙައްމަދު ޒާހިރާއި، މެންބަރު ޙަސަން ޒަކަރިއްޔާއާއި، މެންބަރު ޢަބްދުލްހަސީބް އިސްމާޢީލާއި، މެންބަރު މުޙައްމަދު ޒާހިދު އަދި މެންބަރު ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދެވެ.