އަންނަ ސީޒަނުގެ ޕްރީ-ސީޒަނުގައި ބާސެލޯނާއިން އެމެރިކާގައި ކޭމްޕް ނުކޮށް، އޭޝިއާއަށް މިސްރާބު ޖަހައިފިއެވެ.
ސްޕޭނުގެ މުންޑޯ ޑިޕޯޓިވޯއިން ބުނާ ގޮތުގައި ބާސެލޯނާއިން މިހާރު ވަނީ ދެކުނު ކޮރެޔާގެ ޑީ ޑްރައިވްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގެ ދަށުން ޕްރީ-ސީޒަނުގައި ބާސެލޯނާއިން ކޭމްކުރާނީ އޭޝިޔާ އެވެ. އެއީ ޖުމުލަ ހަތަރު މެޗު ކުޅުމަށެވެ.
އެ ނޫހުން ބުނާ ގޮތުގައި މީގެ ތެރެއިން ދެ މެޗު ކުޅޭނީ ކޮރެޔާގަ އެވެ. އަނެއް ދެ މެޗު ކުޅޭނީ ޖަޕާނުގަ އެވެ. ފަހަރުގައި ޗައިނާގައި ވެސް މެޗެއް ކުޅުމުގެ ފުރުސަތު އެބައޮތެވެ. އަދި މި ދަތުރުން ބާސެލޯނާ އަށް 10 މިލިއަން ޑޮލަރުގެ އާމްދަނީ އެއް ލިބޭނެ ކަމަށް ވެސް ވަނީ އަންދާޒާކޮށްފަ އެވެ.
ބާސެލޯނާގެ ރައީސް ހުއާން ލަޕޯޓާ ވެސް ވަނީ އެ ކުލަބުން އަންނަ ސީޒަނަށް ތައްޔާރުވުމުގައި އެންމެ ބޮޑަށް އިސްކަންދޭނީ އޭޝިޔާގެ ސަޕޯޓަރުންގެ ކުރިމަތީގައި މެޗުތަކެއް ކުޅެން ކަމަށް ބުނެފައިވެ އެވެ. ސަބަބަކީ އޭޝިޔާގައި ސްޕެނިޝް ލީގުގެ ފޯރިގަދަވެފައި ސަޕޯޓަރުންގެ އަދަދު އިތުރު ވަމުން އަންނާތީ އެވެ.
މީގެ އިތުރުން އެމެރިކާ އަށް ދަތުރު ކުރުމަށްވުރެ އޭޝިޔާގައި ލިބެންހުރި ހިދުމަތްތަކާއި އޭޝިޔާގެ މޫސުމަކީ ވެސް މާބޮޑަށް ކުޅުންތެރިން ހިތްހަމަ ޖެހޭ ކަމަށް ވެސް ބާސެލޯނާއިން ވަނީ ބުނެފަ އެވެ.