ޚަބަރު

ފަލަސްޠީނުގެ ރައްޔިތުން ސަޢުދީގައި ވަޒަންވެރިކުރުވާ ވާހަކަތައް ރާއްޖެއިން ކުށްވެރިކޮށްފި


  • ޔަހޫދީންގެ ބޮޑުވަޒީރުގެ މި ވާހަކަތައް ގިނަ ޤައުމުތަކުން ދަނީ ކުށްވެރި ކުރަމުން

  • މިއީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އދ. ޗާޓަރުތަކާވެސް ޚިލާފު ވާހަކަތަކެއް ސަރުކާރުން ވިދާޅުވި

  • މިފަދަ ކަންކަމާދެކޮޅަށް ޤައުމުތަކުން ތެދުވަންޖެހޭކަމަށް ޚާރިޖީ ވުޒާރާގެ ބަޔާނުގައިވޭ

ސަޢުދީ ޢަރަބިއްޔާގެ ތެރޭގައި ފަލަސްޠީނުގެ ދައުލަތެއް އުފެއްދުމަށް ގޮވާލައި، ނަފްރަތު އުފެއްދުމުގެ މަޤްޞަދުގައި ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދެއްކެވި ވާހަކަ ދިވެހިރާއްޖެއިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

މިކަމާއި ގުޅިގެން ޚާރިޖީ ވުޒާރާއިން ނެރުއްވި ބަޔާނުގައި ވިދާޅުވީ ސަޢުދީ ޢަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލާއި، ބުރޫއަރާ ގޮތަށް ދައްކާ އެއްވެސް ވާހަކައެއް ބަލައި ނުގަންނާނެ ކަމަށެވެ. އަދި މިފަދަ ވާހަކަތަކަކީ ބައިނަލްއަޤްވާމީ ޤާނޫނާއި އދ. ގެ ޗާޓަރުތަކާއި މުޅިން ޚިލާފު ވާހަކަތަކެއް ކަމަށެވެ.

މީގެ އިތުރުން މިއީ ހަމައެކަނި ސަޢުދީ ޢަރަބިއްޔާގެ އިސްތިގުލާލާ ޚިލާފު ވާހަކަތަކެއް ނޫން ކަމަށާއި، ފަލަސްޠީނުގެ ރައްޔިތުންގެ ހައްޤުތަކަށް މެދުނުކެނޑި ކުރަމުންދާ އިންކާރުގެ ބައެއް ކަމަށްވެސް ޚާރިޖީ ވުޒާރާގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ޚާރިޖީ ވުޒާރާގެ ބަޔާނުގައި ދިވެހި އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށުގެ ގޮތުގައި ބަލައިގެނެ 1967 ގެ ބޯޑަރުތަކަށް ތަބާވުމަށް ދިވެހި ރާއްޖެއިން ގޮވާލަމުންދާ ގޮވާލުން ވަނީ ތަކުރާރުކޮށްފައެވެ. އަދި ޔަހޫދީ ވެރިންގެ މިފަދަ ނަފްރަތުގެ ބަޔާންތަކާ ދެކޮޅަށް ބައިނަލްއަޤުވާމީ މުޖުތަމަޢުއިން ތެދުވުމަށް ރާއްޖެއިން ވަނީ ގޮވާލާފައެވެ.

ޔަހޫދީންގެ ޓީވީ ޗެނަލަކަށް ނަތަންޔާހޫ ބަސްދީގަތުމެއް ދެމުން ދަނިކޮށް އެ ޕްރޮގުރާމް ހުށަހެޅި ފަރާތަށް އަނގައޮޅި ފަލަސްޠީނުގެ ދައުލަތޭ ބުނަން އުޅުމުގެ ތެރޭގައި ބުނެވުނީ ސަޢުދީ ދައުލަތެވެ. އޭނާއަށް އެހެން ބުނެވުމުން ނަތަންޔާހޫ ވަނީ ރަނގަޅު ގޮތަކީ ފަލަސްޠީނުގެ ދައުލަތް ކަމަށް ބުނެފައެވެ. އޭނާ ބުނަން އުޅުނީ ސަޢުދީ ޢަރަބިއްޔާގައި ފަލަސްޠީނުގެ ދައުލަތް ޤާއިމް ކުރާ ވާހަކަތޯ އަހައި ސަޢުދީއަކީ ބިންބޮޑު ޤައުމެއް ކަމަށް ފާހަގަކޮށް ނަތަންޔާހޫ ވަނީ އިންޓަވިއު ކުރި މީހާއާ ސަމާސާ ކޮށްފައެވެ.

މި މައްސަލައިގައި ޢަރަބި އިސްލާމީ ޔަހޫދީ ބޮޑުވަޒީރުގެ ވާހަކަތައް ކުށްވެރިކޮށްފައިވާއިރު، ސަޢުދީ ޢަރަބިއްޔާއިން ވަނީ މިކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި މިފަދަ ބަސްމަގަކީ ޢަރަބިން އިސްވެ މި ސަރަހައްދުގައި ސުލްޙަ ޤާއިމްކުރުމަށް ކުރަމުންދާ މަސައްކަތަށް ޔަހޫދީން ހުރަސްއެޅުމަށް ކުރަމުންދާ ކަންކަން ދައްކުވައިދޭ ވާހަކަތަކެއް ކަމަށް ސަޢުދީ ޢަރަބިއްޔާއިން ވަނީ ބުނެފައެވެ.