ޚަބަރު

މެރިން ރިސާޗަށް 40 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވި ޝަކީލް ނިޔާވެއްޖެ


  • ޝަކީލް ވަނީ އެ ދައިރާގައި 40 އަހަރު ޚިދުމަތްކުރައްވާފައިި

  • މެރިން ރިސާޗްގެ ދާއިރާއިން މީހުން ބިނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި

މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓަށް ދިގު މުއްދަތެއްވަންދެން ޚިދުމަތް ކުރައްވާފައިވާ ޙަސަން ޝަކީލް ނިޔާވެއްޖެއެވެ. ނިޔާވި އިރު އުމުރަކީ 64 އަހަރެވެ. އޭނާ ވަނީ އެ އިންސްޓިޓިއުޓަށް 40 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވާފައެވެ.

ޙަސަން ޝަކީލް ކުއްލިއަކަށް ނިޔާވުމާއި ގުޅިގެން މެރިން ރިސާޗް އިންސްޓިޓިއުޓުން ވަނީ ތަޢުޒިޔާ ދަންނަވާފައެވެ. ޝަކީލް ނިޔާވިއިރު ހުންނެވީ އެ އިންސްޓިޓިއުޓްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައެވެ.

1983 ވަނަ އަހަރު މެރިން ބަޔޮލޮޖިސްޓް ޓްރެއިނީއެއްގެ ގޮތުގައި މިނިސްޓްރީއާއި ގުޅިވަޑިގަތީންސުރެ ޝަކީލަކީ މިނިސްޓްރީއާއި މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓަށް އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ.

އޭގެ ޖެހިގެން އައި އަހަރު ރާއްޖޭގައި މެރިން ސައިންސު ކުރިއަރުވައި ކަނޑުތަކުގެ ވަސީލަތްތައް މެނޭޖްކުރުމަށް ސައިންސުގެ އަލީގައި ލަފާދޭ އިދާރާއެއްގެ ގޮތުގައި މެރިން ރިސާރޗް ސެކްޝަން މިނިސްޓްރީ ދަށުން އުފެއްދުމުން ޝަކީލް ވަނީ އެތަނުގައި މަސައްކަތް ކުރައްވަން ފައްޓަވާފައެއެވެ.

އޭގެ ފަހުން މިއަދާ ހަމައަށް ޝާކީލު ޚިދުމަތް ކުރައްވާފައިވަނީ މެރިން ރިސާރޗް ދާއިރާގައެވެ. ޝަކީލް ވަނީ 1984 އިން 1990 އަށް ރަޝިޔާގައި މާސްޓަރސް އިން ބަޔޮލޮޖީ (އިކްތިއޮލޮޖީ އެންޑް ފިޝް ބްރީޑިންގ) ހާސިލުކުރެއްވުމަށްފަހު، އޭރުގެ މެރިން ރިސާރޗް ސެކްޝަނުގައި ކަނޑުތަކުގެ ދިރުން އާލާކުރުމުގެ މަސައްކަތް ފެށުނީ ޝަކީލުގެ މޭސްތިރިކަމުގެ ދަށުންނެވެ.

މިގޮތުން، ގާހަކަ، މޫދުވިނަ، އިތާމުތް، މާގަނޑުމަސް އަދި މިފަހުން ފާނަ ވިއްސުން ތަޖުރިބާކޮށް، މިބާވަތްތައް ހެޗަރީގައި ވިއްސުމުގެ މަސައްކަތްތައް ކުރެވިގެން ދިޔައީ ޝަކީލުގެ އިސް ނެންގެވުމުގެ ދަށުންނެވެ.

މީގެ އިތުރުން ފަރުމަސްވެރިކަމުގައި ބާނާ ޚާއްސަ ބައެއް ބާވަތްތަކުގެ އާބާދީގެ ހާލަތު ދެނެގަތުމަށް އަލަށް ކުރެވުނު މަސައްކަތްތަކުގައި ޝާކީލުގެ އިސް ދައުރެއް އަދާކުރެއްވިއެވެ. އަދި ކަނޑުތަކުގެ ވަސީލަތްތައް މެނޭޖްކުރުމަށް އޭރުގެ މެރިން ރިސާރޗް ސެކްޝަނުގައި ހިންގުނު ޕްރޮގްރާމް އެކުލަވާލުމުގައި ޝަކީލުގެ ދައުރު ބޮޑެވެ.

ސީނިއަރ ބަޔޮލޮޖިސްޓުގެ (ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް) މަގާމުގައި ޝަކީލް އަކީ މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓުގެ މެރިކަލްޗަރ ޕްރޮގްރާމްގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެއް ބޭފުޅާއެވެ.

ޝަކީލް ޚިދުމަތުގައި ހޭދަކުރައްވާފައިވާ 41 އަހަރުގެ ދިގު މުއްދަތުގައި ޝަކީލަކީ ގިނަ މުވައްޒަފުންތަކެއް މެންޓަރ ކުރައްވާފައިވާ، މުވައްޒަފުން ބަލައިގަނެފައިވާ ފަރާތެކެވެ. ޝަކީލަކީ މެރިން ސައިންސުގެ ދާއިރާ ކުރިއަރުވައި މި ދާއިރާއަށް ދިވެހިންގެ ޝައުގުވެރިކަން އިތުރުކުރުމަށް ވަރަށް ޝައުގުވެރިކަމާއިއެކު ގިނަ މަސައްކަތްތަކެއްވެސް ކޮށްދެއްވާފައިވާ ބޭފުޅެއްގެ ގޮތުގައި ފާހަކުރެވެއެވެ.

މިގޮތުން މިދާއިރާއިން އާންމުންނަށް އަމާޒުކޮށްގެން ގިނަ އަދަދެއްގެ އާޓިކަލްތައް ޝާއިއުކުރެއްވުމުގެ އިތުރުން، އިންސްޓިޓިއުޓުގެ ފަރާތުން ހިންގާ ސްކޫލްކުދިން އަހުލުވެރިކުރުމުގެ ޕްރޮގްރާމުތަކުގެ ޝަކީލް ވަނީ ހަރަކާތްތެރިވެފައެވެ.

މެރިން ރިސާޗް އިންސްޓިޓިއުޓްގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައި ހުންނެވި، ޝަކީލަކީ އެތަނަށް އެންމެ ގިނަ ދުވަހު ޚިދުމަތްކުރެއްވި ބޭފުޅާކަމަށް މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓުން ވިދާޅުވެއެވެ.