ޗެމްޕިއަންސް ޓްރޮފީ ކްރިކެޓް މުބާރާތުގައި އިންޑިއާ ބަލިކުރުމުގެ މުހިންމުކަން ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް އެ ގައުމުގެ ކުޅުންތެރިންނަށް ބުނެދީފިއެވެ.
އޭނާ މި ވާހަކަ ވިދާޅުވީ މުބާރާތަށް ޕާކިސްތާނުން ވަރަށް ބޮޑަށް މަރާމާތު ކުރި އެ ގައުމުގެ އެންމެ ޝަރަފުވެރި ދަނޑު ކަމަށްވާ ގައްދާފީ ސްޓޭޑިއަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"އިންޑިޔާ މެޗުގައި ބަލި ކުރުން އެކަންޏެއްނޫން މުހިންމީ. މިއީ 29 އަހަރަށް ފަހު އަހަރުމެންގެ ގައުމުގައި ބާއްވާ އޭސީސީގެ ބޮޑު މުބާރާތެއް. މި މުބާރާތުގައި އަހަރުމެން ކާމިޔާބު ހޯދުމަކީ ވަރަށް މުހިންމު ކަމެއް. ގައުމަށް ޝަރަފު ހޯދުން ވަރަށް މުހިންމު،" ބޮޑު ވަޒީރު ވިދާޅުވި އެވެ.
އޭނާ މިފަދައިން ވިދާޅުވިއިރު އިންޑިޔާ އަކީ މުބާރާތް ކުޅެން ޕާކިސްތާން ނުދާނެކަމަށް ބުނެފައިވާ ގައުމަކެވެ. ސަބަބަކީ ދެ ގައުމުގެ ދެމެދުގައި އޮތް ޒާތީ ހަސަދަވެރި ކަމަށާއި ސިޔާސީ ކޯޅުމެވެ. މުބާރާތުގައި އިންޑިޔާގެ ހުރިހާ މެޗެއް ވެސް ކުޅެން ހަމަޖައްސާފައިވަނީ ޑުބާއީގަ އެވެ.
ޕާކިސްތާނުގައި ފެބްރުއަރީ 19 އިން މާޗު 9 އަށް ބާއްވާ މުބާރާތުގައި ގައްދާފީ ސްޓޭޑިއަމުގައި ހަތަރު މެޗު ކުޅޭނެ އެވެ. މި ދަނޑު އަލުން ހުޅުވުމުގައި ބޮޑު ވަޒީރާއެކު ބައިވެރިވެވަޑައިގަތީ ޕަންޖާބުގެ ޗީފް މިނިސްޓަރ މަރްޔަމް ނަވާޒް އާއި ޕާކިސްތާނުގެ ކްރިކެޓް ބޯޑުގެ ޗެއާމަން މޮހްސިން ނަގްވީ އެވެ.
މި ރަސްމިއްޔާތުގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ބޮޑު ވަޒީރު ވިދާޅުވީ މުބާރާތް ކާމިޔާބުކޮށްފިނަމަ ޕާކިސްތާނުގެ ކޮންމެ ކުޅުންތެރިއަކަށް އެ ގައުމުގެ ރައްޔިތުންގެ ހިތުން ހާއްސަ ޖާގައެއް ދެވޭނެ ކަމަށެވެ. ހާއްސަކޮށް އިންޑިޔާ ބަލިކުރުމަކީ އެ ލޯބި އިތުރުވާނެ ކަމެއް ކަމަށެވެ.
މި މުބާރާތަށް ޕަންޖާބުގެ ސަރުކާރުން ސަލާމަތީ އިންތިޒާމްތައް ހަމަޖައްސާފައިވާ ފުރިހަމަކަން ވެސް ބޮޑު ވަޒީރު ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވި އެވެ. އަދި މި ރަސްމިއްޔާތުގައި ޕާކިސްތާނުގެ މަޝްހޫރު ލަވަ ކިއުންތެރިން ކަމަށްވާ އަލީ ޒަފަރް އާއި އާރިފް ލޮހާރް އަދި އައިމާ ބައިގް ހާއްސަ އައިޓަމްތަކެއް ހުށަހަޅައިދީފައިވެ އެވެ.
މި މުބާރާތައްޓަކައި ގައްދާފީ ސްޓޭޑިއަމުގައި ވަނީ މުޅިން އައު އޮފީސް އިމާރާތެއް ގާއިމްކޮށްފަ އެވެ. އަދި ލައިޓް ސިސްޓަމް ލެޑް ލައިޓަށް ބަދަލުކޮށް، ވަނީ ޒަމާނީކޮށްފަ އެވެ. މިހާރު ދުވާލާއި ރޭގަނޑު ވެސް މެޗުތައް ކުޅެން އަލިކަމުގެ ހުރަހެއް ނޯންނާނެ އެވެ. މީގެ އިތުރުން ދެ ޑިޖިޓަލް ސްކޯ ބޯޑާއި، ކުޅިބަލާ މީހުންނަށް ފަސޭހަ ގޮނޑިތައް ޖަހައި މުޅި ސްޓޭޑިއަމް ވަނީ ޒީނަތްތެރިކޮށްފަ އެވެ.
މުބާރާތުގެ ކުރިން މި ދަނޑުގައި ޕާކިސްތާނާއި ނިއުޒީލޭންޑް އަދި ޕާކިސްތާނާއި ދެކުނު އެފްރިކާ ބައްދަލުކުރާ މެޗު ކުޅޭނެ އެވެ. ޗެމްޕިއަންސް ޓްރޮފީ މުބާރާތުގައި ވާދަކުރާނީ އަށް ގައުމެކެވެ. ގްރޫޕް އޭ ގައި ހިމެނެނީ އިންޑިޔާ އާއި މުބާރާތް ބާއްވާ ޕާކިސްތާނާއި ބަނގްލަދޭޝް އާއި ނިއުޒީލޭންޑެވެ. ގްރޫޕް ބީގައި ހިމެނެނީ އޮސްޓްރޭލިޔާ އާއި ދެކުނު އެފްރިކާ އާއި އަފްގާނިސްތާނާއި އިންގްލޭންޑެވެ.