ސިޔާސީ

ޚާރިޖީ ވަޒީރު ކަމުގެ މަޤާމަށް ޑރ. މުޙައްމަދު ޢާސިމް


ރައީސުލްޖުމްހޫރިއްޔާ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ކަމުގެ މަޤާމަށް ގަލޮޅު ވައިޖެހޭގޭއާގޭ ޑޮކްޓަރ މުޙައްމަދު ޢާޞިމް މިއަދު ޢައްޔަނު ކުރައްވައި، އެ މަނިކުފާނަށް މަޤާމުގެ ފަތްކޮޅު ދެއްވައިފިއެވެ. ޑޮކްޓަރ މުޙައްމަދު ޢާޞިމް މިހާތަނަށް ހުންނެވީ، ބަންގްލަދޭޝްގައި ހުންނަވާ ރާއްޖޭގެ ހައިކޮމިޝަނަރު ކަމުގެ މަޤާމުގައެވެ.

‏ޑޮކްޓަރ މުޙައްމަދު ޢާޞިމަށް މަޤާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.‏މަޤާމުގެ ފަތްކޮޅު ދެއްވުމުގެ ކުރިން ޑޮކްޓަރ މުޙައްމަދު ޢާޞިމް، ވަޒީރުންގެ މަޖިލީހުގެ މެންބަރު ކަމުގެ ހުވާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަރީފުގެ ކުރިފުޅުމަތީގައި ކުރެއްވިއެވެ. ހުވާކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވާގެ އިޤްރާރުގައި އެމަނިކުފާނު ސޮއިކުރެއްވިއެވެ.

ޑޮކްޓަރ މުޙައްމަދު ޢާޞިމަކީ، ރާއްޖޭގެ ޚާރިޖީ ދާއިރާގައި ޚިދުމަތް ކުރައްވާތާ ގިނަ ދުވަސްތަކެއްވެފައިވާ އަދި އެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ޙާޞިލު ކުރައްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނު ރާއްޖޭގެ ޚާރިޖީ ދާއިރާގައި ޚިދުމަތް ކުރައްވަން ފަށްޓަވާފައިވަނީ 24 އޮކްޓޫބަރ 2004 ގައި، ސްރީލަންކާގައި ހުންނަވާ ރާއްޖޭގެ ހައިކޮމިޝަނަރު ކަމުގެ މަގާމަށް ޢައްޔަނު ކުރެއްވި ހިސާބުން ފެށިގެންނެވެ. އޭގެ ފަހުން، އިނގިރޭސިވިލާތުގައި ހުންނަވާ ދިވެހިރާއްޖޭގެ ހައިކޮމިޝަނަރު ކަމުގެ މަޤާމާއި، ޕާކިސްތާނަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަމުގެ މަޤާމާއި، ޔޫރަޕިއަން ކޮމިޔުނިޓީސްއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ސަފީރުކަމުގެ މަޤާމު ފުރުއްވާފައިވެއެވެ. މީގެއިތުރުން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކްރެޓެރީ ކަމުގެ މަޤާމާއި، ދިވެހި ދައުލަތުގެ ސަފީރުކަމުގެ މަޤާމުވެސް ޑޮކްޓަރ ޢާޞިމް ފުރުއްވާފައިވެއެވެ. ޚާރިޖީ ދާއިރާއާ ގުޅިވަޑައިގަތުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް މަޤާމުތަކެއްގައި ޑޮކްޓަރ ޢާޞިމް ވަނީ ޚިދުމަތް ކުރައްވާފައެވެ. އެގޮތުން އެ އޮފީހުގެ ޕްރެޒިޑެންޝަލް އެއިޑް ކަމާއި، ޑިރެކްޓަރ، އެމްޕްލޯއިމަންޓް އެފެއާޒްކަމާއި، ޑިރެކްޓަރ ޖެނެރަލް، އެމްޕްލޯއިމަންޓް އެފެއާޒް ކަމުގެ މަޤާމުވެސް ފުރުއްވާފައިވެއެވެ.

ޑޮކްޓަރ މުޙައްމަދު ޢާޞިމް، ޕީ.އެޗް.ޑީ ޙާޞިލު ކުރައްވާފައިވަނީ، ޕޮލިޓިކަލް ސައެންސް އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިންނެވެ. އެއީ، ދަ އޮސްޓްރޭލިއަން ނޭޝަނަލް ޔުނިވަރސިޓީގައި 1999 ވަނަ އަހަރުއެވެ. އިންޓަރނޭޝަނަލް އެފެއާޒުގެ ދާއިރާއިން މާސްޓަރޒް ޙާޞިލު ކުރައްވާފައިވަނީ 1987 ވަނަ އަހަރު އެމެރިކާގެ ދަ ކެލިފޯނިއާ ސްޓޭޓް ޔުނިވަރސިޓީންނެވެ.