ޚަބަރު

19 އަހަރުން ދަށުގެ ޔޫތް ޗެމްޕިއަންޝިޕް މުބާރާތް ފަސްކޮށްފި


19 އަހަރުން ދަށުގެ ޔޫތް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް، އެފްއޭއެމް އިން ފަސްކޮށްފިއެވެ.

ފެބުރުއަރީ 2 ގައި ފެށުމަށް ކުރިން އެފްއޭއެމްއިން ތާވަލުކޮށްފައި އޮތް މި މުބާރާތް ދެން ބާއްވާނީ 13 ފެބުރުއަރީގައެވެ.

19 އަހަރުން ދަށުގެ ޔޫތް ޗެމްޕިއަންޝިޕް ފަސްކުރިކަން ކުލަބުތަކަށް އެންގީ އަންގާރަ ދުވަހު އެފްއޭއެމްއިން އާންމުކޮށްފައިވާ ސާރކިއުލާއެއްގައެވެ.

ނިމިގެންދިޔަ ޔޫތް ލީގުގައި ކުޅުނު ކުލަބުތަކުން 19 އަހަރުން ދަށުގެ ޔޫތް ޗެމްޕިއަންޝިފްގައި ވާދަކުރާނެއެވެ.

އޭގެތެރޭގައި އަލަށް އަލަށް ޕްރޮމޯޓްވި އޮޑި ސްޕޯޓްސް ކުލަބާއި، ވިކްޓްރީ ސްޕޯޓްސް ކުލަބު އަދި އެންމެ ފަހުގެ ޔޫތް ޗެމްޕިއަންޝީޕްގައި ސަސްޕެންޑްކޮށްފައި އޮތް ވެލެންސިއާއަށް މިއަހަރުގެ މުބާރާތުން ފުރުސަތު ލިބޭނެއެވެ.

ޔޫތް ޗެމްޕިއަންޝިޕަކީ އެފްއޭއެމުން 2011ވަނަ އަހަރު ބާއްވަން ފެށި މުބާރާތެކެވެ. މިއަހަރުގެ ކަލަންޑަރު އެކުލަވާލިއިރު އެންމެ ފުރަތަމަ އެފްއޭއެމުން ނިންމީ މިއަހަރުގެ ޖޫންމަހުގެ ތެރޭގައި މުބާރާތް ބޭއްވުމަށެވެ. އެހެންނަމަވެސް ފަހުން ވަނީ ފެބުރުއަރީއަށް މުބާރާތް އަވަސްކޮށްފައެވެ.

ނަވާރަ އަހަރުން ދަށުގެ ޔޫތް ޗެމްޕިއަންޝިޕަކީ މިދިޔަ އަހަރު އެފްއޭއެމުން ބޭއްވި ހަމައެކަނި މުބާރާތެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި ޕެނަލްޓީގައި ސުފަ ޔުނައިޑެޓް ސްޕޯޓްސް ބަލިކޮށް ޓީސީ ސްޕޯޓްސް ކުލަބުންނެވެ.