ތަރައްްޤީ

ޤުރުއާން ތަރުޖަމާގެ އޯޑިއޯ ވިޝުއަލް އިފްތިތާޙުކޮށްދެއްވައިފި


ޕީއެސްއެމްއިން ތައްޔާރުކުރި ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާގެ އޯޑިއޯ ވިޝުއަލް އިފްތިތާޙުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްސަ ރަސްމިއްޔާތެއްގައި ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާގެ އޯޑިއޯ ވިޝުއަލް އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމެވެ. 

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ  މުހައްމަދު އިކްރާމް ވިދާޅުވީ، ޤުރުއާންގެ އޯޑިއޯ ވިޝުއަލް ބޭނުންވާ ފަރާތްތަކަށް އެޕްލިކޭޝަންތަކުގެ އިތުރުން،  ޕެން ޑްރައިވް އަދި ހާޑް ޑްރައިވް ފަދަ ތަކެއްޗަށްވެސް ޤުރުއާންގެ އޯޑިއޯ ވިޝުއަލް ފޯރުކޮށްދެއްވާނޭކަމަށެވެ. އިކްރާމްގެ ވާހަކަފުޅުގައި މިމަސައްކަތް ޕީއެސްއެމްއިން ކުރިއަށްގެންދެވި ގޮތާއި، މިކަމުގެ މަޤްޞަދުގެ މައްޗަށް ބައްލަވާލެއްވިއެވެ. 

އެގޮތުން މިއީ ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ޕީއެސްއެމްއަށް ޤާނޫނުން މަތިކުރާ ޒިންމާގެ ދަށުން ކުރިއަށްގެންދެވި މަސައްކަތެއްކަން އިކްރާމް ފާހަގަކުރެއްވިއެވެ.  އަދި މިމަސައްކަތް ފުރިހަމަކަމާއެކު ނިންމާލެވުނީ ގިނަ ބައެއްގެ އެހީތެރިކަމާއެކުކަންވެސް އިކްރާމް ފާހަގަކުރެއްވިއެވެ. 

ޕީއެސްއެމްއިން ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާގެ އޯޑިއޯ ވިޝުއަލް އިފްތިތާޙުކުރުމުން ޤުރުއާނުގެ ކޮންމެ ސޫރަތެއް ވަކިވަކިން ޚިޔާރުކޮށް، ކިޔަމުން އަޑުއަހާލުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. 

ކީރިތި ޤުރުއާނުގެ ވަކިވަކި ބައިތަކުގެ ތަރުޖަމާ ރެކޯޑްކޮށްގެން ދިވެހިރާއްޖޭގެ އަޑާއި ޓީވީއެމްއިން މިހާރުވެސް ފޮނުވަމުން ގެންދެއެވެ. ނަމަވެސް ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާގެ އޯޑިއޯ ވިޝުއަލް ތައްޔާރުކޮށް އާއްމުންނާއި ހިސާބަށް ގެނެވުނު މިއީ ފުރަތަމަ ފަހަރެވެ.