ދީން

އަނަންތަރާ ރިސޯޓުގެ މިސްކިތް ބޮޑުކުރުމަށްފަހު އަލުން ހުޅުވައިފި


އަނަންތަރާ ކިހާވައް ރިސޯޓްގެ މިސްކިތުގެ ޖާގަ ބޮޑުކުރުމަށްފަހު އަލުން ހުޅުވައިފިއެވެ. 

އެރިސޯޓްގެ ހިއުމަން ރިސޯސަސް ކޯޑިނޭޓަރ އިސްމާއީލް ޝަހީމް ވިދާޅުވީ، މިސްކިތުގެ ޖާގަ ބޮޑުކުރަންޖެހެނީ އެރިސޯޓްގެ މުވައްޒަފުން އެއްފަހަރާ ނަމާދު ކުރާނަމަ މިސްކިތުގެ އެތެރެއިން ޖާގައިގެ ދަތިކަން ކުރިމަތިވާތީކަމަށާއި މިސްކިތުގެ ޖާގައަށް އަލަށް އިތުރުކުރެވުނު ޖާގައާއިއެކު އެ ރިސޯޓްގެ މުވައްޒަފުންނަށް އެއްވެސް ދަތިކަމެއްނެތި އެއްފަހަރާ ނަމާދުކުރެވޭނެކަމަށެވެ. 

"މަސްޖިދުލް ތަޤްވާ"އަށް އަލަށް އިތުރުކުރި ބަޔާއެކު އެ މިސްކިތުގެ ޖާގަ ދެގުނައަށް ބޮޑުވެފައިވާކަމަށް ޝަހީމް ވިދާޅުވިއެވެ. މިސްކިތް ހުޅުވުމަށްފަހު އެ މިސްކިތުގައި ވަނީ ދީނީ ދަރުސެއް ދެއްވާފައެވެ. މި ދަރުސް ދެއްވާފައިވަނީ ނަމާދު ކުރުމުގެ މާތްކަމާއި މަތިވެރިކަމުގެ މައްޗަށެވެ.

އަނަންތަރާ ކިހާވައް ރިސޯޓްގެ މުވައްޒަފުންނަކީ ނަމާދަށް ފަރުވާތެރި އަދި ދީނީ ކަންކަމަށް ހާއްސަ ސަމާލުކަންދޭ މުވައްޒަފުންތަކެއްކަމަށް އެ ރިސޯޓްގެ ހިއުމަން ރިސޯސަސް މެނޭޖަރ އިސްމާޢީލް ޝަހީމް ވިދާޅުވިއެވެ.