ޚަބަރު

އެމްބީއޭ ޗެމްޕިއަންޝިޕް: ޓީރެކްސް އާއި ރެޑްވިންގްސް ފެށީ ބޮޑު މޮޅަކުން


މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ އެމްބީއޭ ޗެމްޕިއަންޝިޕުގައި ޓީރެކްސް އާއި ރެޑްވިންގްސް ކުޅުނު ފުރަތަމަ މެޗުތަކުގައި ބޮޑު މޮޅެއް ހޯދައިފިއެވެ.

މުބާރާތުގައި ޓީރެކްސް ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފައިވަނީ ސްޓިންގާސް ބީސީ އާއި ވާދަކޮށް 125 ޕޮއިންޓުގެ ބޮޑު ތަފާތަކުންނެވެ. އެއީ 172 ޕޮއިންޓު 47 ޕޮއިންޓުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޓީރެކްސްގެ އިސްމާޢީލް ވިލްދާން ޔޫސުފެވެ.

ރެޑްވިންގްސް ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފައިވަނީ ސްޕާޓަންސް ބާސްކެޓްބޯލް އާއި ވާދަކޮށް 95 ޕޮއިންޓު 31 ޕޮއިންޓުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރެޑްވިންގްސްގެ ޒައިދާން އާތިފް ޝުކޫރެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ކުޅުން ކުރިއަށްދަނީ ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕެއްގައި ތިން ޓީމު ހިމެނެއެވެ. ގްރޫޕް އޭގައި ހިމެނެނީ ރެޕްޓާސް އާއި ރޯޔަލްސްގެ އިތުރުން ޑީބީސީ އެވެ. ގްރޫޕް ބީގައި ހިމެނެނީ ކިންގްސް އާއި ޓެލޯންސްގެ އިތުރުން ޔޫއެން ފްރެންސް އެވެ. ގްރޫޕް ސީގައި ޓީރެކްސް އާއި ސްޓިންގާސް އަދި ފީނިކްސް ހިމެނޭއިރު ގްރޫޕް ޑީގައި ހިމެނެނީ ރެޑްވިންސް ސްޕާޓަންސް އަދި ހުޅުމާލެ އެވެ.

ކޮންމެ ގްރޫޕަކުން އެއްވަނަ ހޯދާ ޓީމެއް އެމްބީއޭ ކަޕަށް ކޮލިފައިވާނެއެވެ. ޖުމްލަ ފަސް ޓީމާއެކު އެ މުބާރާތް ބާއްވާއިރު، ފަސްވަނަ ޓީމަކީ ހަތަރު ގްރޫޕުގެ ތެރެއިން ދެވަނައަށް ރޭންކުކޮށްފައިވާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ޓީމެވެ. މި މުބާރާތަށްފަހު ޝީލްޑު މުބާރާތްވެސް ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ. އެ މުބާރާތުގައި ދެވަނައަށް ރޭންކޮށްފައިވާ ބާކީ ތިން ޓީމުގެ އިތުރުން ތިންވަނައަށް ރޭންކުކޮށްފައިވާ އެންމެ ރަނގަޅު ޓީމަށް ފުރުސަތު ލިބިގެންދާނެ އެވެ. ފަސްވަނަ ޖާހައަކީ ޕްލޭއޮފް ޖާގައެކެވެ.