އިނގިރޭސި ލީގު ކަޕް ނުވަތަ ކަރަބާއޯ ކަޕްގެ ސެމީ ފައިނަލުގައި ރޭ އާސެނަލް އާއި ދެކޮޅަށް ނިއުކާސަލް ޔުނައިޓެޑް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މުބާރާތުގެ ފައިނަލުގެ ޖާގައެއް ނިއުކާސަލް ޔުނައިޓެޑް އިން ހޯދައިފި އެވެ.
ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗު ވެސް 2-0 ގެ ނަތީޖާއަކުން ނިއުކާސަލް ޔުނައިންޓެޑް އިން ކާމިޔާބުކޮށްފައިވާއިރު އެ ޓީމުން ވަނީ ރޭގެ ނަތީޖާ އާއިއެކު ދެ ލެގުގެ އެގްރިގޭޓް ނަތީޖާ 4-0 އިން މޮޅުވެފަ އެވެ.
ނިއުކާސަލްގެ ސެއިންޓް ޖޭމްސް ޕާކުގައި ފަންސާސް ދެހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުން މޮޅުވެ މުބާރާތުގެ ފައިނަލަށް ނިއުކާސަލް ޔުނައިޓެޑް ދަތުރު ކުރުމާއެކު އެ ޓީމަށް ވަނީ 56 އަހަރަށްފަހު ބޮޑު މުބާރާތެއް ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑުވެފަ އެވެ. ނިއުކާސަލް ޔުނައިޓެޑަށް އެންމެ ފަހުން ބޮޑު މުބާރާތެއް ކާމިޔާބު ކުރެވިފައިވަނީ 1969 ވަނަ އަހަރުގެ އިންޓަރ ސިޓީސް ފެއާރސް ކަޕް އެވެ.
މެޗު ފަށައިގެން ގިނައިރުތަކެއް ނުވަނީސް ނިއުކާސަލް ޔުނައިޓެޑް އިން ވަނީ މެޗުގެ ކޮންޓްރޯލް ހޯދާ އާސެނަލްގެ ގޯލަށް ނުރައްކާކުރަން ފަށާފަ އެވެ. އެގޮތުން މެޗުގެ 7 ވަނަ މިނިޓުގައި އެލެކްޒެންޑަރ އިސާކް ވަނީ ލަނޑެއް ޖަހާފަ އެވެ. ނަމަވެސް ވީޑިއޯ ބެލުމަށްފަހު ރެފްރީ ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފަ އެވެ.
އަދި އޭގެ 12 މިނިޓު ފަހުން މެޗުގެ 19 ވަނަ މިނިޓުގައި ނިއުކާސަލް ޔުނައިޓެޑް އިން ވަނީ ލަނޑެއް ޖަހާ ކުރި ހޯދާފަ އެވެ. މި ލަނޑަކީ ސްވިޑަންގެ ފޯވަޑް ޖޭކޮބް މާފީ ވަރަށް ބާރަށް ފޮނުވާލި ހަމަލައެއް ގޯލުގެ ދަނޑީގައި ޖެހިފައި ބޭރަށް ނިކުތްވަގުތު ދެވަނަ ފަހަރަށް ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.
ނިއުކާސަލް އިން މި ލަނޑު ޖެހުމުގެ ކުރިން އާސެނަލްގެ މާޓިން އޮޑެގާޑް އަށް މެޗުގެ ނަތީޖާ ބަދަލުކުރަން ލިބުނު ރަނުގެ ފުރުސަތު އޭނާ ވަނީ ނަގާލާފަ އެވެ.
މި މެޗުގައި ނިއުކާސަލް ޔުނައިޓެޑް އިން ޖެހި ދެވަނަ ލަނޑު މެޗުގެ 52 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އާސެނަލްގެ ގޯލުކީޕަރ ޑޭވިޑް ރާޔާއަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ އެންތޮނީ ގޯޑަން އެވެ.
މި މުބާރާތުގެ ފައިނަލުގައި ނިއުކާސަލް ޔުނައިޓެޑް އާއި ދެކޮޅަށް ކުޅޭނެ ޓީމެއް އެނގިގެންދާނީ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ލިވަޕޫލް އާއި ޓޮޓްނަމް ހޮޓްސްޕަރ ކުޅޭ މެޗަށްފަހުގަ އެވެ.