ޚަބަރު

މިނިވަންކަމަށް ކުޑަވެސް ލޮޅުމެއް އަރައިފާނެ ކަމަކަށް ދޫނުދޭނަން: ރައީސް


  • ރާއްޖޭގެ މިނިވަންކަމަށް ކުޑަވެސް ލޮޅުމެއް އަރާނެކަމަކަށް ޖާގަނުދެއްވާނެކަމަށް ވިދާޅުވި

  • އެމްއެންޑީއެފްގެ ކޯސްޓްގާޑު ދެގުނަ ކުރައްވާނެކަމަށްވެސް ވިދާޅުވި

  • ފުލުހުންގެ ޚިދުމަތް މިއަހަރު ރާއްޖޭގެ ހުރިހާ ރަށަކަށް ފުޅާކުރައްވާނެކަމަށް ރައީސް ވިދާޅުވި

އަޒުމަކީ މިނިވަންކަމަށް ލޮޅުމެއް އަރައިފާނެ ކަމަކަށް ދޫނުދިނުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެވެ. ރައީސް މިހެން ވިދަޅުވީ މިއަހަރަށް ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ އެ މަނިކުފާނު ވެރިކަމާއި ހަވާލުވެ ޤައުމާ މުޚާތަބުކުރައްވާ ވީ އެންމެ ބޮޑު ވަޢުދަކީ ދިވެހިންގެ މިނިވަންކަމާއި އަމިއްލަވަންތަކަން ޚިމާޔަތްކޮށްދޭނެ ކަމުގެ ވަޢުދު ކަމަށެވެ. އެގޮތުން މި ލޮބުވެތި ޤައުމުގެ މިނިވަންކަމަށް ކުޑަވެސް ލޮޅުމެއް އަރައިފާނެ ކަމަކަށް ދޫނުދިނުމަކީ ޢަމާޒެއްކަމަށް ރައީސް ވިދާޅުވިއެވެ.

"އެއީ އަޅުގަނޑުގެ އަމިއްލަ ނަފުސުގެ މައްޗަށް އަޅުގަނޑު ލާޒިމުކުރާ، ދުވަހަކު ވެސް ފަރުވާކުޑަކޮށްނުލާނެ ޤައުމީ ވާޖިބެއް. އެހެންކަމުން ކަނޑާ އެއްގަމާ ވައިގެ ގޮތުން ވެސް އަމިއްލަ ޤައުމު އަމިއްލައަށް ދިފާޢުކުރެވޭނެވަރުގެ ޤާބިލުކަން އުފައްދަން މި ސަރުކާރުން މަސައްކަތްކުރާނެ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމް.އެން.ޑީ.އެފް ކޯސްޓްގާޑު ދެގުނަކޮށް ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް މިހާރު ވާނީ ފަށާފައިކަމަށެވެ. އެގޮތުން ކޯސްޓްގާޑަށް ބޭނުންވާ އުޅަނދުފަހަރު ހޯދުމުގެ މަސައްކަތް ކުރިއަށް ދާކަމަށާއި ކޯސްޓްގާޑުގެ އިތުރު މަރުކަޒުތައް ޤާއިމް ކުރުމަށް ޓަކާ ކުރަންޖެހޭ މަސައްކަތްތައް ވެސް ހަލުވި ދުވެލީގައި ކުރެވެމުން ދާކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ކޯސްޓްގާޑްގެ ސްޕެޝަލް އޮޕަރޭޝަންތަކަށް "ސްޕެޝަލް ބޯޓް ސްކޮޑްރަން" 03 ނޮވެންބަރު 2024 ގައި އުފައްދައި، ޚިދުމަތަށް ނެރެފައިވާކަމަށްވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ވައިގެމަގުން ވެސް ޤައުމު ދިފާޢުކުރެވެން ޖެހޭކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ޒަމާނީ އަސްކަރީ ޤާބިލުކަން އިތުރު ކުރުމަށްޓަކާ އެމް.އެން.ޑީ.އެފް އެއަރ ކޯރ، 15 މާރިޗް 2024 ގައި ވާނީ އުފައްދައިފައިކަމަށެވެ. އެއާއެކު، އަންމޭންޑް އޭރިއަލް ވެހިކަލްތަކުގެ ޚިދުމަތް ފެށުމުން، ޤާނޫނާ ޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ޙަރަކާތްތެރި ވަމުންދިޔަ ބޭރުގެ ގިނަ އުޅަނދުތަކެއް، އެ ވެހިކަލްތަކުގެ އެހީގައި، މިހާތަނަށް ވަނީ ހޯދިފައިކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމަށްޓަކައި، ރާއްޖޭގެ އުތުރާއި ދެކުނުގައިވެސް އެއަރ ސްޓޭޝަން ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް މިހާރު ފަށާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. ހަމައެއާއެކު، މިއަހަރުގެ ތެރޭގައި އެމް.އެން.ޑީ.އެފްގެ މެރީން ކޯގެ ކެޕޭސިޓީ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެކަމަށާއި، ގިރިފުށީ ޓްރެއިނިންގ މަރުކަޒުގެ ޖާގައާއި ވަސީލަތްތައް އިތުރުކުރައްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"މި ގެނެވޭ ކުރިއެރުންތަކުގެ ތެރޭގައި އިންސާނީ ޤާބިލުކަމާއި ވަސީލަތުގެ މުއްސަނދިކަމާއި ނިޒާމީ ހަރުދަނާކަން ޒަމާނީ ފެންވަރުގައި ގެނެވޭނެ. ހަމަ މި ބީދައިން ދަންނަވާލަން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެމް.އެން.ޑީ.އެފްގެ ފަޔަރ އެންޑް ރެސްކިއުގެ ކެޕޭސިޓީ ވަރަށް ބޮޑަށް އިތުރުކުރަން އެބަ ޖެހޭ. އެހެންކަމުން ފަޔަރ އެންޑް ރެސްކިއުއަށް ބޭނުންވާ ވަޞީލަތްތައް އިތުރުކުރުމުގެ މުހިންމު މަސައްކަތްތަކެއް މިއަހަރު ކުރަން ނިންމާފައިވާނެ" ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޤައުމުގެ އަމަން އަމާންކަމާއި، ލޯ އެންޑް އޯޑަރ ބެލެހެއްޓުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާ މަސައްކަތަށް ކުރިއެރުން ގެނެސްދިނުމުގައި ސަރުކާރުން ނުހަނު އިސްކަންދީގެން މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން ނަތީޖާއެއްގެ ގޮތުން މިއަހަރު ނިމޭއިރު ފުލުހުންގެ ޚިދުމަތް ޤާއިމުކުރެވިފައިނުވާ އެއްވެސް ރަށެއް ނުހުންނާނެކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ޑްރަގާއި ގޭންގުތަކުގެ މައްސަލަތަކަށްވެސް އަލި އަޅުއްވާލައްވާފައެވެ. އެގޮތުން މި މައްސަލަތަކަށް ދާއިމީ ޙައްލެއް ގެނައުމަށް މި ސަރުކާރުން ފަށާފައިވާ ބޮޑު މަސައްކަތުން ބޭނުންވާ ކެޕޭސިޓީ ދިވެހި ފުލުހުންގެ ޚިދުމަތުގައި އިންސާނީ ވަސީލަތުގެ ގޮތުންނާއި އެހެނިހެން ވަސީލަތްތަކުގެ ގޮތުން މިއަހަރު އިތުރުކުރެވިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.