ތަރައްްޤީ

އިންޑަސްޓްރިއަލް ވިލެޖްގެ ބިންހިއްކެވުމުގެ މަސައްކަތް ނިމިއްޖެ


މާލޭ އިންޑަސްޓްރިއަލް ވިލެޖް ތަރައްޤީކުރެއްވުމުގެ މަޝްރޫޢަކީ، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކުރިމަތިވެފައިވާ އެތަކެއް ދަތިތަކަކަށް ޙައްލު ލިބިގެންދާނެ ބޮޑު މަޝްރޫޢެކެވެ.

އިންޑަސްޓްރިއަލް ވިލެޖް ތަރައްޤީ ކުރައްވާ ސަރަޙައްދުގެ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފެށިތާ 3 ވަނައަށްވީ ދުވަހު އެ މަސައްކަތް މިވަނީ ނިމިފައެވެ. އާބާދީގެ ތިންބައި ކުޅަ އެއްބައި ރައްޔިތުން ދިރިއުޅެމުންދާ މާލެއަކީ، ދުނިޔޭގައިވާ އެންމެ ކުޑަ، އަދި އެންމެ ތޮއް ޖެހިފައިވާ އެއް ތަނޭ ދެންނެވުން ދޮގަކަށް ނުވާނެއެވެ. އެކި ސަބަބުތަކަށްޓަކައި މާލޭގައި ދިރިއުޅޭ ރައްޔިތުން ދިރިއުޅެމުންދަނީ އެތަކެއް މައްސަލަތަކަކާއި ދަތިތަކަކާއިއެކުގައެވެ. ބޮޑެތި ވޯކްޝޮޕްތަކާއި، ގަރާޖްތަކާއި، ގުދަންތަކުގެ މެދުގައި ދިރިއުޅެން ޖެހުން މިއީ، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އެންމެ ބޮޑެތި ދަތިތަކާއި ކުރިމަތިލާންޖެހިފައިވާ އެއް ސަބަބެވެ. މީގެ އިތުރުންވެސް، ރައްކާތެރި ގޮތުގައި ކުނި މެނޭޖްކުރުމުގެ ފުރިހަމަ ނިޒާމެއް ޤާއިމްވެފައި ނެތުން މިއީވެސް، މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ވަރަށް ބޮޑު ޝަކުވާއެކެވެ. މިފަދަ  ދަތިތައް ޙައްލުކޮށްދެއްވުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް ޢަމާޒެވެ. img:http://s1.psmnews.mv/images/660x400/14675080810723.jpg|އިންޑަސްޓްރިއަލް ވިލެޖްގެ މަސައްކަތް ކުރިއަށްދާ ސަރަހައްދު - ފޮޓޯ: ހައުސިންގ މިނިސްޓްރީ

މާލޭގެ އެކި ސަރަޙައްދުތަކުގައިވާ ވޯކްޝޮޕްތަކާއި ގަރާޖްތައް އަދި ގުދަންތައްފަދަ އިންޑަސްޓްރިއަލް ނުވަތަ ސިނާޢީ މަސައްކަތްކުރާ ތަންތަން، މީހުން ދިރިއުޅޭ ޞަރަހައްދާއި ދުރަށް ބަދަލުކުރެއްވުމަށް މީގެ ކުރީގެ ސަރުކާރުތަކުންވެސް ވިސްނުންފުޅު ގެންގުޅުއްވާފައިވެއެވެ. އަދި މި ޢަމާޒު ޙާޞިލްކުރައްވަން މަސައްކަތްތަކެއްވެސް ކުރައްވާފައިވެއެވެ. މީގެ ކުރިން މިކަމަށް ރަނގަޅު އަދި ދެމެހެއްޓެނިވި ޙައްލެއް ގެނެވިފައި ނުވި ނަމަވެސް، މިހާރު މިވަނީ މިކަމަށް އަވަސް ޙައްލެއް ލިބެން އުޅޭކަމުގެ ކުލަވަރު ފެންނަން ފަށާފައެވެ. img:http://s3.psmnews.mv/images/660x400/14675080685867.jpg|އިންޑަސްޓްރިއަލް ވިލެޖްގެ މަސައްކަތް ކުރިއަށްދާ ސަރަހައްދު - ފޮޓޯ: ހައުސިންގ މިނިސްޓްރީ

މާލޭ ހުޅަނގު ދެކުނު ފަރާތުން މިހާރު ފެންނަމުން މިދަނީ މި މަންޒަރުތަކެވެ. މާލޭގެ ބިމަށް މިހާރު މިވަނީ 5 ހެކްޓަރު އިތުރުވެފައެވެ. ފާއިތުވި 3 ދުވަހު މާލޭ ހުޅަނގު ދެކުނު ފަރާތުން ފެނިފައިވަނީ، މާލެއިން މީގެ އަހަރުތަކެއް ކުރިން ނޫނީ ފެނިފައިވާ މަންޒަރެއް ނޫނެވެ. މާލޭގައި އިންޑަސްޓްރިއަލް ވިލެޖެއް ނުވަތަ ޚާއްޞަ ސިނާއީ ސަރަޙައްދެއް ޤާއިމްކުރެއްވުމަށް ސަރުކާރުން ވެވަޑައިގަތް ވަޢުދުގެ ދަށުން، އެ ސަރަޙައްދުގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދިޔަ މަންޒަރެވެ. img:http://s3.psmnews.mv/images/660x400/14675080229690.jpg|އިންޑަސްޓްރިއަލް ވިލެޖްގެ މަސައްކަތް ކުރިއަށްދާ ސަރަހައްދު - ފޮޓޯ: ހައުސިންގ މިނިސްޓްރީ

މި މަޝްރޫޢުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް ފައްޓަވާފައިވަނީ މި ހުސްވި ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ. އަދި އޭގެ 3 ދުވަސް ފަހުން، ބިން ހިއްކުމުގެ މަސައްކަތް ނިމި، މިހާރު މިވަނީ މާލެއަށް 5 ހެކްޓަރުގެ ބިން އިތުރުވެފައެވެ. ސަރުކާރުން ޢަމާޒު ކުރެއްވި ގޮތަށް، ބިން ހިއްކުމުގެ މަސައްކަތް މިވަނީ ހޮނިހިރު ދުވަހުގެ ރޭ ނިންމަވާފައެވެ.

ސަރުކާރުން މި މަޝްރޫޢު ހަވާލުކުރައްވާފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީއާއެވެ. ބިން ހިއްކުމުގެ ޢަމަލީ މަސައްކަތްކޮށްފައިވަނީ ނެދަރލެންޑްސްގެ ވެން-އޫރްދް ޑްރެޖިންގ އެންޑް މެރިން ކޮންޓްރެކްޓަރ ކުންފުންޏާއެވެ. އެ ކުންފުނިން މި މަސައްކަތުގައި ބޭނުންކޮށްފައިވަނީ ދުނިޔޭގައިވާ ދެވަނައަށް އެންމެ ބޮޑު ޑްރެޖަރެވެ. ހުއްޓުމެއްނެތި 24 ގަޑިއިރު ކުރިއަށް ގެންދިޔަ މި މަސައްކަތަށް ބޭނުންވާ ވެލި ނަގާފައިވަނީ އުތުރު ތިލަފަޅު ކައިރިން 45 މީޓަރު އަޑިންނެވެ. އިންޑަސްޓްރިއަލް ވިލެޖްގެ ބިން ހިއްކުމުގެ މަސައްކަތް ނިމުމާއިއެކު، އެ ސަރަޙައްދުގެ މަގުތައް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ފެއްޓެވުމަށް ހައިސިންގ މިނިސްޓްރީއިން މިހާރު ގެންދަވަނީ ތައްޔާރުވެ ވަޑައިގަންނަވަމުންނެވެ.   img:http://s2.psmnews.mv/images/660x400/14675080385984.jpg|އިންޑަސްޓްރިއަލް ވިލެޖްގެ މަސައްކަތް ކުރިއަށްދާ ސަރަހައްދު - ފޮޓޯ: ހައުސިންގ މިނިސްޓްރީ

އިންޑަސްޓްރިއަލް ވިލެޖް ތަރައްޤީކޮށް ނިމުން ވެގެންދާނީ މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ގިނަ ޝަކުވާތަކެއްގެ އަޑުތައް ފަނޑުވެގެންދާނެ ކަމަކަށެވެ. ސިނާއީ މަސައްކަތް ކުރާ ތަންތަނުގެ ސަބަބުން ކުރިމަތިވާ ދަތިތަކާއި، ރައްކާތެރި ގޮތުގައި ކުނި މެނޭޖްކުރުމަށް އޮތް ދަތިތަކަށްވެސް ޙައްލެއް ލިބިގެންދާނެއެވެ. މި މަޝްރޫޢު ނިމުމާއިއެކު، މާލޭގެ އެކި ސަރަޙައްދުތަކުގައިވާ ގަރާޖްތަކާއި، ވޯކްޝޮޕްތައް އަދި ކެމިކަލް ގުދަންތައް އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރައްވާނެއެވެ. މީގެ އިތުރުން، އިންޑަސްޓްރިއަލް ވިލެޖުގެ އެންމެ ބޮޑު ސަރަޙައްދެއް ޚާއްޞަ ކުރައްވާފައިވަނީ ރައްކާތެރި ގޮތުގައި ކުނި މެނޭޖްކުރުމުގެ މަސައްކަތް ކުރުމަށެވެ. މާލޭގައި އުފެދޭ ކުނި ތިލަފުއްޓަށް ގެންދިޔުމަށް ބޭނުންކުރާ ލޭންޑިންގ ކްރާފްޓް ނުވަތަ ކޮޅުވެއްޓި ގާތްކުރެވޭނެ ނިޒާމާއިއެކު، ކުނި މެނޭޖްކުރުމަށް ޚާއްޞަކުރައްވާފައިވާ ސަރަޙައްދަށް 80،000 އަކަފޫޓުގެ ބިމެއްވަނީ ކަނޑައަޅުއްވާފައެވެ. މީގެ އިތުރުންވެސް، ކަނޑު ދަތުރުފަތުރު ކުރާ އުޅަނދު ފަހަރަށް ތެޔޮ އެޅުމަށް ޚާއްޞަ އިންތިޒާމްތައް ހަމަޖައްސަވާނެކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ. އަދި، މި މަޝްރޫޢު ނިމޭއިރު، އެ ސަރަޙައްދުގައި ކުރިން އޮތް ތޮށްޓަށްވުރެ ފުރިހަމަ، އަދި ރައްކާތެރި ތޮށްޓެއް ލެވިގެންދާނެކަމަށްވެސް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

ސަރުކާރުގެ އިސްނެންގެވުމުގެ މަތިން ފައްޓަވާފައިވާ މާލެ ރީ-ޑިވޮލޮޕް ކުރެއްވުމުގެ މަޝްރޫޢުގެ ދަށުން ގިނަ މަސައްކަތްތަކެއް ގެންދަވަނީ ކުރައްވަމުންނެވެ. މީގެ ތެރޭގައި މާލޭ ވަށައިގެން އޮންނަ ބޮޑުތަކުރުފާނު މަގުގައި ތާރު އެޅުއްވުމާއި، މާލޭ ހުޅަނގު ފަރާތުގައި ތަރައްޤީ ކުރައްވާފައިވާ ރަސްފަންނު ގޮނޑުދޮށާއި، ޢިއްޒުއްދީން ފާލަމާއި، ޖުމްހޫރީ މައިދާން އަދި އެ ސަރަޙައްދުގައި ފައްވާރެއް ބިނާކުރެއްވުމާއި، އިސްލާމީ މަރުކަޒުގެ ސަރަޙައްދުގައި މާބްލް ޖެއްސެވުމާއި، ސުނާމީ ބިނާ ޕާކް ތަރައްޤީ ކުރެއްވުމުގެ މަޝްރޫޢު ފަދަ ބޮޑެތި މަޝްރޫޢުތަކާއި، މާލޭގެ އެކި ސަރަޙައްދުތަކުގައި ޕާކުތައް ބިނާ ކުރެއްވުމުގެ މަޝްރޫޢުތައް ފާހަގަކޮށްލެވެއެވެ. img:http://s3.psmnews.mv/images/660x400/14675080549504.jpg|އިންޑަސްޓްރިއަލް ވިލެޖްގެ މަސައްކަތް ކުރިއަށްދާ ސަރަހައްދު - ފޮޓޯ: ހައުސިންގ މިނިސްޓްރީ

މިހާރު ކުރިއަށް ގެންދަވާ މާލޭ އިންޑަސްޓްރިއަލް ވިލެޖް ތަރައްޤީ ކުރެއްވުމުގެ މަޝްރޫޢު މި މަހުގެ 26ވަނަ ދުވަހު ކުރިން ނިންމެވުމަށް ސަރުކާރުންވަނީ ޢަމާޒު ހިއްޕަވާފައެވެ. މި މަޝްރޫޢުގެ ނިމުމުގެ ކުލަވަރުތައް ފެންނަމުންދާއިރު، މިއީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކުރިމަތިވެފައިވާ ގިނަ ދަތިތަކެއް ޙައްލު ވެގެންދާނެ ބޮޑު މަޝްރޫޢެކެވެ.