ޚަބަރު

މޯލްޑިވިއަންގެ ދަތުރުތައް ތައިލޭންޑާއި މެލޭޝިއާއަށް ފަށަން އެޖެންޓުން ހޯދަނީ


  • މޯލްޑިވިއަންގެ ޚިދުމަތަށް ވައިޑް-ބޮޑީ މަތިންދާ ބޯޓު ގެނައީ މިދިޔަ މަހު

  • ޗައިނާގެ 3 މަންޒިލަކަށް މިހާރު ދަނީ ދަތުރުކުރަމުން

މޯލްޑިވިއަންގެ ދަތުރުތައް ތައިލޭންޑާއި މެލޭޝިއާއަށް ފުޅާކުރުމަށް އެ 2 ގައުމުގައި އެ ކުންފުނީގެ އެޖެންޓުންގެ ގޮތުގައި މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

މޯލްޑިވިއަނުން އެޖެންޓުން ހޯދަން އިއުލާންކޮށްފައިވަނީ ތައިލޭންޑްގެ ބެންކޮކާއި، މެލޭޝިއާގެ ކުއަލަލަންޕޫރަށެވެ. މޯލްޑިވިއަނުން ބުނީ މި 2 ޤައުމުގައި އެކުންފުނީގެ އެޖެންޓުންނަށްވުމުގެ ފުރުސަތު މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ.

މޯލްޑިވިއަންގެ ޚިދުމަތަށް ވައިޑް-ބޮޑީ މަތިންދާ ބޯޓު ގެނެސްފައިވަނީ މިދިޔަ މަހުގެ 6 ވަނަ ދުވަހުއެވެ. މިހާރު މޯލްޑިވިއަނުން ވަނީ ޗައިނާގެ 3 ސިޓީއަކަށް ދަތުރުތައް ފަށާފައެވެ. އެއީ ޗެންޑޫ، ބެއިޖިންގ އަދި ޝަންހާއީއެވެ.

މި ދަތުރުތަކަށް ފަތުރުވެރިންގެ މެދުގައި ބޮޑު ތަރުހީބެއް އެބައޮތްކަމަށް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ. މިދަތުރުތަކުގައި ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިންވަނީ އައިސްފައެވެ.

މޯލްޑިވިއަންގެ ޚިދުމަތަށް ވައިޑް-ބޮޑީ މަތިންދާ ބޯޓު ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ މިއަހަރުގެ އޮކްޓޯބަރ މަހުގެ ތެރޭގައި މޯލްޑިވިއަންގެ ފްލީޓަށް އިތުރު ވައިޑް-ބޮޑީ މަތިންދާ ބޯޓެއް ގެނެސް ޚިދުމަތް ފުޅާކުރައްވާނެކަމަށެވެ. ވައިޑް-ބޮޑީ މަތިންދާ ބޯޓާއެކު މޯލްޑިވިއަންގެ ދަތުރުތައް ޔޫރަޕަށްވެސް ފެށުމަށް މޯލްޑިވިއަނުން ދަނީ މަސައްކަތްކުރައްވަމުންނެވެ.