ޚަބަރު

އަލްފޮންސޯ ޑޭވީސް ބަޔާން މިއުނިކާއެކު އިތުރު ފަސް އަހަރު


ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެމުންދާ ކެނެޑާގެ ޑިފެންޑަރު އަލްފޮންސޯ ޑޭވީސް ބަޔާން މިއުނިކާއިއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތަށް ފަސް އަހަރު އިތުރުކޮށް އައު އެގްރިމެންޓެއްގައި ސޮއިކޮށްފި އެވެ.

އަލްފޮންސޯ ޑޭވީސް ބަޔާން މިއުނިކާއި އެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުކުރިއިރު ސްޕެއިންގެ ގަދަބާރު ކަމުގައިވާ ރެއާލް މެޑްރިޑް އިން އޭނާއަށް ޝައުގުވެރިވާކަމަށް މީޑިޔާ ރިޕޯޓްތައްވަނީ ބުނެފަ އެވެ.

އެމެރިކާގެ މޭޖަރ ލީގުގެ ކްލަބް ވެންކޫވަރ ވައިޓްކެޕްސް އިން އިން 2019 ވަނަ އަހަރު ބަޔާން މިއުނިކާއި ގުޅުނު އުމުރުން 24 އަހަރުގެ ޑޭވީސް ބަޔާން މިއުނިކާއިއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަމަވާނެ އެވެ.

ބަޔާން މިއުނިކްގައި ހޭދަކުރި ދުވަސްތަކުގައި އޭނާ ވަނީ އެ ކްލަބަށް 220 މެޗު ކުޅެދީ 12 ލަނޑު ޖަހާ 34 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

އަދި އޭނާ ވަނީ ބަޔާން މިއުނިކާއިއެކު ޖަރުމަނުގެ ބުންޑެސްލީގާ ފަސް ފަހަރު ހޯދުމުގެ އިތުރުން ޔޫއެފާ ޗެމްޕިއަންސް ލީގު އެއް ފަހަރު ހޯދާފަ އެވެ. އަދި ޔޫއެފާ ސުޕަރ ކަޕާއި ފީފާ ކްލަބް ވޯލްޑް ކަޕާއި ޖަރުމަނުގެ ސުޕަ ކަޕް ދެ ފަހަރު ހޯދާފައިވާއިރު ދެ ފަހަރު މަތިން ޑީއެފްބީ ކަޕްވެސް ވަނީ ކާމިޔާބުކޮށްފަ އެވެ.

ކެނެޑާގެ ގައުމީ ޓީމުގެ ކެޕްޓަން ކަމުގެ ޒިންމާ އަދާކުރަމުންދާ އަލްފޮންސޯ ޑޭވީސް ވަނީ ގައުމީ ޓީމަށް 56 މެޗު ކުޅެފައެވެ. އޭނާ އެންމެ ފުރަތަމަ ގައުމީ ޓީމަށް ކުޅެފައިވަނީ އުމުރުން 16 އަހަރުގަ އެވެ.

ބުންޑެސްލީގާގެ އެއްވަނައިގައި 6 ޕޮއިންޓުގެ ތަފާތަކާއިއެކު ބަޔާން މިއުނިކް މިވަގުތު އޮތްއިރު މި ސީޒަނުގައި ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ޖާގައެއް ހޯދުމަށް އެ ކްލަބަށް ޖެހޭނީ ސެލްޓިކް އާއި ދެކޮޅަށް ޕްލޭއޮފް ދެ މެޗު ކުޅުމަށެވެ.