ކުޅިވަރު

ޕެންޔާއަށް މާފު ދޭން ކޯޗަށް ހުށަހެޅީ ކުޅުންތެރިން


ބާސެލޯނާގެ ކުޅުންތެރިން އެ ޓީމުގެ ޒުވާން ގޯލްކީޕަރު އިނާކީ ޕެންޔާއަށް މާފު ދޭން އެދި ކޯޗު ހަންސީ ފްލިކަށް ހުށަހަޅައިފިއެވެ.

ކުޅުންތެރިން މި ގޮތަށް އެދެނީ މި ސީޒަނުގައި އެއްވަނަ ކީޕަރުކަން ކުރަމުން އައި ކުޅުންތެރިޔާ ބެންޗަށް ބަދަލުކޮށް، އެއްވަނަ ކީޕަރުކަން ތަޖުރިބާކާރު ކީޕަރު ވޮޝްނިއާ ޝެޒްނީ އަށް ދިނުމުންނެވެ.

ސްޕޭނުގެ ނޫސްތަކުން ބުނަނީ ކޯޗުގެ މި ނިންމުމާއެކު އަންނަ ސީޒަނުގައި ކުލަބު ދޫކޮށްލަން ޕެންޔާ މިހާރު ވިސްނަމުންދާ ކަމަށެވެ. އަދި މިއީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް ދެކި ކޯޗުގެ ނިންމުން ބަދަލު ކުރަން ކުޅުންތެރިން އެދުނީ ކަމަށެވެ.

ޕެންޔާ ބެންޗަށް ބަދަލު ކުރަން ކޯޗު ފްލިކް ނިންމީ ކީޕަރު ޕްރެކްޓިހަށް ފަރުވާ ކުޑަކުރުމުންނެވެ. ހާއްސަކޮށް ގަޑިޖެހިގެން ޕްރެކްޓިހަށް އައުން ތަކުރާރުވުމުންނެވެ.

މިކަން އެންމެ ބޮޑުވީ ސްޕެނިޝް ސުޕަކަޕްގަ އެވެ. ސައޫދީ އަރަބިއާގައި ކުޅުނު މުބާރާތުގެ ސެމީ ފައިނަލް މެޗުގެ ކުރިން އޮތް ޕްރެކްޓިހަށް ޕެންޔާ ގަޑި ޖެހުމުންނެވެ. މިއާއެކު ކޯޗު ނިންމީ އެ މުބާރާތުގެ ސެމީ އާއި ފައިނަލުގައި ވެސް ޝެޒްނީ އަށް ފުރުސަތު ދިނުމަށެވެ. ފަހުން ނިންމީ ކޮޕާ ޑެކްރޭގެ މެޗުތަކާއި ޗެމްޕިއަންސް ލީގުގައި ވެސް ކުޅުވާނީ ޝެޒްނީ ކަމަށެވެ.

ނަމަވެސް މައްސަލަ މާބޮޑަށް ގޯސްވީ ސްޕެނިޝް ލީގުގައި ބާސެލޯނާ އެންމެ ފަހުން ކުޅުނު މެޗުތަކުގައި ޕެންޔާ ބެންޗުގައި ބޭންދުމުންނެވެ. ސްޕޭނުގެ ނޫސްތަކުން ބުނަނީ މިއީ ޕެންޔާ އަސް އަދަބު ދިނުމުގެ ގޮތުން ކޯޗު ދީފައިވާ ސަސްޕެންޝަނެއް ކަމަށެވެ.

ބާސެލޯނާގެ މެނޭޖްމަންޓުން މިކަމާމެދު އަދި ވަކި އެއްޗެއް ނުބުނެ އެވެ. މީގެ އެއް ސަބަބަކީ އަންނަ ސީޒަނުގައި ޕޯޗުގަލްގެ ޕޯޓޯގެ ކީޕަރު ގެނައުމަށް ބާސެލޯނާ މަސައްކަތް ކުރަމުންދިއުމެވެ.

ޕެންޔާ އަކީ މި ސީޒަނަށް ހަމަ އަށް ޓީމުގެ ރިޒާވް ކީޕަރެވެ. އޭނާ އަށް އެއްވަނަ ކީޕަރުކަން ލިބުނީ ކެޕްޓަން މާކް އަންދްރޭ ޓާސްޓެގަން އަށް މި ސީޒަނު ފެށުނުތަނާ އަނިޔާވެ ކުޅުމާ ދުރަށް ދާން ޖެހުމުންނެވެ. އަދި ލިބުނު ފުރުސަތުގައި ޕެންޔާ ވަނީ ބައެއް މެޗުތަކުގައި މޮޅު ކުޅުމެއް ވެސް ދައްކައިފަ އެވެ. ޕޮލެންޑްގެ ކީޕަރު ޝެޒްނީ ރިޓަޔާކޮށްގެން ހުއްޓައި އޭނާ ބާސެލޯނާ އަށް ގެނައީ ވެސް ޓާސްޓެގަން އަށް އަނިޔާވުމުންނެވެ.
\