ކުޅިވަރު

އޮލްމޯ އަދިވެސް "ބަންދު" ކުރެވިދާނެ: ލަލީގާގެ ރައީސް


ބާސެލޯނާއަށް ކުޅެމުން އަންނަ ސްޕެއިންގެ އެޓޭކިން މިޑްފީލްޑަރު ޑެނީ އޮލްމޯއަށް ނުކުޅެވޭ ގޮތް ހެދުމަށް އަދިވެސް ބޭނުންވާ ކަމަށް ސްޕެނިޝް ލީގުގެ ރައީސް ހާވިއާ ޓެބާސް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ސްޕެނިޝް ލީގާއި ސްޕޭނުގެ ފުޓްބޯޅަ ފެޑަރޭޝަނުން ނިންމުމާ ދެކޮޅަށް ކޯޓަށް ގޮސްގެން ބާސެލޯނާއިން އޮލްމޯ ކުޅުމުގެ ހުއްދަ ހޯދާފައިވާތީ އެކަން ކެންސަލް ކުރުމަށް ލީގުން ކުރަމުންދާ މަސައްކަތާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ.

"އަހަރެންނަށް ހީވަނީ އެކަން ކުރެވިދާނެހެން. އޮލްމޯ އަށް ކުޅުމުގެ ހުއްދަ ލިބުނީ ލީގުގެ ގަވާއިދިގެ ތެރެއަކުން ނޫން. އެއީ މުޅިން އެހެން ގޮތަކަށް ނިންމާފައިވާ ނިންމުމެއް. އަހަރެން ދެކޭ ގޮތުގައި މި ނިންމުން ބަދަލު ކުރެވިދާނެ. އަހަރުމެން މިދަނީ އެކަން ދިރާސާ ކުރަމުން،" ޓެބާސް ވިދާޅުވިއެވެ.

ސްޕެނިޝް ލީގުން އޮލްމޯ އަށް ސީޒަނުގެ ފަހު ބައިގައި ކުޅުމުގެ ހުއްދަ ނުދޭން ނިންމީ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހާ ހަމައަށް ކުޅުންތެރިޔާގެ ރަޖިސްޓަރީގެ ކަންކަން ފުރިހަމަ ނުކުރުމުންނެވެ. އެ ތާރީހަށް ބާސެލޯނާ އަށް ރަޖިސްޓްރޭޝަން ނުނިންމުނީ އެ ކުލަބުގެ މާލީ ތަނަވަސްކަން އަޑިއަޅާލާފައި އޮތުމުން ކުޅުންތެރިޔާ ރަޖިސްޓަރީ ކުރުމަށް މާލީ ގޮތުން ބޭނުންވާ ޖާގަ ނުލިބުމުންނެވެ. ބާސެލޯނާ އަށް މިކަން ހައްލު ކުރެވުނީ އެކުލަބުގެ ދަނޑުގެ ވީއައިޕީ ބައެއް ބޮކްސްތައް ވިއްކާލައިގެން ޖެނުއަރީ މަހުގެ ތިން ވަނަ ދުވަހު އެވެ.

މިއަށްފަހު ބާސެލޯނާގެ ހުށަހެޅުން ގަބޫލުކޮށް އޮލްމޯ ރަޖިސްޓަރ ކުރެވުނީ އެކަމަށް ސްޕޭނުގެ ސްޕްރީމް ސްޕޯޓްސް ކައުންސިލުން ހުއްދަ ދިނުމުންނެވެ. ސްޕޭނުގެ އެންމެ ކުޅިވަރުގެ ކަންކަން ނިންމާ އެންމެ މަތީ ފަރާތުން މި ހުއްދަ ދިނީ ދަށު ކޯޓުތަކުންނާއި ސްޕެނިޝް ލީގާއި ސްޕޭނުގެ ފުޓްބޯޅަ ފެޑަރޭޝަނުން އޮލްމޯ އާއި ޕައު ވިކްޓަރ ރަޖިސްޓަރ ކުރަން ދެކޮޅު ހަދާފައިވަނިކޮށެވެ.

ސްޕްރީމް ސްޕޯޓްސް ކައުންސިލުން ބުނީ ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ނުލިބުމަކީ ކުޅުންތެރިޔާ އާއި ކުލަބަށާއި ސްޕޭނުގެ ގައުމީ ޓީމަށް ވެސް އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބިދާނެ ކަމެއް ކަމަށެވެ. މިހެންވެ ސްޕެނިޝް ލީގާއި ފެޑަރޭޝަނުގެ ނިންމުން ސަސްޕެންކޮށް، ކުޅުމުގެ ފުރުސަތު ދިނުމަށެވެ.

އޮލްމޯ އާއި ޕައު ވިކްޓަރ ރަޖިސްޓަރ ކުރަން ލީގުން ދެކޮޅު ހެދީ ސްޕޭނުގެ ފުޓްބޯލް ފެޑަރޭޝަނުގެ ގަވާއިދުގެ 130 ވަނަ މާއްދާގެ ދެ ވަނަ ނުކުތާއާ ހަވާލާދީފަ އެވެ. މި ޕޮއިންޓްގައި ބުނެފައިވަނީ ކުޅުންތެރިއަކު އެއް ޓީމަކަށް ސީޒަނެއްގެ ތެރޭގައި ދެ ފަހަރަކު ރަޖިސްޓަރީ ނުކުރެވޭނެ ކަމަށެވެ. އަދި ކުޅުންތެރިއަކު ޑީރަޖިސްޓަރީ (ރަޖިސްޓަރީން އުނިވެއްޖެނަމަ) ވެސް އަލުން އެ ޓީމަކަށް ރަޖިސްޓަރ ނުކުރެވޭނެ ކަމަށެވެ.

މިހެންވެ ބާސެލޯނާއިން ސްޕޭނުގެ ފެޑަރޭޝަނުގައި އެދުނީ މި ދެ ކުޅުންތެރިން ރަޖިސްޓަރީ ކުރުމަށް އައު ލައިސަންސެއް ދިނުމަށާއި 130 ވަނަ މާއްދާއަކީ މިހާރު އައުޓްޑޭޓް ވެފައިވާ މާއްދާއެއް ކަމަށް ކަނޑައަޅައި އެ މާއްދާ އިސްލާހު ކޮށްދިނުމަށެވެ.

ސްޕްރީމް ސްޕޯޓްސް ކައުންސިލަށް 56 ސޮފުހާގެ ރިޕޯޓަކާއެކު ބާސެލޯނާއިން މި މައްސަލަ ހުށަހެޅީ އެ ކުލަބުން ގަވާއިދާ ހިލާފު ނުވާ ކަމުގެ ހެކިތަކާއެކުގަ އެވެ. ބާސެލޯނާއިން ބުނީ ޑިސެމްބަރު މަހުގެ 31ގެ ކުރިން ކުޅުންތެރިން ރަޖިސްޓަރ ކުރަން ބޭނުންވާ ލިޔެކިއުން ހުށަހެޅި ކަމަށާއި ލީގުން ލިޔެކިއުން ބަލައިގަނެ ކަންކަން ފުރިހަމަކުރަން ވަގުތު ނެގުމަކީ ހަމައެކަނި ކުލަބުގެ މައްސަލައެއް ނޫން ކަމަށެވެ.

ޓެބޭސް ބުނީ މި ނިންމުން ބަދަލު ކުރުމަށް ސްޕޭނުގެ ފެޑަރޭޝަނުން ބޭނުންވާތީވެ އިސްތިއުނާފު ކުރަން ލިބިފައިވާ ތިން މަސް ދުވަހުގެ ބޭނުން ކުރުމަށް ވިސްނަމުންދާ ކަމަށެވެ.