ޚަބަރު

ޣައްޒާގައި އިތުރު 14,000 މީހުން ޝަހީދުވި ކަމަށް ކަނޑައަޅައިފި


ޔަހޫދީ ދައުލަތުން ފަލަސްޠީނުގެ ޣައްޒާއަށް ދެމުން ދިޔަ ޢުދުވާނީ ޙަމަލާތަކުގައި ޝަހީދުވި މީހުންގެ ޢަދަދު މުރާޖަޢާ ކޮށް, އިތުރު 14,000 މީހުން ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ އިދާރާތަކުން ކަނޑައަޅައިފިއެވެ.

2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާގައި ހިންގަމުންދިޔަ ޤަތުލްޢާންމުގައި ޝަހީދު ކޮށްލި މީހުންގެ ޖުމްލައިގެ ގޮތުގައި މިހާރު ކަނޑައަޅާފައިވާ ޢަދަދަކީ 61,709 އެވެ. އެ ޢަދަދު ކަނޑައަޅާފައި ވަނީ ވީނުވީ އެއް ނޭނގި ގެއްލިފައިވާ މީހުންނާއި ޝަހީދު ވެފައިވާ ކަމަށް ބެލެވޭ މީހުން ހިމަނައިގެންނެވެ.

ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމުހެ ސަބަބުން މީހުން ސަލާމަތް ކުރުމުގެ މަސައްަކަތުގައި ކުރިން ނުބެލޭ ބައެއް ސަރަޙައްދުތައް ބެލުމުގެ ފުރުޞަތު މިހާރު ވަނީ ލިބިފައެވެ. މިހާރުގެ މަސައްކަތަކީ މީހުން ސަލާމަތް ކުރުމެއް ނޫނެވެ. ނަމަވެސް ޝަހީދު ވެފައިވާ މީހުންގެ ހަށިތައް ހޯދުމެވެ.

ޣައްޒާގެ މަޢުލޫމާތާ ބެހޭ އިދާރާއިން ބުނީ ހަނގުރާމައިގެ ޙާލަތުގައި ޝަހީދު ވެފައިވާ 76 އިންސައްތަ މިހުންގެ ހަށިތައް ހޯދައި ޞިއްޙީ މަރުކަޒުތަކަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް އަދި ވެސް 14,222 މީހުން ސުންނާފަތިވެ ބިމާ ހަމަވެފައިވާ ޣައްޒާގެ އިމާރާތްތަކުގެ ދަށުގައި އަދި އެ ނޫން ވެސް ސަރަޙައްދުތަކުގައި ހުރި ކަމަށް ޤަބޫލު ކުރެވޭ ކަމަށް އެ އިދާރާއިން ބުނެއެވެ.

ޣައްޒާގެ އަލް-ޝިފާ ހަސްފަތާލުގައި ހުންނަވާ ވާހަކަ ދައްކަވަމުން މަޢުލޫމާތާ ބެހޭ އިދާރާގެ އިސްވެރިޔާ ސަލާމާ މައުރޫފް ވިދާޅުވީ ޝަހީދުވީ މީހުންގެ ތެރޭގައި 17,881 ކުޑަކުދިންނާއި އަލަށް އުފަންވި 214 ކުދިން ހިމެނޭ ކަމަށެވެ. ޙަމަލާތަކުގައި 111,588 މީހުން ޒަޚަމް ވެފައިވާއިރު ދެ މިލިއަނަށް ވުރެ ގިނަ މީހުންނަށް ވަނީ ގެދޮރު ދޫކޮށް ދިޔުމަށް މަޖުބޫރު ވެފައި ކަމަށް އޭނާ ވިދާޅުވިއެވެ. ބައެއް މީހުން އެއް ސަރަޙައްދުން އަނެއް ސަރަޙައްދަށް 25އަށް ވުރެ ގިނަ ފަހަރު ބަދަލުވާން ޖެހުނު ކަމަށް އޭނާ ވިދާޅުވިއެވެ. އެ މީހުންގެ މިހާރުގެ ދިރިއުޅުމުގެ ޙާލަތުގައި ޒަރޫރީ ޚިދުމަތްތައް ވެސް ނުލިބޭ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

މައުރޫފް ވަނީ ޞިއްޙީ އަދި އިންސާނީ މަސައްކަތްތެރިންނާއި ނޫސްވެރިން ޝަހީދު ވެފައިވާ ޢަދަދުތައް ވެސް ޙިއްޞާ ކުރައްވާފައެވެ. އެ ގޮތުން 1,155 ޞިއްޙީ މަސައްކަތްތެރިންނާއި 205 ނޫސްވެރިންނާއި މަދަނީ ދިފާޢުގެ މަސައްކަތުގައި ޙަރަކާތްތެރިވި 194 މީހުން ޝަހީދު ވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.