 
										
			ބޮލީވުޑުގެ ގިނަ އަދަދެއްގެ ތަރިންނާއި އެކު ރާއްޖެ އިސްތިހާރުކުރުމުގެ ހަރަކާތެއް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީއިން ބާއްވައިފިއެވެ. 
މުމްބާއީގެ ފޯ ސީޒަންސް ހޮޓެލްގައި 'މޯލްޑިވިއަން ނައިޓް'ގެ ނަމުގައި ބޭއްވި މި ހަރަކާތުގައި އިންޑިއާގެ ފިލްމީ ދާއިރާގެ 100 އަށް ވުރެ ގިނަ ފަންނާނުން ބައިވެރިވެފައިވެއެވެ. 
މިހަރަކާތާއި ގުޅޭ ގޮތުން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީ ވިދާޅުވީ އިންޑިއާއަކީ އަބަދުވެސް ދިވެހިރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމަކަވާއިރު، އެޤައުމުގެ މަޝްހޫރު ފަރާތްތަކާއި އެކު ގުޅުން ބަދަހިކުރުން މުހިއްމު ކަމަށެވެ. އަދި މިއީ އެޤައުމުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށްވެސް އެހީތެރިވެދޭނެ ކަމެއްގެގޮތުގައި ޝިއުރީ ދެކެއެވެ.  
		
 
										
			ޝިއުރީ ވިދާޅުވީ މި ހަރަކާތުގެތެރެއިން އިންޑިއާ މީހުންގެ މެދުގައި ރާއްޖެއަށް އޮތް މަޤްބޫލުކަން ހާމަވެގެންދިޔަކަމަށެވެ. އަދި މި ބޮލީވުޑުގެ ފަންނާނުންނަށް ރާއްޖެއިން ލިބެން ހުރި ތަފާތު އެކި ބާވަތްތަކުގެ ތަޖުރިބާތަކުގެ މައުލޫމާތު މި ހަރަކާތުގެތެރެއިން ހިއްސާކޮށްފައިވާ ކަމަށް ޝިއުރީ ވިދާޅުވިއެވެ. 
"މުންބާއީގައި ބޭއްވި 'މޯލްޑިވިއަން ނައިޓް' އަކީ އިންޑިއާގެ މާކެޓަށް އަޅުގަނޑުމެން ދޭ އަހައްމިއްޔަތުކަމުގެ ހެއްކެއް. އަދި 2025 ވަނަ އަހަރުގެ އަޅުގަނޑުމެންގެ ކެމްޕޭންތަކުން ވަރަށް ފާހަގަކޮށްލެވޭ ނަތީޖާތަކެއް ލިބޭނެކަމާމެދު އަޅުގަނޑުމެނަށް ޔަޤީންކަން އެބަ އޮތް" ވިސިޓް މޯލްޑިވްސްގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝިއުރީ ވިދާޅުވިއެވެ.
'މޯލްޑިވިއަން ނައިޓް' ގައި އެތައް މަޝްހޫރު ފަންނާނުންނެއް ބައިވެރިވެފައިވާއިރު، އެ ފަރާތްތަކުގެ ސޯޝަލް މީޑިއާ ޕްލެޓު ފޯމުތަކުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ހަރަކާތްތައްވެސް ކުރިއަށްދާނެ ކަމަށް އެމްއެމްޕީއާރުސީއިން ވިދާޅުވިއެވެ.  
		
 
										
			އެމްއެމްޕީއާރުސީއިން ވިދާޅުވީ އިންޑިއާގައި ރާއްޖެ އިޝްތިހާރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މި އަަހަރުތެރޭގައި އެޤައުމުގެ މަޝްހޫރު އެތައް ފަންނާނުންނެއް ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށެވެ. 
އެމްއެމްޕީއާރުސީއިން ވަނީ މިއަހަރުތެރޭ އިންޑިއާއިން ރާއްޖެއަށް 3 ލައްކަ ފަތުރުވެރިން ގެނައުމަށް އަމާޒު ހިފާފައެވެ. އަދި މި އަމާޒު ހާސިލްކުރުމަށް މިއަހަރުތެރޭ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ވަނީ ރާވާފައެވެ.