ކުޅިވަރު

ވަރަށް އުފާވެއްޖެ. މި ހޯދުނީ ބޮޑު މޮޅެއް: އާޓެޓާ


މެންޗެސްޓާ ސިޓީ އަތުން 5-1އިން އާސެނަލް މޮޅުވީ ވަރަށް ގިނަ ކަންކަން ރަނގަޅަށް ކުރެވިގެން ކަމަށް ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން އޭނާ ބުނީ މިއީ އުފާވެރި ދުވަހެއް ކަމަށެވެ.

"އަހަރުމެންނާ އިދިކޮޅަށް ކުޅުނު ޓީމަށް ބަލާއިރު އަހަރުމެންނަށް މި ނަތީޖާ ލިބުނީ ވަރަށް ގިނަ ކަންކަން ރަނގަޅަށް ކުރެވިގެން. މޮޅުވުމުގެ ރޫހު ހުރުމުން. މިއަދަކީ ވަރަށް އުފާވެރި ދުވަހެއް. އަހަރުމެންނާ އެއްކޮޅަށް މި މެޗުގައި ވަރަށް ގިނަ ކަންކަން ވަނީ ހިނގައިގޮސްފައި،" ކޯޗު ބުންޏެވެ.

ކުރިން ގާޑިއޯލާގެ އެސިސްޓެންޓެއްގެ ގޮތުގައި ސިޓީގައި ހުރި އާޓެޓާ ބުނީ މިފަދަ މެޗުތަކުން މޮޅުވުމުގައި ނަސީބު ވެސް އެހީވާން ޖެހޭ ކަމަށާއި މި މެޗުގައި އާސެނަލް ދެއްކި ކުޅުމާމެދު ފަހުރުވެރިވާ ކަމަށެވެ.

"އަހަރުމެން ޖެހެނީ ތައްޓަށް ވާދަކުރާނަމަ މި ގޮތުގައި ނަތީޖާތައް ދަމަހައްޓަން. އޭރުން އަހަރުމެންނަށް ތަށި ހޯދުމުގެ ރޭހުގެ ކޮންޓްރޯލް ގެއްލިގެން ނުދާނެ. މި މެޗަކީ އުނދަގޫ މެޗެއް ނަމަވެސް އަހަރުމެން މިވަނީ ވަރަށް ރަނގަޅަށް ކުޅެ ނަތީޖާ ހޯދާފައި،" އާޓެޓާ ބުންޏެވެ.

މި ނަތީޖާއާއެކު އާސެނަލް ޓޭބަލުގެ ދެ ވަނާގައިވަނީ 50 ޕޮއިންޓާއެކުގަ އެވެ. މިއީ އެއް މެޗުން މަދުން ކުޅެ، އެއްވަނާގައިވާ ލިވަޕޫލަށްވުރެ ހަ ޕޮއިންޓް މަދު އަދަދެކެވެ. ސިޓީ އޮތީ 41 ޕޮއިންޓާއެކު ހަތަރުވަނާގަ އެވެ.