ކުޅިވަރު

އިމްރާން ހާންގެ ހާއްސަ ބޯޑު އަލުން ދަނޑަށް


ޕާކިސްތާނުގެ ކުރީގެ ކެޕްޓަން އަދި ކުރީގެ ބޮޑު ވަޒީރު އިމްރާން ހާނުގެ ނަންބޯޑު އަލުން ގައްދާފީ ސްޓޭޑިއަމުގައި ބަހައްޓައިފި އެވެ.

މި ބޯޑު ނެގީ މި މަހުގެ 19 ވަނަ ދުވަހު ޕާކިސްތާނުގައި ފަށާ ޗެމްޕިއަންސް ޓްރޮފީ މުބާރާތަށް ސްޓޭޑިއަމުގެ މަރާމާތް ކުރަން ފެށުމާއެކުގަ އެވެ. މިއާއެކު ދެން މި ބޯޑު ސްޓޭޑިއަމުގައި ނުބަހައްޓާނެ ކަމުގެ އަޑުތައް ގަދަވި އެވެ. ހާއްސަކޮށް އިމްރާންގެ ސަޕޯޓަރުން ޕާކިސްތާނުގެ ތެރޭގައި މި ވާހަކަ ވަރަށް ބޮޑަށް ދެއްކި އެވެ. ސަބަބަކީ އިމްރާން ހާން ސިޔާސީ މަސައްކަތުގައި މި ފަހުން ހަރަކާތްތެރިވާން ފެށުމާއި އޭނާއާ ދެކޮޅު ސިޔާސީ ފަރާތްތައް ވެރިކަމުގައި ތިބުމެވެ.

ނަމަވެސް އަލުން ބޯޑު ބެހެއްޓުމާއެކު ޕާކިސްތާނުގައި އިމްރާނަށް ސަޕޯޓްކުރާ ފަރާތްތަކުން ވަނީ ހިތްހަމަޖެހުން ފާޅުކޮށްފަ އެވެ. ސަރުކާރުން ބުނެފައިވަނީ ކުޅިވަރުގެ ތަރިންގެ އަގު ވަޒަން ކުރަންޖެހޭ ކަމަށާއި އިމްރާން ހާން ކުޅުންތެރިއެއްގެ ގޮތުން ގައުމަށް ހޯދައިދިން ރީތި ނަމާއި އެއްވަރަށް އޭނާގެ އަގު ވަޒަން ކުރެވޭނެ ކަމަށެވެ.

އިމްރާނަށް ހާނަށް މި ސްޓޭޑިއަމުގައި ވަކި ސަރަހައްދެއް ހާއްސަ ކޮށްފައިވެ އެވެ. އިމްރާން ހާންގެ ނަން ޖަހައި ފެހި ކުލައި ހާއްސަ ބޯޑެއް ބަހައްޓާފައި ވަނީ މި ސަރަހައްދުގެ ހާއްސަކޮށް ބޮޑުކުރުމުގެ ގޮތުންނެވެ.

2018 އިން 2022 އަށް ބޮޑު ވަޒީރުކަން ކުރެއްވި އިމްރާނަކީ ޕާކިސްތާނުގެ 19 ވަނަ ބޮޑު ވަޒީރެވެ. ސިޔާސީ ޕާޓީއެއްގެ ލީޑަރެކެވެ. މިވަގުތު އޭނާ އޮންނެވީ ހިޔާނާތުގެ ތުހުމަތުގައި ޖަލުގަ އެވެ. އުމުރުފުޅުން 72 އަހަރުގެ އިމްރާނަކީ 1971 އިން 1992 އަށް ޕާކިސްތާނުގެ ގައުމީ ޓީމަށް ކުޅުއްވި އެ ގައުމުގެ ކުރީގެ ކެޕްޓަނެވެ. މުޅި ދުނިޔޭގައި ވެސް އިހްތިރާމް ލިބިފައިވާ ކްރިކެޓްގެ ތަރިއެކެވެ. 1992 ވަނަ އަހަރުގެ ވޯލްޑްކަޕް ކްރިކެޓް މުބާރާތް ޕާކިސްތާން ކާމިޔާބު ކުރީ އޭނާގެ ކެޕްޓަންކަމުގެ ދަށުންނެވެ.

ނަމަވެސް ޖަލުގައި އޮންނެވުމުން ޗެމްޕިއަންސް ޓްރޮފީ ކްރިކެޓް މުބާރާތަށް ޕާކިސްތާނުން ތައްޔާރުވަމުން އަންނައިރު ދަނޑަށް ވަޑައިގެން މި މުބާރާތް ބެލުމުގެ ފުރުސަތު އިމްރާނަކަށް ނުލިބޭނެ އެވެ.