ބަނގްލަދޭޝްގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ގައުމީ ކޯޗު ޕީޓަރ ބަޓްލަރ އާއި އެކު ފަރިތަކުރުންތަކުގައި ބައިވެރިވުމަށް ދެކޮޅު ހަދާ ކޯޗުގެ ސުކޫލީ މައްސަލަތަކެއް ހުރިކަމަށް ބުނެ ކުރާ ތުހުމަތުތަކާއި ގުޅިގެން އެ މައްސަލަ ބެލުމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލައިފިއެވެ.
ކޯޗާއި މެދު ހިތްހަމަނުޖެހުން ފާޅުކޮށް ގައުމީ ޓީމުގެ ކުޅުންތެރިން ކުރާ ތުހުމަތުތައް ބެލުމަށް ބަނގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަނުން ކޮމިޓީއެއް އެކުލަވާލީ ހޮނިހިރު ދުވަހެވެ.
ކެޕްޓަން ސަބީނާ ޚާތުން އާއި އެހެން ބައެއް ކުޅުންތެރިންގެ ފަރާތުން މީޑިއާތަކަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ކޯޗު ބަޓްލަރ ކުޅުންތެރިންނާމެދު ތަފާތުކުރުންތައް ގެންގުޅޭ ކަމަށާއި، ކުޅުންތެރިންގެ މެދުގައި ބައިބައިވުން އުފެދޭ ގޮތަށް ބައެއް ކުޅުންތެރިންނަށް ހާއްސަ ގޮތްތަކެއް ބަހައްޓާ ކަމަށެވެ.
އަދި ކުޅުންތެރިންގެ ޒާތީ ކަންކަމާއި ބެހި ބުނަން ނުޖެހޭ ބަސްތައް ރައްދުކޮށް ބައެއް ކުޅުންތެރިންނާއި ދިމާލަށް އިހާނެތި ބަސްތައް ބުނާ ކަމަށެވެ.
ބަނގްލަދޭޝްގެ ގައުމީ ޓީމާ ހަވާލުވެ ހުރި އިނގިރޭސި ކޯޗު ބަޓްލަރ އެ މާގާމުގައި އިތުރަށް ބަހައްޓާނަމަ ގައުމީ ޓީމުން އިސްތިއުފާދޭނެ ކަމަށްވެސް ބައެއް ކުޅުންތެރިން ބުނެފައިވެއެވެ. އުމުރުން 58 އަހަރުގެ ބަޓްލަރ އާއި މެދު އަންހެން ޓީމުގެ ބައެއް ކުޅުންތެރިން ހިތްހަމަނުޖެހުން ފާޅުކޮށްފައިވާއިރު ބަޓްލަރ އެ ތުހުމަތުތައް ދޮގުކުރެއެވެ.
ބަނގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ އަންހެނުން ކޮމިޓީގެ ވެރިޔާ، މަހްފޫޒާ އަޚްތަރް ބުނީ އަންހެން ކުޅުންތެރިން ކޭމްޕްގައި ތިބެގެން ޓްރޭނިން ހަދަން ބޭނުންވާ ކަމަށާއި، އެކަމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އަދި އަންހެން ކުޅުންތެރިންނާއި ބައްދަލުކޮށް ކުޅުންތެރިންނަށް ވިސްނައިދޭން މަސައްކަތް ކޮށްފައިވާކަމަށެވެ. އަންހެން ޓީމާއެކު ފެޑެރޭޝަންގެ ރައީސް މަޝްވަރާ ކުރަމުންދާ ކަމަށްވެސް އޭނާ ބުންޏެވެ.
ވެސްޓްހޭމް ޔުނައިޑެޓްގެ ކުރީގެ މިޑްފީލްޑަރ ބަޓްލަރ ވަނީ މީގެ ކުރިން ބޮޓްސްވާނާ އާއި ލައިބީރިއާގެ ގައުމީ ފިރިހެން ޓީމަށް ކޯޗު ކޮށްދީފައެވެ. އޭނާ ބަނގްލަދޭޝްގެ ގައުމީ ޓީމާއި ހަވާލުވީ މާޗް 2024 ގައެވެ. ބަޓްލަރ ވަނީ މިދިޔަ އޮކްޓޫބަރގައި ބަނގްލަދޭޝް އަންހެން ޓީމަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދީފައެވެ.