ޚަބަރު

ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާ އެއްކޮށްލައި، ވަޒީރަކަށް ޠާރިޤު


  • މިނިސްޓަރކަމުގެ ލިޔުން ހަވާލުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ

  • ތިމާވެއްޓާއި ފަތުރުވެރިކަން ގުޅުވައިގެން ރާއްޖެ އިޝްތިހާރުކުރެއްވުމުގެ މުހިންމުކަން ރައީސް ވަނީ ފާހަގަކުރައްވާފައި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާ ބެހޭ ވުޒާރާ އަދި ފަތުރުވެރިކަމާބެހޭ ވުޒާރާ އެއްކޮށްލައްވައި ވަޒީރަކަށް ޠާރިޤު އިބްރާހީމް ޢައްޔަނުކުރައްވައިފިއެވެ.

މި ރަސްމިއްޔާތު ކުރިއަށްދިޔައީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ރަސްމިއްޔާތުގައި ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރުގެ މަޤާމަށް ޢައްޔަނުކުރެއްވުމުގެ ކުރިން، އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް އަދުނާންގެ ކުރިފުޅުމަތީގައި ޠާރިޤު އިބްރާހީމް ވަނީ ހުވައި، ކުރައްވާފައެވެ. އަދި މި ރަސްމިއްޔާތުގައި ވަޒީރުކަމުގެ ލިޔުން ހަވާލުކުރެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރުގެ މަޤާމަށް ޠާރިޤު އިބްރާހީމް ޢައްޔަނުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެބޭފުޅާއާއި ބައްދަލުކުރައްވާފައެވެ. އެގޮތުން ތިމާވެއްޓާއި ފަތުރުވެރިކަން ގުޅުވައިގެން ރާއްޖެ އިޝްތިހާރުކުރެއްވުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާބެހޭ ވުޒާރާ އަދި ފަތުރުވެރިކަމާބެހޭ ވުޒާރާ އެއްކޮށްލާފައިވަނީ ފަތުރުވެރިކަމާބެހޭ ވަޒީރުގެ މަޤާމުގައި ހުންނެވި އިބްރާހީމް ފައިޞަލް އެ އެމަޤާމުން މިދިޔަ އަންގާރަދުވަހު ވަކިކުރެއްވުމާއި ގުޅިގެންނެވެ.

ފަތުރުވެރިކަމާބެހޭ ވަޒީރުކަމުން ފައިސަލް ވަކިކުރެއްވުމަށްފަހު އެވުޒާރާ ވަގުތީގޮތުން ހިންގެވުން ހަވާލުކުރެއްވީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ މުޙައްމަދު ސަޢީދުއާއެވެ.