އޭޝިއަން ޔޫތު ގޭމްސް މިއަހަރުގެ އޮކްޓޫބަރު 22 ން 30 އަށް ބަހްރެއިންގައި ބޭއްވުމަށް ތާވަލުކޮށްފިއެވެ.
އޭޝިއަން ޔޫތު ގޭމްސްގައި މިއަހަރު 45 ގައުމަކުން 2000 އަށްވުރެ ގިނަ އެތުލީޓުން ބައިވެރިވާނެއެވެ. މިއަހަރުގެ ގޭމްސް ބާއްވާނެކަން އިއުލާނުކުރީ އޭޝިއަން ޔޫތު ގޭމްސްގެ ލޯގޯ އިފްތިތާހުކުރުމަށް ޖެނުއަރީ 28 ގައި ބަހްރެއިންގެ މަނާމާގެ ރިޓްޒް ކާލްޓަން ހޮޓެލްގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައެވެ.
ޖުމްލަ 21 ކުޅިވަރެއް ހިމެނޭހެން ބާއްވާ މި ގޭމްސްގެ ކުޅިވަރުތައް ކުރިއަށްދާނީ ބަހްރެއިންގެ ސްޕޯޓްސް ސިޓީ އާއި ބަހްރެއިން އިންޓަނޭޝަނަލް ސާރކިޓް އަދި ރޯޔަލް ގޮލްފް ކުލަބުގައި ކަމަށް ބަހްރެއިންގެ އޮލިމްޕިކް ކޮމިޓީން ބުނެއެވެ.
ބަހްރެއިންގެ މަނާމާގައި އޭޝިއަން ޔޫތް ގޭމްސް ބާއްވަން ނިންމާފައިވާއިރު މީގެކުރިން މި ގޭމްސް ބާއްވާފައިވަނީ އެންމެ ދެ އަހަރެވެ. ފުރަތަމަ އޭޝިއަން ޔޫތް ގޭމްސް ބޭއްވީ 2009 ވަނަ އަހަރު ސިންގަޕޫރުގައެވެ. ދެވަނަ ފަހަރަށް މި ގޭމްސް ބާއްވާފައިވަނީ 2014 ވަނަ އަހަރު ޗައިނާގެ ނަންޖިންގައެވެ. ތިންވަނަ އަހަރު މި ގޭމްސް ބާއްވަން އުޅުނީ 2017 ގައި ސްރަިލަންކާގައެވެ. އެހެންނަމަވެސް ފަހުން ޖަޕާނަށް ބަދަލުކޮށް އެ އަހަރުގެ މުބާރާތް ފަސްކުރީއެވެ. އެއަށްފަހު 2021 ވަނަ އަހަރު އަނެއްކާވެސް ޗައިނާގައި މުބާރާތް ބާއްވަން އުޅުނު ނަމަވެސް ކޮވިޑް 19 ޕެންޑަމިކާއި ގުޅިގެން މުބާރާތް ވަނީ ކެންސަލްވެފައެވެ.
ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ މިއަހަރުގެ ގޭމްސްގައި ބައިވެރިވެވޭނީ 14 އަހަރާއި 17 އަހަރާއި ދެމެދުގެ އެތުލީޓުންނަށެވެ.
މިއަހަރުގެ ގޭމްސް ބޭއްވުމަށް އެންމެ ފުރަތަމަ ފުރުސަތު ލިބުނީ އުޒްބަކިސްތާނަށެވެ. އެހެންނަމަވެސް ބަހްރެއިނަށް އޭޝިއަން ޔަޫތް ގޭމްސް ހޯސްޓް ކުރުމުގެ ފުރުސަތު ލިބުނީ އުޒުބަކިސްތާނުން އެ ފުރުސަތު ދޫކޮށްލުމުންނެވެ.