އަލިފާނުގެ ހާދިސާތަކަށް ހޭލުންތެރިކުރުވުމަށް ކޮންމެ އަހަރެއްގެ ރޯދަ މަހާ ދިމާކޮށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ކުރިއަށްގެންދާ "ފަޔަރ ޕްރިވެންޝަން ވީކް 2025" މާދަމާ މުޅި ރާއްޖޭގައި ފެށުމަށް ނިންމައިފިއެވެ.
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހިންގާ މި ޕްރޮގްރާމަކީ، އަލިފާނުގެ ޙާދިސާތަކަށް އާންމު ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ޢާއްމު ރައްޔިތުންނަށް ފޯރުކޮށްދޭން ބޭނުންވާ މެސެޖުތައް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން ކޮންމެ އަހަރަކު ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މިހަރަކާތުގެ ތެރެއިން ބަދިގެ ތެރޭގައި ހިނގާ އަލިފާނުގެ ހާދިސާތަކާއި ކަރަންޓުގެ ޒަރީއްޔާއިން ހިނގާ އަލިފާނުގެ ހަދިސާތަކުގެ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދެވޭނެއެވެ. މީގެ އިތުރުން އަލިފާން ރޯވުމަށް މެދުވެރިވާ ސަބަބުތަކާއި އެކަމުން ރައްކާތެރިވުމަށް މި ހަރަކާތުގެ ތެރެއިން ކިޔައި ދެވޭނެ ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.
ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ މި ހަރަކާތް މިފަހަރު އެމްއެންޑީއެފްއިން ކުރިއަށް ގެންދާނީ ވަރަށް ބޮޑަށް ސްކޫލްތައް ޝާމިލްކޮށްގެންނެވެ. އެގޮތުން މާލެއާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، މި ހަރަކާތުގައި ސްކޫލުތަކުގެ ގްރޭޑް 7 އާއި ގްރޭޑް 12 ދެމެދު ކިޔަވަމުންދާ ދަރިވަރުންނަށް މައުލޫމާތު ދޭނެއެވެ. މީގެ އިތުރުން ބެލެނިވެރިންނާއި މުވައްޒަފުންނަށް މައުލޫމާތު ދިނުމުގެ އިތުރުން މާލެ ސަރަހައްދުގެ ރަސްފަންނު އަދި ހުޅުމާލޭގެ ހިޔާ ސަރަހައްދުގައި މި ހަރަކާތް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.
އެމްއެންއެޑީއެފްއިން ވަނީ މި ހަރަކާތުގައި ބައިވެރިވާ މީހުންނަށް، ފަޔަ ބްލޭންކެޓް ބޭނުންކޮށްގެން ރައްކާތެރި މާހައުލެއްގައި އަލިފާން ނިއްވަން އާންމުންނަށް ފުރުސަތު ދޭނެކަން ފާހަގަކޮށްފައެވެ. މީގެ އިތުރުން މި ހަރަކާތް ކުރިއަށްދާ ވަގުތު ވަޑައިގަންނަވާ ބޭފުޅުން މެދުގައި ގުރުއަތުން ހޮވޭ ފަރާތްތަކަށް ހާއްސަ އިނާމުތަކެއް ލިބިގެންދާނެ ކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.
މިފަހަރު ހަރަކާތް ތަޢުލީމާއި ބެހޭ ވުޒާރާއާއި ގުޅިގެން ކުރިއަށް ގެންދާއިރު، މި ހަރަކާތަކީ ބެލެނިވެރިންނާއި ދަރިވަރުންނަށް ވަރަށް މުހިންމު، މަޢުލޫމާތުތަކެއް ދެވިގެންދާނެ ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.
މި ހަރަކާތާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސާވިސްގެ ޑެޕިއުޓީ ޑިރެކްޓަރ ސިވިލް އެފެއާޒް ކެޕްޓަން އިސްމާޢިލް އަހުމަދު ވިދާޅުވީ މި ހަރަކާތް ސްކޫލުތަކާއި ގުޅިގެން މިއަހަރު ކުރިއަށްގެންދާއިރު، މިދިޔަ އަހަރަށް ވުރެ ގިނަ މީހުންނަށް މިފަހަރު މަޢުލޫމާތު ދިނުމަށް އަމާޒު ހިފާފައިވާކަމަށެވެ.
"މިދިޔަ އަހަރު 4700 ފަރާތަކަށް، އަލިފާނާއި ގުޅުންހުރި ރައްކާތެރިކަމުގެ މަޢުލޫމާތާއި، ރަންގަޅު ކުރަންވީ ކަންތަކުގެ މަޢުލޫމާތު ހިއްސާ ކުރެވުނު. މިފަހަރު މިހިރީ 10،000 މަތީގެ އަމާޒެއް ހިފާފައި." ކެޕްޓަން އިސްމާޢިލް އަހުމަދު ވިދާޅުވިއެވެ.
މިފަހަރު މާލެއާއި އަތޮޅުތެރޭގެ ގިނަ ސްކޫލުތަކަށް އަމާޒުކޮށްގެން މި ހަރަކާތް ހިންގުމަށް ރޭވިފައިވާއިރު، މިއީ ބެލެނިވެރިންނާއި ދަރިވަރުންނަށް ވަރަށް މުހިންމު ހަރަކާތެއްގެ ގޮތުގައި އަމީނިއްޔާ ސްކޫލުގެ ޕްރިންސިޕަލް ނާޒްލީން ވާފިރު ވިދާޅުވިއެވެ.
"ސްކޫލް ޕްރިންސިޕަލެއްގެ ހައިސީއްޔަތުން އަޅުގަނޑު ދަންނަވާނީ މިއީ ވަރަށް މުހިންމު ކަމެކޭ. މިދިޔަ އަހަރުވެސް މާލޭ ސްކޫލްތަކުގައި ޕްރޮގްރާމް ކުރިއަށް ގެންދެވުނުއިރު މިއީ އެއް ކީ ލޯކޭޝަން. އަޅުގަނޑު ދަންނަވާނީ ވަރަށް ގިނަ ފަރާތްތަކަށް ވަރަށް ގިނަ މައުލޫމާތުތައް މިކަމުން ލިބިގެންދިޔައޭ. މިފަހަރު ދަރިވަރުންވެސް ހިމެނޭ ގޮތަށް ޕްރޮގްރާމް ރޭވިފައި އޮތީ. އަޅުގަނޑު ދަންނަވާނީ ވަރަށް މުހިންމު ކަމެކޭ " ނާޒްލީން ވިދާޅުވިއެވެ.
އެމްއެންޑީއެފްއިން މި ހަރަކާތް މާލެ ސަރަހައްދުގެ އިތުރުން އެމްއެންޑީއެފް އޭރިއާ ކޮމާންޑުތަކާއި ގުޅިގެން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ކުރިއަށް ގެންދާނެއެވެ. އެގޮތުން ރަށްރަށުގެ ސްކޫލްކުތަކުގައި މި ހަރަކާތް ކުރިއަށް ގެންދަނީ އެ ސަރަހައްދުތަކުގެ ފަޔަރ ސްޓޭޝަންތަކާއި ގުޅިގެންނެވެ.
2012 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގައި ވެސް ދަނީ މި ހަރަކާތް ބާއްވަމުންނެވެ. މި ހަރަކާތް އެންމެ ފުރަތަމަ އަމާޒު ކުރެވެމުން އައީ ގްރޭޓަރ މާލެ އޭރިއާއަށް ނަމަވެސް ފަހުން މި ހަރަކާތް އިތުރަށް ފުޅާކޮށް، މާލޭ އޭރިއާގެ ބައެއް ރަށްތަކާއި އޭރިއާތަކުގައި ޤާއިމުކޮށްފައިވާ ފަޔަރ ސްޓޭޝަންތައް މެދުވެރިކޮށް އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި މީގެ ކުރިން ކުރިއަށް ގެންގޮސްފައިވެއެވެ.