ޑޭވިސް ކަޕް ޓެނިސް މުބާރާތުގައި ޑެންމާކާއި ދެކޮޅަށް ސަރބިޔާ ކުޅެން ހަމަޖެހިފައިވާ މެޗަށް ނަގާފައިވާ ނޮވަކް ޖޮކޮވިޗް ގައުމީ ޓީމުން ވަކިވެއްޖެ އެވެ.
ނިމިގެންދިޔަ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ސެމީ ފައިނަލުގައި ޖަރުމަނުގެ އެލެކްޒެންޑަރ ޒްވެރޭވް އާއި ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ސެޓަށްފަހު ޖޮކޮވިޗް ވަނީ އޭނާއަށް ލިބިފައިވާ އަނިޔާގެ ސަބަބުން މެޗު ދޫކޮށްލާފަ އެވެ.
ޖުމްލަ 24 ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބު ކޮށްފައިވާ ޖޮކޮވިޗް ސެމީ ފައިނަލް މެޗު ދޫކޮށްލުމުން އެ މެޗު ބެލުމަށް ގޮސްތިބި ސަޕޯޓަރުން ވަނީ އޭނާއަށް މަލާމާތް ކޮށްފަ އެވެ. އަދި އެ މެޗަށްފަހު ޖޮކޮވިޗް ވަނީ އޭނާގެ އަނިޔާގެ ތަފްސީލް ފެންނަ އެކްސްރޭ ފޮޓޯ އެއް އޭނާގެ ސޯޝާލް މީޑިޔާގައި އާންމުކޮށްފަ އެވެ. އަދި އެ ފޮޓޯގެ ކެޕްޝަނުގައި އޭނާ ލިޔެފައިވަނީ ކުޅިވަރު އިންޖަރީތަކުގެ މާހިރުންނަށް މި ފޮޓޯ ދައްކާލުމަށް ހިތަށް އަރާތީ އެކަން ކުރާ ކަމަށެވެ.
އަންނަ ހުކުރު ދުވަހު ޑެންމާކާއި ދެކޮޅަށް ސަރބިޔާ ނިކުންނަނީ ޑޭވިސް ކަޕްގެ ފުރަތަމަ ބުރުގެ ކޮލިފައިން މެޗެއްގަ އެވެ.
މި މެޗުގައި ޖޮކޮވިޗް ބައިވެރި ނުވުމަކީ އެ ޓީމަށް ލިބޭ ހީނަރުކަމެއް ކަމަށާއި ނަމަވެސް މި މެޗަށް ނިކުންނާނީ މެޗުން މޮޅުވުމުގެ އަޒުމުގައި ކަމަށް އެ ޓީމުގެ ކެޕްޓަން ވިކްޓަރ ޓްރޮއިކީ ވަނީ ބުނެފަ އެވެ.