ޚަބަރު

މިދިޔަ އަހަރު ނިމުނުއިރު ސުޕްރީމް ކޯޓުގައި ނުނިމި ހުރީ 84 ގަޟިއްޔާ


  • މިދިޔަ އަހަރު ޖުމްލަ 149 މައްސަލައެއް ހުށަހެޅުމުގެ ހުއްދައާމެދު ގޮތެއް ނިންމުމަށް ހުށަހަޅާފައިވޭ

  • މިދިޔަ އަހަރު ގަޟިއްޔާއެއްގެ ގޮތުގައި 54 މައްސަލައެއް ވަނީ ރަޖިސްޓްރީކޮށްފައި

މިދިޔަ އަހަރު ނިމުނުއިރު ސުޕްރީމް ކޯޓުގައި 84 ގަޟިއްޔާ ނުނިމި ހުރި ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ސުޕްރީމް ކޯޓުން ވަނީ އެ ކޯޓުގެ މިދިޔަ އަހަރުގެ މަސައްކަތްތަކާގުޅޭ ތަފާސްހިސާބުތައް އާންމުކުރައްވާފައެވެ. އެ ތަފާސްހިސާބުތައް ދައްކާގޮތުގައި 2024 އަހަރު ޖުމްލަ 149 މައްސަލައެއް ހުށަހެޅުމުގެ ހުއްދައާމެދު ގޮތެއް ނިންމުމަށް ހުށަހަޅާފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ 2023 އަހަރު ނިމުނުއިރު ގޮތެއް ކަނޑައެޅިފައިނުވާ 12 މައްސަލައާއި މިދިޔަ އަހަރު ހުށަހެޅި 137 މައްސަލަ ހިމެނެއެވެ.

މި މައްސަލަތަކުގެ ތެރޭގައި ޖިނާޢީ 24 މައްސަލައަކާއި މަދަނީ 90 މައްސަލައާއި އާއިލީ މައްސަލައަކާއި ދުސްތޫރީ 2 މައްސަލަ އާއި އިންތިޚާބީ 4 މައްސަލައެއްގެ އިތުރުން ސުޕްރީމް ކޯޓުގެ ނިންމުން ރިވިއުކުރުމަށް ހުށަހެޅި 16 މައްސަލައެއް ހިމެނެއެވެ.


ސުޕްރީމް ކޯޓުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ކޯޓަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން މިދިޔަ އަހަރު އެ ކޯޓުގެ ގަޟިއްޔާއެއްގެ ގޮތުގައި 54 މައްސަލައެއް ވަނީ ރަޖިސްޓްރީކޮށްފައެވެ. އަދި 2023 ވަނަ އަހަރު ނުނިމި ހުރި 99 ގަޟިއްޔާއާއެކު ޖުމްލަ 153 ގަޟިއްޔާއަކާމެދު ގޮތެއް ކަނޑައަޅަންޖެހުނު ކަމަށް ސުޕްރީމް ކޯޓުން ވިދާޅުވިއެވެ.

މިދިޔަ އަހަރު ގޮތެއް ކަނޑައަޅަންޖެހުނު ގަޟިއްޔާގެ ތެރެއިން ގޮތެއް ކަނޑައަޅައިފައިވަނީ 63 ގަޟިއްޔާގެއެވެ. އަދި 6 ގަޟިއްޔާއެއް އެ މައްސަލަ ހުށަހެޅި ފަރާތުން އަނބުރާ ގެންގޮސްފައިވާއިރު މިދިޔަ އަހަރު ނިމުނުއިރު ޖުމްލަ 69 ގަޟިއްޔާއެއްގައި ގޮތް ކަނޑައަޅައި ނިމިފައިވާ ކަމަށް ސުޕްރީމް ކޯޓުން ވިދާޅުވެއެވެ.

މިއާއެކު މިދިޔަ އަހަރު ނުނިމިހުރި ގަޟިއްޔާގެ އަދަދަކީ 84 ކަމަށް ސުޕްރީމް ކޯޓުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައެވެ. މީގެ ތެރޭގައި ޖިނާއީ 11 ގަޟިއްޔާއަކާއި މަދަނީ 65 ގަޟިއްޔާ، ދުންތޫރީ ގަޟިއްޔާއަކާއި ނިހާއީ ހުކުމެއް ކަނޑައެޅުމުގެ 3 ގަޟިއްޔާ އަދި ސުޕްރީމް ކޯޓުގެ ނިންމުން ރިވިއު ކުރުމުގެ ގަޟިއްޔާއެއް ހިމެނެއެވެ.