ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އައު އިމާރާތުގެ ބިންގާ އަޅައިފިއެވެ. ބިންގާ އަޅުއްވައިފެއްވީ ސިޓީތަކާއި އިދާރީ ދާއީރާތައް ހިންގުމާއި އާއްމު ޚިދުމަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު އަޅުއްވައިދެއްވައިފިއެވެ.
މާރަންދޫ ކައުންސިލް އައު އިމާރާތުގެ ބިންގާ އަޅުއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ހއ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެރަށުގައި މިކަމަށްޓަކައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި މިއަދުވަނީ ތަކަންދޫ ކައުންސިލް އައު އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައިވެސް ބައިވެރިވެވަޑައިގެންފައެވެ.
ރައީސުލްޖުމްހޫރިއްޔާ މިނިމުނު ހަފްތާގެތެރޭގައި ރ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރޭގައި ހިމަނއިގެންވަނީ އެއަތޮޅުގެ ހަ ރށެއްގައި ކައުންސިލް އިމާރާތުގެ ބިންގާ އަޅާފައެވެ.
ސަރުކާރުގެ އަމާޒަކީ ހާލަތު ދަށްކޮށް ހުރި ހުރިހާ ރަށެއްގެ ކައުންސިލް އިދާރާތަކަށް މިދައުރުގެ ތެރޭގައި އައު އިމާރާތްތައް ޤާއިމުކޮށްދެއްވުމެވެ. އެގޮތުން ރަށްރަށުގެ ކައުންސިލްތަކުގެ ޖާގައިގެ މައްސަލަ ހައްލުކޮށްދެއްވުމަށް ސަރުކާރުން ފައްޓަވާފައިވާ މަސައްކަތުގެ ދަށުން 105 ރަށެއްގެ ކައުންސިލް އިމާރާތްކުރުމަށް މިހާތަނަށްވަނީ އިޢުލާންކޮށްފައެވެ. މި 105 ރަށުގެ މަސައްކަތް ނިމޭއިރު، ޖުމްލަކޮށް %70 ކައުންސިލްގެ ޖާގައިގެ މައްސަލައަށް ހައްލު ލިބޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.