ތިލަދުންމަތީ މުރައިދޫ ކައުންސިލް އިމާރާތުގެ ބިންގާ އަޅައިފިއެވެ.
މުރައިދޫ ކައުންސިލް އައު އިމާރާތުގެ ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ހއ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މުރައިދޫ ކައުންސިލް އައު އިމާރާތުގެ ބިންގާ އަޅުއްވާދެއްވީ މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރުއެވެ.
ޖާގައިގެ ދަތިކަން އޮތް ކައުންސިލްތަކަށް އައު އޮފީސް އިމާރަތްކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. އެގޮތުން ހާލަތު ދަށް 55 ރަށެއްގެ ކައުންސިލް އައު އިމާރާތް އެޅުމަށް މެލޭޝިއާގެ ކުންފުންޏެއްކަމަށްވާ ހެކްސްޓަރ ގްލޯބަލްއާ ސަރުކާރުން ހަވާލުކުރެއްވީ މިނިމުނު ހަފްތާގެ ތެރޭގައެވެ. މީގެތެރޭގައި މުރައިދޫ ކައުންސިލްވެސް ހިމެނެއެވެ.
ހެކްސްޓަރ ގްލޯބަލްއާ ކައުންސިލްތައް އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން މަސައްކަތްތައް ކުރިއަށްގެންދާގޮތަށެވެ. މި މަޝްރޫޢު ނިންމުމަށް އެކުންފުންޏާ ހަވާލުކޮށްފައިވަނީ 2 އަހަރާއި 6 މަސް ދުވަހެވެ.
ހެކްސްޓަރގެ އިތުރުން ޗައިނާ ސަރުކާރުގެ އެހީއާއެކު 50 ކައުންސިލެއްގެ އިމާރާތް ތަރައްޤީކުރެއްވުމަށްވެސް ސަރުކާރުންވަނީ ނިންމަވާފައެވެ. ސަރުކާރުގެ އަމާޒަކީ ހާލަތު ދަށްކޮށް ހުރި ހުރިހާ ރަށެއްގެ ކައުންސިލް އިދާރާތަކަށް މިދައުރުގެ ތެރޭގައި އައު އިމާރާތްތައް ޤާއިމުކޮށްދެއްވުމެވެ.
ރަށްރަށުގެ ކައުންސިލްތަކުގެ ޖާގައިގެ މައްސަލަ ހައްލުކޮށްދެއްވުމަށް ސަރުކާރުން ފައްޓަވާފައިވާ މަސައްކަތުގެ ދަށުން 105 ރަށެއްގެ ކައުންސިލް އިމާރާތްކުރުމަށް މިހާތަނަށްވަނީ އިޢުލާންކޮށްފައެވެ. މި 105 ރަށުގެ މަސައްކަތް ނިމޭއިރު، ޖުމްލަކޮށް %70 ކައުންސިލްގެ ޖާގައިގެ މައްސަލައަށް ހައްލު ލިބޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.