ޚަބަރު

ކާވާ ބީޗުވޮލީ މުބާރާތް: ތަށި ދިފާއުނުކުރެވި ކުއާޓަރއާ ހަމައިން ރާއްޖެއަށް މުބާރާތް ނިމިއްޖެ


މިއަހަރުގެ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަންސް (ކާވާ) ބީޗް ވޮލީބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލާ ހަމައިން ރާއްޖޭގެ ޕެއާތަކަށް މުބާރާތް ނިމިއްޖެއެވެ.

މިދިޔަ ހުކުރު ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ސްރީލަންކާގެ ނެގޮމްބޯ ބީޗުގައި ކުރިއަށްގެންދިޔަ މި މުބާރާތުގައި ރާއްޖޭގެ ހަތަރު ޕެއާ ވާދަކޮށްފައިވެއެވެ. އެއީ އަންހެން ދެ ޕެއާ އާއި ފިރިހެން ދެ ޕެއާ އެވެ. މި ޕެއާތައް ވަނީ މުބާރާތުގެ ކުއާޓާ ފައިނަލާ ހަމައަށް ދަތުރުކޮށްފައެވެ.

ފިރިހެން ޗެމްޕިއަންކަން ހޯދީ އިރާނުގެ އަމިރާލީ ގަލޭނޯވީ އާއި އަބޯލްހަސަން ކާކިޒާދޭގެ ޕެއާއެވެ. އަންހެން ޗެމްޕިއަންކަން ހޯދީ ކަޒަކިސްތާންގެ ލައުރާ ކަބުލްބެކޯވާ އާއި ނަޑެޒްޑާ އިވާންޗެންކޯގެ ޕެއާއެވެ.

މުބާރާތުގެ އެންމެ ފަހުގެ ފިރިހެން ޗެމްޕިއަނުންނަކީ ރާއްޖޭގެ އިސްމާޢީލް ސާޖިދު (ކުޑަކާއްޓޭ) އާއި އާދަމް ނަސީމް (އެޑަމް) ގެ ޕެއާއެވެ. ނަމަވެސް މިއަހަރުގެ މުބާރާތުގެ ތަށި އެ ޕެއާއަށް ދިފާއުނުކުރެވެއެވެ. ދެން މި މުބާރާތުގައި ރާއްޖެއިން ވާދަކުރި ފިރިހެން ޕެއާއަކީ މުހައްމަދު އަލީ (ޑެންޒޯ) އާއި އަހުމަދު މުހައްމަދު (ކޯކޭ) ގެ ޕެއާއެވެ.

ސާޖިދު އާއި އާދަމްގެ ޕެއާ ކުޅުނު ފުރަތަމަ މެޗުގައި ލަންކާގެ ދިލީޕާއާއި މަލިތުގެ ޕެއާ އަތުން ބަލިވީ 21-17، 14-21، 11-15 އިންނެވެ. އެއަށް ފަހު ކަޒަކިސްތާންގެ ގުރިން އާއި މުހައްމަދުގެ ޕެއާ އަތުން ބަލިވީ 18-21، 21-19، 16-18 އިންނެވެ. އަދި އިރާނުގެ ގަލޭނޯވީ އާއި އަބޯލްހަސަން އަތުން ބަލިވީ 16-21، 11-21 އިންނެވެ. ކުއާޓާގައި ލަންކާގެއަންޖަނާ އާއި ސަންދުންގެ ޕެއާ އަތުން ބަލިވީ 19-21، 19-21 އިންނެވެ.

ޑެންޒޯއާއި ކޯކޭގެ ޕެއާ ހަމައެކަނި މޮޅުވީ ފުރަތަމަ ބުރުގައި ބޫޓާންގެ ޖުމޭ އާއި ޑޯޖީގެ ޕެއާ 21-14، 21-12 އަތުން އެކަންޏެވެ. އެހެން ހުރިހާ މެޗަކުން ވަނީ ބަލިވެފައެވެ. އަންހެން ދެ ޕެއާގެ ތެރެއިން މެއިން ޑްރޯގައި ހައްވާ ރާޝިދާ އާއި އައިޝަތު މާޖިދާގެ ޕެއާ ވަނީ ފުރަތަމަ ބުރުގައި ބޫޓާންގެ ޒަންގްމޯ އާއި ލޭކީއާ ވާދަކޮށް 21-16، 21-8 އިން މޮޅުވެފައެވެ. ނަމަވެސް އެހެން ހުރިހާ މެޗަކުން ވަނީ ބަލިވެފައެވެ. އަރީޝާ އާއި ޒީނިޔާގެ ޕެއާ ވަނީ ހުރިހާ މެޗަކުން ބަލިވެފައެވެ.