ހުށައެޅުނު ގިނަ އަދަދެއްގެ މައްސަލަތައް ނުނިމި އެކަށީގެންވާ ވަރަށް މަސައްކަތްތަކެއް ނުކުރެވުނުކަމަށް ގިނަ ބަޔަކު ޤަބޫލުކުރާ އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް މިދިޔަ ސަރުކާރުގައި ގިނަ އަދަދެއްގެ ފައިސާ ޚަރަދުކޮށްފައިވާކަން ހާމަވެއްޖެއެވެ.
މިކަން ހާމަވެފައި ވަނީ އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުގެ 2022 ވަނަ އަހަރާއި 2023 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުތަކުންނެވެ.
އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހެއް މިދިޔަ ސަރުކާރުން އުފައްދާފައިވަނީ 2020 ވަނަ އަހަރުގެ ޑިސެންބަރުމަހުގެ 17 ވަނަ ދުވަހުއެވެ. މި އޮފީހަކީ 1953ގެ ޖެނުއަރީ މަހުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17ގެ ނިޔަލަށް ހިނގާފައިވާ އިންސާނީ ހައްގުތަކާއި ކަރާމާތާއި ގުޅުންހުރި މައްސަލަތައް ބެލުމަށް، ޤާނޫނުން ބާރުލިބިގެން އުފައްދާފައިވާ އޮފީހެކެވެ.
އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން އެކަށީގެންވާ ގޮތެއްގައި މި އޮފީހުގެ މަސައްކަތްތައް ނިންމާފައިނުވާކަމަށް ދައުލަތުގެ ބަންޑާރަނައިބު އަޙްމަދު ޢުޝާމް ވިދާޅުވެފައިވެއެވެ.
އޮމްބަޑްސްޕާސަން އޮފީސް އެންމެ ފުރަތަމަ އުފެއްދީ 2 އަހަރު ދުވަހުގެ މުއްދަތަކަށެވެ. މި މުއްދަތު ހަމަވީ 2022 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 17 ވަނަ ދުވަހަށެވެ. ފުރަތަމަ އޮފީސް އުފެއްދި މުއްދަތު ހަމަވިއިރު ގިނަ މައްސަލަތަކެއް ނުނިންމާ ހުރުމުން 2023 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހާ ހަމައަށް މުއްދަތު އިތުރުކުރިއެވެ. މުއްދަތު އިތުރުކުރިއިރު އެ އޮފީހަށް ހުށައެޅުނު 489 މައްސަލަތަކުގެ ތެރެއިން ނިންމާފައިވަނީ 111 މައްސަލައެވެ.
އޮޑިޓު ރިޕޯޓުތަކުގައިވާ ގޮތުން 2021ވަނަ އަހަރާއި 2022ވަނަ އަހަރާއި 2023ވަނަ އަހަރު އިންތިޤާލީ އިންސާފުގެ އޮފީހަށް ދައުލަތުގެ ބަޖެޓުން 39.5 މިލިޔަން ރުފިޔާ ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އޭގެ ތެރެއިން މުވައްޒަފުންގެ މުސާރައިގެ ގޮތުގައި 26 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.
އޮފީސް އެކުލަވާލި މުއްދަތު އިތުރުކުރުމުންވެސް މަސައްކަތްތައް ނުނިމި އޮތް ނަމަވެސް، އޮޑިޓު ރިޕޯޓުގައި ބުނެފައިވަނީ އެ އޮފީހުން ފައިސާ ޚަރަދު ކޮށްފައިވަނީ އެ އަހަރަކަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދެއްވި ބަޖެޓުގެ މަޤުޞަދުތައް ޙާސިލުވާގޮތަށް، އެ ބަޖެޓުގައި ކަނޑައަޅާފައިވާ ކަންތައްތަކަށް ބަޖެޓުގައި ކަނޑައެޅިފައިވާ މިންވަރަށް ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ކަމަށެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު، އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީސް އުވިފާވާއިރު، ނުނިމި މައްސަލަތަކެއް ހުރިކަން ބަންޑާރަނައިބު ފާހަގަކުރައްވާފައިވެއެވެ. އަދި އެ މައްސަލަތައް ބަންޑާރަަނައިބުގެ އޮފީހުން ބަލައިދޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތްކުރައްވާނެކަމަށްވެސް ބަންޑާރަނައިބު ވިދާޅުވެފައިވެއެވެ.