ރާއްޖޭގައި ކެންސަރު ބައްޔަށް ފަރުވާ ކުރާ މީހުންގެ އަދަދު މަދެއް ނޫނެވެ. އެންމެ ޢާންމު ކެންސަރުގެ ބާވަތުގެ ތެރޭގައި ފުއްޕާމޭގެ ކެންސަރު ޖެހިގެން ފަރުވާ ހޯދާ މީހުން ގިނައެވެ. ރާއްޖޭގައި ފުއްޕާމޭގެ ކެންސަރު ޖެހިގެން ފަރުވާ ހޯދާ ގިނަ މީހުންގެ ދުޝްމަނަކީ ހަމައެކަޗެއްކެވެ. އެއީ ދުންފަތެވެ. ނުވަތަ ސިނގިރޭޓެވެ. މި ވޭން ތަހައްމަލުކުރާ ކޮންމެ މީހެއްގެވެސް ނަސޭހަތަކީ ދުންފަތާ ދުރުހެލިވުމެވެ.
އުމުރުން 67 އަހަރުގެ ޢަބްދުލްވާޙިދު ދުންފަތުގެ އިސްތިއުމާލުކުރަން ފެށީ އޭނާގެ އުމުރުން އެންމެ 15 އަހަރުގައެވެ. އޭނާގެ އުމުރުން 48 އަހަރު ވަންދެން މެދުކެނޑުމެއްނެތި ދުންފަތުގެ އިސްތިއުމާލުކުރަމުން އައީ އޭގެއިން ލިބޭ ގެއްލުންވެސް އެނގިހުރެއެވެ. ރައްޓެހިންނާއި ލޯބިވާ ގާތް މީހުން ދެއްކެވި ވާހަކަތައް އޭރު އަޑުނޭހުނީ ދުންފަތުގެ އިސްތިއުމާލުކުރުމަށް ދެވިހިފާފައި ހުރުމުންނެވެ.
އަބްދުލް ވާޙިދު،67އ. އުމުރުން 15 އަހަރުން ފެށިގެން އައީ ދުންފަތުގެ އިސްތިއުމާލު ކުރަމުން. ނަތީޖާއެއްގެ ގޮތުން ކުރިމަތިލާން ޖެހުނީ ފުއްޕާމޭގެ ކެންސަރާ. މިއަދު އަބްދުލް ވާޙީދުގެ ނަސޭހަތަކީ ކޮންމެ މީހަކުވެސް ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް.#ފުރިހަމަސިއްހަތަކަށްދުމާދުރަށް pic.twitter.com/jYX7RpRXnw
— Ministry of Health (@MoHmv) January 23, 2025
މިއަދު ޢަބްދުލްވާޙިދު އެ ދުވަހު ގާތް މީހުންނާއި ހެޔޮ އެދޭ ރަހުމަތްތެރިން ދިން ނަސޭހަތް އަޑުނޭހުނީތީ ދެރަވެއެވެ. އެ ވާހަކަތައް އަޑު ނޭހުމުގެ ސަބަބުން އޭނާ ހޭދަ ކުރަންޖެހުނުހިތްދަތި ދުވަސްތަކަކީ ވޭނުގައި ހޭދަކުރަންޖެހުނު ދުވަސްތަކެއް ކަމަށް ޢަބްދުލްވާޙިދު ބުނެއެވެ.
މޫދަށް އެރި އުޅެނިކޮށް މެޔަށް އެރި ތަދަކާއެކު ޑޮކްޓަރަށް ދެއްކުމުން ހެދި ޓެސްޓުތަކާއެކު ޢަބްދުލްވާޙިދަށް ލިބުނީ އޭނާ ދުވަހަކުވެސް އުންމީދުކުރި ޚަބަރެއް ނޫނެވެ. އޭނާއަށް ފުއްޕާމޭގެ ކެންސަރު ޖެހިފައި ހުރިކަން އެނގުނެވެ. އެދުވަހުގެ ހިތްދަތިކަން އަދިވެސް ހަނދާނުގައި ހުރިކަން ފާޅުކުރަމުން ޢަބްދުއްވާޙިދު ބުނީ ހިތަށް އެރީ ކުރިން ސިނގިރޭޓާ ދުރަށް ދެވުނު ނަމަކަމަށެވެ.
"އެ ދުވަހު ވަރަށް ދެރަވި، ހިތަށް އެރި ކުރީގައި ހުއްޓާލެވުނު ނަމަ ހާދަ ރަނގަޅުވީހޭ. އޭރު ބޮމުން ދިޔައިރުވެސް ރަށްޓެހިންވެސް ނަސޭހަތްދޭ މާގިނައިން ސިނގިރޭޓު ނުބޯށޭ. އެހެންނަމަވެސް ސިނގިރޭޓަށް އެޑިކްޓްވެފައި ހުރުމުގެ ސަބަބުން ގެއްލުންވާއެއްޗެއްކަން އެނގިހުރެވެސް ބުއީމަ އޭގެ ހިތި ނަތީޖާ އަޅުގަނޑަށް ދުންފަތުގެ ސަބަބުން ވަރަށް ބޮޑު އަސަރުތަކެއް ކުރި،" ޢަބްދުލްވާޙިދު ބުންޏެވެ.
ޢަބްދުލްވާޙިދަށް ކެންސަރު ޖެހިފައިވާކަން އެނގުނީ ބަލީގެ ކުރީކޮޅުގައި ކަމުން އޭނާއަށް ފަރުވާ ހޯދުމަށް އަވަސްވެގަނެވުނެވެ. ނަތީޖާއަކީ އޭނާ މިއަދު ކެންސަރުން ސަލާމަތްވެފައި ހުރުމެވެ. ނަމަވެސް ކެންސަރާ އޭނާ ކުރި ހަނގުރާމައަކީ ވޭނީ ހަނގުރާމައެއް ކަމަށް އޭނާ ސިފަކުރެއެވެ. އަދި އެއީ އެއްވެސް މީހަކު ތަޖުރިބާ ކުރަން ނޭދޭ ތަޖުރިބާއެއް ކަމަށްވެސް އޭނާ ބުންޏެވެ.
"ސިނގިރޭޓް ބޯ މީހުންނަށް އަޅުގަނޑު ދޭން ބޭނުންވާ ނަސޭހަތަކީ، އަޅުގަނޑަށް މި ދިމާވި ހިތި ވޭނާއި ތަޖުރިބާ ތިބޭފުޅުން ނުކުރައްވާށޭ ދުންފަތުގެ ސަބަބުން، ދުންފަތާ ދުރުވާށޭ. ދުންފަތަކީ އެއްގޮތަކަށްވެސް ގާތްކުރަން ހެޔޮވާވަރު އެއްޗެއްވެސް ނޫނޭ،" ޢަބްދުލްވާޙިދު ބުންޏެވެ.
ޢަބްދުލްވާޙިދު ފަދަ އެތައް ބަޔަކު މިއަދު ކެންސަރާ ހަނގުރާމަކުރަމުން އެބަދެއެވެ. ބައެއް މީހުންނަށް ބަލީގެ ކުރީކޮޅުގައި ބަލި ދެނެގަނެވުނު ނަމަވެސް އަނެއްބައި މީހުންނަށް އެ ބަލި ޖެހިފައިވާކަން އެނގޭއިރު އޮންނަނީ ވަގުތު ފާއިތުވެފައެވެ.
ދުންފަތުގެ ސަބަބުން ކެންސަރުފަދަ ނުރައްކާތެރި ބަލިތަކާ ހަނގުރާމަކުރާ ކޮންމެ މީހެއްގެވެސް މިއަދުގެ ނަސޭހަތަކީ އެތަކެއްޗާ ދުރުވުމެވެ. ހާއްސަކޮށް، ޒުވާނުންނާއި ކުޑަކުދިން އެފަދަ ތަކެއްޗަށް ދެވިނުހިފަނީސް ދުރުވުމެވެ.