މިހާރު ކުރިއަށްދާ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރަތުގެ ފިރިހެން ސިންގަލްސްގެ ސެމީ ފައިނަލުގައި އެލެގްޒެންޑަރ ޒްވެރޭވްއާ ދެކޮޅަށް ކުޅުނު މެޗުގައި ނޯވަކް ޖޮކޮވިޗަށް އަނިޔާވުމުގެ ސަބަބުން މެޗު ދޫކޮށްލައިފި އެވެ.
ދުނިޔޭގެ އެއްވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި ކުރިން ހުރި ސަރބިޔާގެ ނޯވަކް ޖޮކޮވިޗް ވަނީ ޒްވެރޭވް އާއި ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ސެޓަށްފަހު މެޗު ދޫކޮށްލާފަ އެވެ. ޖުމްލަ 80 މިނިޓު ހޭދަވެގެންދިޔަ މި ސެޓު ހަތެއް ހައެއްގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވަނީ ޒްވެރޭވް އެވެ.
އުމުރުން 37 އަހަރުގެ ޖޮކޮވިޗް އަށް އަނިޔާގެ މައްސަލަ ފުރަތަމަ ކުރިމަތިވެފައިވަނީ ކުއާޓާރ ފައިނަލުގައި ކާލޯސް އަލްކަރޭޒް އާއި ދެކޮޅަށް ކުޅުނު މެޗުގަ އެވެ.
މެޗު ދޫކޮށްލުމަށްފަހު ޖޮކޮވިޗް ބުނެފައިވަނީ މި މެޗު ކުރިއަށް ގެންދިއުމަށް އޭނާއަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރި ކަމަށާއި ނަމަވެސް އޭނާގެ ފައިގެ މަސްގަނޑަށް ލިބިފައިވާ އަނިޔާގެ ސަބަބުން މެޗު އިތުރަށް ކުރިއަށް ގެންދަން އުނދަގޫ ވުމުގެ ސަބަބުން މެޗު ދޫކޮށްލީ ކަމަށެވެ.
މި މެޗު ބެލުމަށް ގޮސް ތިބި ސަޕޯޓަރުންގެ ފަރާތުން ޖޮކޮވިޗް އާއި ދިމާކުރި ނަމަވެސް އޭނާ ވަނީ ފުރަތަމަ ސެޓުގެ މެޗު ޕޮއިންޓާއެކު ޒްވެރޭވް އާއި ސަލާމް ކުރުމަށްފަހު މެޗު ދޫކޮށްލާފަ އެވެ.
ޖޮކޮވިޗް އިތުރަށް ބުނެފައިވަނީ އަގުބޮޑުކޮށް ޓިކެޓު ގަނެގެން ރަގަޅު މެޗެއް ބެލުމަށް އައި ފަރާތްތަކުގެ ކޮންމެވެސް ވަރެއްގެ ހިތްހަމަނުޖެހުމެއް ހުންނާނެ ކަމަށާއި އެކަން ގަބޫލުކުރެވުނު ނަމަވެސް އޭނާއަށް އެކަމުގައި ކުރެވޭނެ ކަމެއް އަދި ބުނާނެ އެއްޗެއް ނޭނގޭ ކަމަށެވެ.
ފުރަތަމަ ފަހަރަށް ގްރޭންޑް ސްލޭމް މުބާރާތެއް ކާމިޔާބު ކުރުމަށް ޖަރުމަނުގެ ޒްވެރޭވް އަށް ފުރުސަތު ލިބިފައިވާއިރު މީގެ ކުރިން އޭނާ ވާދަކުރި ބޮޑު ދެ ފައިނަލުން ވަނީ ބަލިވެފަ އެވެ.
މި މުބާރާތުގެ ފައިނަލުގައި ޒްވެރޭވް އާއި ދެކޮޅަށް ކުޅޭނެ ކުޅުންތެރިއެއް އެނގިގެންދާނީ އިޓަލީގެ ޔަނިކް ސިނާ އާއި އެމެރިކާގެ ބެން ޝެލްޓަން ކުޅޭ މެޗަށްފަހުގަ އެވެ.