ކުޅިވަރު

ޔޫތު ލީގަށް ދިރުން ގެނެސްދިން ހަތަރު ބެލެނިވެރިއެއްގެ ބޮޑު ހުވަފެން


ދިވެހި ފުޓްބޯޅައިގައި ޔޫތު ލެވެލްގެ ހަރަކާތްތައް ފަނޑުކޮށް އޮތުމަށްފަހު ފުޓްބޯޅައަށް އައު ދިރުމަކާއި އައު އުންމީދެއް ގެނެސްދިނީ ނިމިގެން ދިޔަ ދިވެހި ޔޫތު ލީގު މުބާރާތުންނެވެ.

ލީގުގެ ހުރިހާ ކަމަކާއި މޯލްޑިވްސް ސޮކަރ މޭޓުން ހަވާލުވެ މެނޭޖްކުރުމަށް ނިންމީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ކުޅިވަރު ވުޒާރާގެ އެހީތެރިކަން ވެސް ވަނީ ލިބިފައެވެ.

ލީގެއް ގޮތުގައި އުފަންކުރުވާ މުބާރާތަށް ފުރިހަމަ ސިފަ ގެނައުމާއި އެ ހިޔާލު އުފަންކޮށް ލީގަށް ދިރުން ގެނެސްދިނީ ހަތަރު ބެލެނިވެރިއެއްގެ އިސްނެގުމާއި އެކުއެވެ. އެއީ އިބްރާހިމް ނަޝީދު، ސޮފްވާން ޝަމީމް، ހަސަން ނަވާޒް އާދަމް އަދި އަހްމަދު ނަވާޒް އެވެ. މިއީ ގިނަ ދިރާސާތަކާއި މަޝްވަރާތަކުގެ އަލީގައި ފެށި ބޮޑު މަސައްކަތެކެވެ.

ޕީއެސްއެމް "ކުޅިވަރު ވިންދު" ޕްރޮގްރާމްގައި ވާހަކަދައްކަމުން ދިވެހި ޔޫތު ލީގުގެ ރާވާ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ އަހުމަދު ނަވާޒު ބުނީ މި ގޮތަށް ލީގެއް އުފަން ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ގިނަ ކުދިންނަށް ފުރުސަތު ހޯދައިދިނުން ކަމަށެވެ.

އެމްއެސް މޭޓްސް އިން ބޭރުގެ މުބާރާތްތަކަށް ކުދިން ގޮވައިގެން ދާ ކަމަށާއި، އެހެންނަމަވެސް އެއީ އެންމެ މޮޅެތި ކުދިންނަށް ލިބޭ ފުރުސަތެއް ކަމަށް އޭނާ ފާހަގަ ކުރިއެވެ. ނަމަވެސް ޔޫތް ލީގު ފަދަ މުބާރާތެއް ބޭއްވުމުން ގިނަ އަދަދެއްގެ ކުދިންނަށް ފުރުސަތު ލިބޭކަމަށްވެސް އޭނާ ބުންޏެވެ.

"އެމްއެސް މޭޓްސްއިން އަޅުގަނޑުމެން ކުދިން ގޮވައިގެން އެބަދޭ ޓޯނަމެންޓެއް ކުޅެން، ފަސް، ހަ އަހަރު ވެއްޖެ އަޅުގަނޑުމެން މި ޓޯނަމެންޓް ކުޅޭތާ" ލީގު އުފަން ކުރަމަށް ގެންގުޅުނު ވިސްނުމާއި ގުޅޭ ގޮތުން ނަވާޒު ބުންޏެވެ.

ނަވާޒް ބުނީ ބޭރުގެ މުބާރާތުން ފެނުނު މަންޒަރާއެކު ރާއްޖޭގައި އަމިއްލަ ފަސްގަނޑުގައި މިކަހަލަ މުބާރާތެއް ބޭއްވިއްޖެ ނަމަ ދިވެހި ފުޓްބޯޅައަށް ކުރާނެ ފައިދާ ވިސްނުނުކަމަށެވެ. ރާއްޖޭ ފުޓްބޯޅައިގެ ކުރިމަގަށްޓަކައި ހުރިހާ ކުދިންނަށް ލިބޭނެ ފުރުސަތަކަށް އޭރުން ފެށިގެން ހިޔާލު ކުރެވުނު ކަމަށް ނަވާޒު ބުންޏެވެ. މިއަހަރުގެ ދިވެހި ޔޫތު ލީގުގައި ވަނީ ތިން އުމުރުފުރާގެ މެދުގައި އަށް ޓީމު ވާދަކޮށްފައެވެ.

އެފްއޭއެމް ދިވެހި ޔޫތު ލީގުގެ ހުރިހާ މެޗެއް އަންގާރާ ދުވަހުގެ ރޭ ނިމިފައިވާއިރު، އިނާމް ދިނުމުގެ ހަފްލާ ތާވަލުކޮށްފައިވަނީ ހުކުރު ދުވަހަށެވެ. ޔޫތް ލީގުގެ 16 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ ވެލެންސިއާއެވެ. މި ލީގުގެ 14 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ ޓީސީ އެވެ. އަދި 12 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ ސަސް ކުލަބެވެ.