ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަންސް (ކާވާ) ބީޗް ވޮލީބޯލް ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް ރާއްޖޭގެ އަންހެން އަދި ފިރިހެން ގައުމީ ޓީމު ސްރީ ލަންކާއަށް ފުރައިފިއެވެ.
އަންނަ ހުކުރު ދުވަހުން ފެށިގެން އާދީއްތަ ދުވަހުގެ ނިޔަލަށް ލަންކާގެ ނެގޮމްބޯ ބީޗުގައި ކުރިއަށްގެންދާ މި މުބާރާތުގައި ރާއްޖޭގެ ހަތަރު ޕެއާއެއް ވާދަކުރާނެއެވެ. އެއީ އަންހެން ދެ ޕެއާ އާއި ފިރިހެން ދެ ޕެއާއެވެ.
މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ފިރިހެން ދެ ޕެއާއަކީ އިސްމާޢީލް ސާޖިދު (ކުޑަކާއްޓޭ) އާއި އާދަމް ނަސީމް (އެޑަމް) ގެ ޕެއާ އާއި މުޙައްމަދު އަލީ (ޑެންޒޯ) އާއި އަޙްމަދު މުޙައްމަދު (ކޯކޭ) ގެ ޕެއާއެވެ. އަންހެން ޕެއާގެ ތެރޭގައި ހިމެނެނީ ހައްވާ ރާޝިދާ އާއި އައިޝަތު މާޖިދާގެ ޕެއާގެ އިތުރުން އެންމެ ފަހުން ބޭއްވި ގައުމީ ބީޗް ވޮލީބޯޅަ ލީގުގެ ޗެމްޕިއަން އައިމިނަތު އަރީޝާ އާއި ފާތިމަތު ޒީނިއާގެ ޕެއާއެވެ.
ފުރުމުގެ ކުރިން ޓީމުގެ ކުޅުންތެރިންނަށް ޖާޒީ ހަވާލުކުރުމަށް އިއްޔެ ވަނީ ހާއްސަ ރަސްމިއްޔާތެއްވެސް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙަންމަދު އާމިރު އެވެ. މީގެއިތުރުން މި ރަސްމިއްޔާތުގައި އެސޯސިއޭޝަނުގެ އިސްވެރިންވެސް ބައިވެރިވިއެވެ.
ކާވާގެ ބީޗް ވޮލީ މުބާރާތްތަކުގައި ރާއްޖޭގެ ޕެއާތައް ވަނީ މިހާތަނަށް ބޮޑެތި ކާމިޔާބުތަކެއް ހޯދާފައެވެ.