ކުޑަކުދިން ކުށުގެ މާހައުލަށް ހުށަހެޅި ކުށްތަކަށް އަރައިގަތުމަށް މެދުވެރިވާ ސަބަބުތައް ހޯދުމަށް ދިރާސާއެއް ހަދަން ނިންމައިފައިވާ ދާހިލީ ސަލާމަތާއި ފައްނިންޔަތާބެހޭ ވުޒާރާއިން ވިދާޅުވެއްޖެވެ.
ކުށުގެ މާހައުލަށް ހުށައެޅޭ ކުޑަކުދިން ރީހެބިލިޓޭޓުކުރުމަށްޓަކައި ޚާއްޞަ ފެސިލިޓީއެއް ހެދުމުގެ މަސައްކަތްވެސް ސަރުކާރުން އަންނީ ކުރަމުންނެެވެ.
ދިރާސާއާއި ގުޅޭ މައުލޫމާތު ޕީއެސްއެމްނިއުސްއާ ހިއްސާކުރައްވާ ދާހިލީ ސަލާމަތާއި ފައްނިންޔަތާބެހޭ ވުޒާރާއިން ވިދާޅުވީ ކުޑަކުދިން ކުށުގެ މާހައުލަށް ހުށަހެޅޭ މައްސަލަތައް ދެނެގަނެ އެކަމުގައި ރާއްޖޭގެ ހާލަތު މިހާތަނައް ދެނެގަނެވިފައި ނެތްކަމަށެވެ. އަދި ސައިންޓިފިކަލީ އެކަމަށް ދިރާސާއެއްވެސް ހެދިފައި ނުވާކަން އެ ވުޒާރާއިން ވިދާޅުވިއެވެ.
އެގޮތުން ކުޑަކުދިންގެ މި ފަދަ ކަންކަން ދެނެގަނެ ހައްލުކުރުމަށް ކުށްތަކަށް އަރައިގަންނަ ސަބަބުތައް ދެނެގަތުމަށް ދިރާސާއެއް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެ ވުޒާރާއިން ވިދާޅުވީ މި ދިރާސާގެ މައިގަނޑު މަގްސަދަކީ މުޖްތަމައުގައި މި ހިމެނޭ ކުޑަކުދިން ކުށުގެ މާހައުލުން ސަލާމަތްކުރުމާއި މުޖްތަމައުގައި މިފަދަ ކަންކަމަށް މަގުފަހިވާކަންކަން ދެނެގަނެ އެކަމަަށް ފިޔަވަޅު އެޅުންކަމަށެވެ.
މި ދިރާސާގައި ދެނެގަންނާނެ ކަންކަމުގެ ތެރޭގައި ކުޑަ ކުދިން ކުށުގެ މާހައުލަށް ހުށައެޅެނީ ކީއްވެކަމާއި އެ ކުދިން އެހިސާބަށް ދަނީ ކީއްވެކަމާއި އަދި ކުޑަ ކުދިންގެ ތެރޭގައި އެންމެ ޓްރެންޑް ވަނީ ކޮން ކަމެއްކަން ދެނެގަންނާނެކަމަށް އެ ވުޒާރާއިން ވިދާޅުވެވެ. އަދި ކުށުގެ މާހައުލަށް ޅައުމުރުގައި ދާ ކުދިން އަންބުރާ މުޖުތަމައުއަށް ގެނައުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރާނެކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
"އަޅުގަނޑުމެން މި ދިރާސާގެ އަލީގައި ސްޓަޑީއެއް ހަދާނެ ކުޑަކުދިން އެހިސާބައް ދަނީ ކީއްވެކަން. އަދި ކޮބާތޯ ލޫޕް ހޯލްއަކީ. އަދި ކުޑަ ކުދިންގެ ތެރޭގައި އެންމެ ޓްރެންޑިން ބްރޭންޑްތަކަކީ ކޮބާތޯ" އެ ވުޒާރާއިން ވިދާޅުވިއެވެ.
ދާހިލީ ސަލާމަތާއި ފައްނިންޔަތާބެހޭ ވުޒާރާއިން ވިދާޅުވީ މި ދިރާސާ ހަދުމަށް ފަނޑު ހޯދުމަށް ޔުނިސެފްއާއެކު މަޝްވަރާކުރަމުންދާކަމަށެވެ. އަދި މި ދިރާސާ ހެދުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާރސިޓީއާއި ގުޅިގެންކަމަށާއި މިއީ މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިއަތް ގެންދާ ދިރާސާއެއްކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. މި ދިރާސާ މާރޗު މަހުގެ ތެރޭގައި ފަށައި މި އަހަރުގެ ނޮވެމްބަރު މަހަށް ނިންމާލުމަކީ އުއްމީދެއް ކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ދާހިލީ ސަލާމަތާއި ފައްނިންޔަތާބެހޭ ވުޒާރާއިން ވިދާޅުވީ މި ދިރާސާގެ ސަބަބުން ކުޑަކުދީންނާ ގުޅުންހުރި މައްސަލަތައް ހައްލުކުރުމަށް މަގުފަހިވާނެ ކަމަށެވެ. ސަރުކާރުން ވަނީ ޒިންމާ ނަގަންޖެހޭ ޢުމުރު 12 އަހަރަށް ކުޑަ ކުރެވުމާއެކު 12 އަހަރުގައި ކުށަށް އަރައިގަންނަ ކުދިންވެސް ރީހެބިލިޓޭޓްކުރުމަށް ހޯޕް އައިލެންޑްގެ ނަމުގައި ދަ.ވާނީ ހަމަ އެތަން ތަރައްޤީކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.