ރ. އަނގޮޅިތީމުގައި ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ އޭޓީއެމް ބެހެއްޓުމަށް އެރަށު ކައުންސިލާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ އަނގޮޅިތީމުގެ ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިންނެވެ.
މި އެއްބަސްވުމުގައި ބެންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ އޮފް ރީޓެއިލް އެންޑް އެސްއެމްއީ ބޭންކީން ބަދުރުއްދީން ޙަސަނެވެ. އަދި އަނގޮޅިތީމުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް ފައިޞަލް ނަސީމެވެ.
މުޅި ރާއްޖެއަށް ބޭންކު އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް އިފްތިތާހުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައެވެ. މި މަޝްރޫޢާއެކު ރައްޔިތުންގެ މާލީ ބައިވެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ސަރުކާރުން ވަނީ ރާވާފައެވެ.
އަނގޮޅިތީމުގައި އޭޓީއެމް ބެހެއްޓުމަށް އެރަށު ކައުންސިލާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، މިއަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓިއެމްގެ ޚިދުމަތް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
ބޭންކް އޮފް މޯލްޑިވްސްއިން މިހާރު ރާއްޖޭގެ 90 ރަށެއްގައި 150 އޭޓީއެމް ބަހައްޓައިގެން ދަނީ ޚިދުމަތް ފޯރުކޮށްދެމުންނެވެ. އަދި މިއަހަރުގެ މާރިޗު މަހުގެ ނިޔަލަށް 17 ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ދަނީ މަސައްކަތްކުރަމުންނެވެ.