ކުޅިވަރު

އޮސްޓްރޭލިއަން އޯޕަން: ސިނާ ކުއާޓާ ފައިނަލަށް


މިހާރު ކުރިއަށްދާ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ފރިހެން ސިންގަލްސް ބައިގެ ކުއާޓާ ފައިނަލުގެ ޖާގައެއް އެންމެ ފަހުގެ ޗެމްޕައަން އިޓަލީގެ ޔަނީކް ސިނާ ހޯދައިފިއެވެ.

މުބާރާތުގެ އެއްވަނައަށް ސީޑްކުރެވިފަވާ ސިނާ ކުއާޓާ ފައިނަލުން ޖާގަ ހޯދީ މުބާރާތުގެ ހަތަރުވަނަ ބުރުގައި 13 ވަނައަށް ސީޑުކޮށްފައިވާ ޑެންމާކުގެ ހެލްގް ރޫންއާ ވާދަކޮށް ތިން ސެޓު އެއް ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.

ހޫނުގަދަވުމުގެ ސަބަބުން އުނދަގޫތަކެއް ކުރިމަތުވު މެޗުގެ ފުރަތަމަ ސެޓު 6-3 އިން ކާމިޔާބު ކުރީ ސިނާއެވެ. ދެވަނަ ސެޓު 6-3 އިން ރޫން ކާމިޔާބުކުރިއިރު، ހޫނުގަދަވުމުގެ ސަބަބުން ވަނީ ކުޑަވަގުތުކޮޅަކަށް މެދުކަނޑާލާފައެވެ. އިއްޔެ ކުޅުނު މެޗު ކުރިއަށްދިޔައިރު އޮސްޓްރޭލިޔާގެ މެލްބަން ޕާކުގެ ރޮޑްލަވާ އެރީނާގެ ހޫނުމިން ވަނީ 32 ޑިގްރީއަށް ވުރެ މަތިވެފައެވެ.

މެޗުގެ ތިންވަނަ ސެޓު 6-3 އިން ސިނާ ކާމިޔާބުކުރިއިރު، ރޫންގެ ކަކުލަށް އަނިޔާވެގެން ވަނީ ކުޅުން މެދުކަނޑާލާފައެވެ. އޭގެފަހުން އަނެއްކާވެސް ކުޅުން މެދު ކަނޑާލަން ޖެހުނީ ކޯޓުގެ ނެޓަށް ދިމާވި މައްސަލަތަކެއްގެ ސަބަބުންނެވެ.

މި ބްރޭކަށްފަހު ހަތަރުވަނަ ސެޓު 6-2 އިން ކާމިޔާބުކޮށް، ސިނާ ވަނީ މެޗު ކާމިޔާބުކޮށްފައެވެ. މުބާރާތުގެ ކުއާޓާ ފައިނަލުގައި ސިނާ ނުކުންނާނީ އަށްވަނައަށް ސީޑްކޮށްފައިވާ އެލެކްސް ޑިމިނޯއާ ދެކޮޅަށެވެ.