ވުލްވްސްގެ މިޑްފީލްޑަރު މާރިއޯ ލެމީނާ މި ޓްރާންސްފާ މުއްދަތުގެ ތެރޭގައި އެ ކުލަބަށް ނުކުޅޭނެ ކަމަށް ކޯޗު ވިކްޓާ ޕެރޭރާ ބުނެފިއެވެ.
އުމުރުން 31 އަހަރުގެ ލެމީނާ އެ ކުލަބު ދޫކޮށްދާން ބޭނުންވާ ކަމަށް ބުނެފައިވާތީ މިދިޔަ ބުދަ ދުވަހު ނިއުކާސަލް އަތުން 3-0 ން މޮޅުވި މެޗުގައިވެސް އޭނާ ކުޅެފައެއް ނުވެއެވެ.
ޕްރިމިއާ ލީގުގެ 17 ވަނަގައި އޮތް ވުލްވްސް އިން ލެމީނާ އެކުލަބަށް ގެނައީ މީގެ ދެ އަހަރު ކުރިން 5 މިލިއަން ޕައުންޑަށެވެ.
ސައުދީ ޕްރޯ ލީގުގައި ހިމެނޭ ކުލަބު އަލް ޝަބާބް އިން ވަނީ ހިލޭ ޓްރާންސްފާގެ ދަށުން ލެމީނާ ހޯދުމަށް އެދިފައެވެ. އެހެންނަމަވެސް ވުލްވްސްއިން އެކަމަށް އެއްބަސްވެފައެއް ނުވެއެވެ.
ޕެރޭރާ ބުނީ އެއްވެސް ކުޅުންތެރިއެއް އަމިއްލައަށް ސުވާލު އުފެދޭ ކަމެއް އޮތް ނަމަ އެމީހަކު ލައްވާ ކުޅުވަން ބޭނުން ނުވާ ކަމަށެވެ. އަދި އެ ކުޅުންތެރިއަކު ހަދަން ބޭނުންވާ ގޮތެއް ނޭގި ޝައްކެއްގެ މަތީގައި ހުރެގެން ކުޅުމުގެ ބަދަލުގައި އޭނާ ބޭނުންވަނީ ޔަގީންކަމާއެކު ޓީމަށް ކޮމިޓްވެގެން ކުޅޭ ކުޅުންތެރިން ކަމަށެވެ.
އޭނާ ޓްރޭނިންގައި ބައިވެރިވާ ކަމަަށާއި އެހެންނަމަވެސް އޭނާގެ ވިސްނުން އޮތީ އެހެންތަނެއްގައި ކަމަށާއި، އޭނާ ދާން ބޭނުންވާ ކަމަށް ޕެރޭރާ ބުންޏެވެ. އެހެންކަމުން ޓްރާންސްފާ މާކެޓްގެ މުއްދަތު ނިމެންދެން ލެމީނާ ހަދާ ގޮތެއް ބަލަން މަޑުކުރާނެ ކަމަށް ޕެރޭރާ ބުންޏެވެ. ޓްރާންސްފާ މާކެޓް ބަންދުވާނީ 3 ފެބުރުއަރީގައެވެ. އޭގެ ކުރިން އާސެނަލް އާއި އެސްޓަން ވިލާ އާއި ދެކޮޅަށް ވުލްސްވް އިން ދެމެޗު ކުޅެން ޖެހޭނެއެވެ.